ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށްޓަކައި ބާއްވަންޖެހޭ ރަސްމީ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.
މި އެއްބަސްވުމުގެ ކަންކަމާ ގުޅޭ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ދުވަހު ވިދާޅުވެފައިވަނީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މި އެއްބަސްވުމުގެ މަސައްކަތް ނިންމައި އަމަލުކުރަން ފެށުން ކަމަށެވެ. އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އުފައްދާ ބާވަތްތަކަށް އިންޑިއާގެ ބާޒާރުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، ހާއްސަކޮށް އިމްޕޯޓް ޑިއުޓީ ކުޑަވުމާއި، ވިޔަފާރި ކުރުމުގައި ހުރި އެހެނިހެން ހުރަސްތައް ނެތިގެންދާނެކަމަށް ސައީދު ވިދާޅުވެފައިވެެއެވެ.
އެފްޓީއޭގެ ދެވަނަ މަޝްވަރާގެ ބައްދަލުވުން ބާއްވާފައިވަނީ ސައީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދުގެ ވަގުތެއްގައެވެ. ސައީދު އިންޑިއާއަށް ވަޑައިގަތީ އިންޑިއާގެ ކޮމާސް މިނިސްޓަރު ޝްރީ ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށެވެ.
އެ ބައްދަލުވުމަށްފަހު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިޔޫސް ގޯލްއާއެކު ބޭއްވި ބައްދަލުވުމުގައިވަނީ އެފްޓީއޭގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރަން މަސައްކަތް ކުރަމުންދާ އެފްޓީއޭގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް، ވިޔަފާރި ކުރުމަށް ހުރި ގޮންޖެހުންތަކަށް ގިނަ ލުއިތަކެއް ހޯދިގެންދާނެ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ރާއްޖެއާއި އިންޑިއާ ދެމެދު އެފްޓީއޭއެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފައެވެ.
އެއަށްފަހު، އެފްޓީއޭ ކުރިއަށްގެންދާނެ އުސޫލުތައް ކަނޑައަޅާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
މުހައްމަދު އިޝާން
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް