ހޮރުމުޒް ކަނޑުއޮޅީގައި ގަތަރުގެ އެލްއެންޖީ ޓޭންކަރަކަށް ދިން ހަމަލާގެ ތުހުމަތު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ރަސްމީކޮށް ދޮގުކުރައްވައިފިއެވެ.
އަރަގްޗީ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ދާދި ފަހުން ހިންގަމުންދާ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ކަނޑުމަތީގެ މުއާހަދާތަކާއި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ. އަދި އެމެރިކާއިން އާ ކަނޑުމަގުތަކެއް ހުޅުވަން މަސައްކަތްކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އީރާނުގެ ގައުމީ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ ދީފައެވެ.
މި ހާދިސާގައި ހަމަލާ އަމާޒުވެފައިވަނީ ގަތަރުގެ “އަލް ރެކައްޔާތު” ނަމަކަށް ކިޔާ އެލްއެންޖީ ޓޭންކަރަކަށެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން ޓޭންކަރުގެ އިންޖީނު ރޫމުގައި އަލިފާން ރޯވެފައިވާއިރު، ގަތަރުން ވަނީ މިކަމުގެ ފުރިހަމަ ގާނޫނީ ޒިންމާ އީރާނުން ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ.
އީރާނުގެ މި ތުހުމަތުތަކާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ތަފާތު ގޮތަކަށް މައުލޫމާތު ހާމަކޮށްފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި ވިޔަފާރި ބޯޓުތަކަށް އީރާނުން ދިން ހަމަލާތަކަކީ އެއްވެސް އަސާސެއް ނެތް، ނުރައްކާތެރި އަދި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފު އަމަލުތަކެކެވެ. ސެންޓްކޮމްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ބައިނަލްއަގުވާމީ ކަނޑުމަގެއްގައި އާންމުން ދަތުރުކުރަމުންދިޔަ ވިޔަފާރި ބޯޓުތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މިކަމަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން ވަނީ އީރާނަށް ތެޔޮ ވިއްކުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް، އީރާނުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ގޮވުންތަކެއްގެ އަޑު އިވިފައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް