ސިވިލް ކޯޓަށް އަލަށް އައްޔަންކުރާ ތިން ގާޒީންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، އެ މަގާމުތަކަށް 42 މީހަކު ކުރިމަތިލައިފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ހުޅުވާލި މި ފުރުސަތުގައި ގާޒީކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ހޮވުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިހާރު ވަނީ ފަށައިފައެވެ.

ސިވިލް ކޯޓުގެ ގާޒީއެއްގެ މުސާރަ އާއި އިނާޔަތްތަކަށް، މަހަކު 60,000 ރުފިޔާ ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ 37,700 ރުފިޔާއާއި އެލަވަންސްގެ ގޮތުގައި ލިބޭ 22,300 ރުފިޔާއެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ އަސާސީ ޝަރުތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގެ ނުވަތަ ގާނޫނީ ވަކީލުކަމުގެ ދާއިރާގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

މިހާރު ސިވިލް ކޯޓުގައި ތިއްބަވަނީ 17 ގާޒީންނެވެ.

ސިވިލް ކޯޓުގެ އިތުރުން ކުރިމިނަލް ކޯޓަށްވެސް ތިން ގާޒީން ދަނީ ހޯދަމުންނެވެ.