މިއަހަރުގެ ވޯލްޑް ކަޕްގައި ކުއާޓާ ފައިނަލް ކުޅުމަކީ މޮރޮކޯއަށް ކާމިޔާބީއަކަށް ނުބަލާނެ ކަމަށާއި ކާމިޔާބީއެއް ހޯދިއްޖެ ކަމަށް ބުނެވޭނީ ތަށި ހޯދުމުން ކަމަށް ކޯޗު މުހައްމަދު ވަހްބީ ބުނެފިއެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ މޮރޮކޯއަކީ ތާރީހީ ޓީމެކެވެ. އެފަހަރު މޮރޮކޯއިން ހޯދި ކާމިޔާބީއަކީ އެފްރިކާއަށްވެސް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ދާން މޮރޮކޯއިން މަސައްކަތް ކުރަމުންދާ އިރު، މިރޭ ނުކުންނާނީ ވަރުގަދަ ފްރާންސާ ދެކޮޅަށެވެ.
"އަހަރެމެން ކާމިޔާބީ ވަޒަންކުރާނީ މުބާރާތް ނިމުނީމަ. އަހަރެމެން މިހާރު ނުބުނާނަން ވަކި އެއްޗެއް، އެއީ މޮރޮކޯއަށް އަދި އިތުރަށް ކުރިއަށް ދެވޭނެތީ، އެ ފެންވަރު ހުރީތީ. އަހަންނަށް ވަރަށް ބަލައިނުގަނެވޭ ވާހަކައެއް އެއީ މޮރޮކޯއަށް މިހާރު މިއޮތީ ކާމިޔާބުވެފައޭ، ދެން ހޯދާ ކޮންމެ މޮޅަކީ ބޯނަސްއެކޭ ބުނާ ބުނުން. ބޯނަސްއަކީ ވޯލްޑް ކަޕް ހޯދުން. އެއީ އަހަރެމެން ކާމިޔާބު ނިންމާނެ ހިސާބަކީ،" ވަހްބީ ފާހަގަކުރިއެވެ.
މޮރޮކޯއާ ދެކޮޅަށް މިރޭ ނުކުންނަ ފްރާންސަކީ 2022 ވަނަ އަހަރު ފައިނަލް ކުޅެ، 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދާފައިވާ ޓީމެކެވެ. އެހެންކަމުން ފްރާންސަކީ ފެވަރިޓުން ކަމަށް ވަހްބީ ފާހަގަކުރިއެވެ.
"ފްރާންސަކީ ފެވަރިޓުން. އެކަމަކު އަހަރެމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން މެޗު ކާމިޔާބުކުރަން. ދެޓީމަކީވެސް މުބާރާތުގެ ތެރެއިން ކުރިއަރަމުންދާ ދެޓީމު. އެހެންވީމަ މި މެޗުގެ ނަތީޖާ ކުރީބައިގައި ނިންމަން އުނދަގޫވާނެ،" ވަހްބީ ފާހަގަކުރިއެވެ.
މޮރޮކޯއިން ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކައިރިން އެއްވަރުވި އިރު، ހެއިޓީއާއި ސްކޮޓްލޭންޑް ކައިރިން ފަސޭހައިން މޮޅުވިއެވެ. އަދި އޭގެފަހުން ނޮކްއައުޓްގައި މޮރޮކޯއިން ވަނީ ނެދަލޭންޑްސްއާއި ކެނެޑާވެސް ކަޓުވާލައިފައެވެ.
މިރޭ މޮރޮކޯއާއި ފްރާންސް ވާދަކުރާ މެޗު އޮންނާނީ މެންދަމު 1:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް