އާޖެންޓީނާއާއި މިސްރުން ވާދަކުރި ގަދަ 16 ގެ މެޗުގައި ރެފްރީންގެ ފަރާތުން ގޯހެއް ފެނިގެން ނުދާ ކަމަށާއި، ފީފާ ވޯލްޑް ކަޕް މެޗުތަކަށް ނުކުންނަ ރެފްރީގެ ނަޒާހަތްތެރިކަމާމެދު ސުވާލު ކުރެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ފީފާގެ ރެފްރީން ޗީފް ޕިއޭލުއީޖީ ކޮލީނާ ބުނެފިއެވެ.

އާޖެންޓީނާއާއި މިސްރުން ވާދަކުރި ގަދަ 16 ގެ މެޗުގައި މިސްރުން 2-0 ގައި އޮއްވާ އާޖެންޓީނާއިން މޮޅުވީ ފަހުވަގުތު ތިން ގޯލް ޖަހައި، 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު މިސްރުން ވަނީ ރެފްރީން އާޖެންޓީނާ ކޮޅަށް ބުރަވި ކަމަށް ގިނަ ވާހަކަތަކެއް ދައްކައި، ރަސްމީކޮށް އެ މައްސަލަ ހުށަހަޅައިފައެވެ.

މިސްރުގެ ކޯޗު، ހޮސާމް ހަސަން މެޗަށްފަހު ބުނީ ރެފްރީ ކަންކަން ކުރީ ނާއިންސާފުން ކަމަށެވެ. އަދި މުބާރާތް މިދަނީ އާޖެންޓީނާ ދަށި ދޭން އުޅޭ މިސްރާބަށް ކަމަށް އޭނާ ބުންޏެވެ.ހަސަން ބުނީ މިސްރަށް ދޭން ޖެހޭ ޕެނަލްޓީއެއް ނުދީ ދިޔަ ކަމަށާއި، ދޭން ޖެހޭ ގޯލެއްވެސް ނުދީ ދިޔަ ކަމަށެވެ. އަދި މިސްރު އެފްއޭއިން ވަނީ އެ މައްސަލަ ބަލައިދޭން ފީފާއަށްވެސް އެދިފައެވެ.

އެކަމުގައި ކޮލީނާ ވަނީ މިސްރަށް ވަރުގަދަ ރައްދެއް ދީފައެވެ.

"ބިނާކުރުވަނިވި ފާޑުކިޔުން ނިންމުތަކަށް ކިޔަންވީ. އެއީ ފުޓުބޯޅައިގެ ބައެއް. އެކަމަކު ސާބިތުނުހިފޭ ދޮގު ވާހަކަތަކަށް ރެފްރީންނަށް ނިސްބަތްކޮށް ދެއްކުން އެއީ ކުޅިވަރު ދަންނަ ކަމެއް ނޫން،" ކޮލީނާ ބުންޏެވެ.

"ދެން އަނެއް ކަމަކީ ފީފާ ވޯލްޑް ކަޕް ރެފްރީންގެ ނަޒާހަތްތެރިކަމާމެދު އެއްވެސް ބަޔަކަށް ސުވާލެއް ނުއުފެއްދޭން. އެއްވެސް މީހަކަށް ފީފާ ރެފްރީންނަށް ނުފޫޒެއް ނުފޯރުވޭނެ. އެއީ ފީފާ ރައީސް ކަމަށް ވިޔަސް އެކަން އޮތީ އެހެން،" ކޮލީނާ އިތުރަށް ފާހަގަކުރިއެވެ.

މިސްރުން މެޗަށްފަހު އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އެޓީމުގެ ގޯލެއް ރެފްރީ ވީއޭއާރް ބަލައި ގޯލެއް ނޫން ކަމަށް ނިންމި ވާހަކައެވެ. މިސްރުގެ މުސްތަފާ ޒީކޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް މެދުވެރިކޮށް ބެލުމަށްފަހު، މެޗުގެ ރެފްރީ ފްރާންސުވާ ލެޓެކްސިއޭ ވަނީ އެ ގޯލު ކެންސަލްކޮށްފައެވެ. އެއީ އެ ހަމަލާ އުފެއްދުމުގެ ކުރިން މިސްރުގެ މަރްވާން އަތިއާ، އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒަށް ފައުލްކޮށްފައިވާތީއެވެ.

ދެން އަނެއް ކަމަކަށް މިސްރުން ފާހަގަކުރީ މެޗުގެ ފަހުކޮޅު މިސްރުން ޕެނަލްޓީއަކަށް އެޕީލްކުރި ހާދިސާއެވެ. އާޖެންޓީނާއިން މޮޅުވި ގޯލު ޖެހުމަށް އުފެއްދި ހަމަލާގެ ކުރިން، މިސްރުގެ މުހައްމަދު ސަލާހަށް ފައުލްކޮށްފައިވާ ކަމަށް މިސްރުން ތުހުމަތުކުރިއެވެ. ނަމަވެސް ރެފްރީ ކުޅުން ކުރިއަށްގެންދަން ނިންމައި، އޭގެ ކުޑަ ހިނދުކޮޅެއް ފަހުން އެންޒޯ ފެނާންޑޭޒް ވަނީ އާޖެންޓީނާ މޮޅުވި ގޯލު ކާމިޔާބުކޮށްފައެވެ.

ކޮލީނާ ބުނީ އެ ދެ ނިންމުންވެސް ރެފްރީ ނިންމީ ރަނގަޅަށް ކަމަށެވެ.

"ފައުލްއަކީ ފައުލެއް. އެއީ ގަސްދުގައި ކުރި ފައުލެއް ނޫނަސް. އަދި ރެފްރީއަށް ނުފެނި ދިޔަ ފައުލެއް ވިޔަސް ފައުލަކީ ފައުލް. އަދި ވީއޭއާރަށް އެވަގުތު އިންޓަވީން ކުރެވޭނެ. ކުޅުންތެރިއެއްގެ ފަޔަށް އެރުން އެއީ ފައުލެއް. އަނެއްކޮޅުން ބޯޅައިގައި ޑިފެންޑަރު ޖެއްސުމަށްފަހު ދެން ކުޅުންތެރިޔާ ފައިގައި ނޯމަލް ފުޓްބޯލް ކޮންޓެކްޓްގައި ޖެހުނަސް އެއީ ފައުލެއް ނޫން. ސަލާހް ފައިގައި އަލްވަރޭޒްގެ ފައިން ޖެހުނު ކޮންޓެކްޓް ވީއޭއާރް ބެލި، އެއީ ނޯމަލް ފުޓްބޯލް ކޮންޓެކްޓެއް ކަމަށް ނިންމީ،" ކޮލީނާ ބުންޏެވެ.

ކޮލީނާ ބުނީ ސީދާ ހުރިހާ ނިންމުމެއް އެންމެ ފުރިހަމަ ނުވެދާނެ ނަމަވެސް މިހާތަނަށް ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކޮށް ނިންމާފައިވާ ނިންމުންތަކަށް ހިތްހަމަ ޖެހޭ ކަމަށެވެ.