އއ. ހިމަންދޫގެ އުތުރު ފަރާތު މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެނބެމުން ދަނިކޮށް، ފުލުހަކާއި އެ ރަށު އާންމު ރައްޔިތަކު، އެ ކުދިން ސަލާމަތްކޮށްފިއެވެ.

އއ. ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ހިމަންދޫ އުތުރު ފަރާތު ބީޗް ސަރަހައްދުގައި ކަމަށެވެ. އއ. ފުލުހުން ބުނީ ގެނބިފައިވަނީ އުމުރުން 11 އަހަރާއި 12 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށާއި، ފުލުހުންނަށް އެކަމުގެ މައުލޫމާތު ލިބުނީ އެ ސަރަހައްދުގައި ހުރި އަންހެނަކު ދިން ރިޕޯޓަކާ ގުޅިގެން ކަމަށެވެ.

އެ ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ދިޔައިރު، އެ ދެ ކުދިން ތިބީ ގޮނޑުދޮށާ ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ގެނބިގެން ސަލާމަތަށް އެދި އަތްހޫރާލަ ހޫރާލައިކަމަށް އއ. ފުލުހުން ބުންޏެވެ. އެ މަންޒަރު ފެނުމާއެކު، ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހްއާއި ހިމަންދޫ ދިލާސާގެ މުހައްމަދު އާހިލް ވަނީ ފަތާފައި އެ ކުދިންނާ ހަމައަށް ގޮސްފައި ކަމަށެވެ.

އެ ދެ ކުދިން ސަލާމަތްކޮށްގެން އެއްގަމަށް ގެނައުމުގެ މަސައްކަތުގައި ހިމަންދޫގެ އިތުރު ދެ މީހަކުވެސް ވަނީ އެހީތެރިވެފައިކަމަށް އއ. ފުލުހުން ބުންޏެވެ. ދެ ކުދިންވެސް ސަލާމަތުން އެއްގަމަށް ގެނެވުނުއިރު، އެ ކުދިންގެ ހާލު ރަނގަޅުކަމަށް އއ. ފުލުހުން ބުންޏެވެ.

ނަމަވެސް، ގެނބުނު ވަގުތު ކޮންމެވެސް ވަރަކަށް ލޮނު ބޮވިފައިވާތީ އެކަމަށް ފަރުވާ ދީފައިވާނެކަމަށް އއ. ފުލުހުން ބުންޏެވެ.