މިފަހަރުގެ ވޯލްޑް ކަޕްގައި ސީދާ ފެވަރިޓުންނެއް ނެތް ކަމަށާއި ވޯލްޑް ކަޕްގައި ބޮޑެތި ޓީމުތަކަށް އުނދަގޫވާ ސަބަބުތައް އެބަހުރި ކަމަށް އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
އާޖެންޓީނާއިން މިފަހަރު ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ މިސްރާ ދެކޮޅަށް ނުކުންނަ އިރު، އެޓީމުން ގަދަ 32 ގައި ނުކުތީ ކޭޕް ވާޑާ ދެކޮޅަށެވެ. އަލަށް ވޯލްޑް ކަޕްގައި ކުޅުނު ކޭޕް ވާޑްގެ ތާރީހީ ދަތުރުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުމެފައިވާ އިރު، އެ މެޗުން އާޖެންޓީނާ ސަލާމަތްވީ އިތުރު ވަގުތަށް ގޮސްގެންނެވެ. އެއީ 3-2 ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާ ކައިރިން ކޭޕް ވާޑް ވަނީ ފަހަތުން އަރައި ދެފަހަރަށް އެއްވަރު ކޮށްފައެވެ.
އޭގެ ކުރިން ގްރޫޕް ސްޓޭޖުގައި އާޖެންޓީނާއިން ތިން މެޗު ކާމިޔާބުކުރި ނަމަވެސް، ސްކަލޯނީގެ ނަޒަރުގައި މިފަހަރު ފެވަރިޓުންނެއް ނެތެވެ.
"އަހަންނަށް ހީވަނީ މިއީ ހުރިހާ އެންމެންނަށްވެސް ވަރަށް ޓްރިކީ ވޯލްޑް ކަޕެއްހެން. މިހާރު ފެންނަ ގޮތުން ސީދާ ފެވަރިޓެއް ނެތް. ކުރިން ފެންނަހެން އެއްވެސް ބައެއް ނެތް ފެވަރިޓުންގެ ޓެގް ގައެއް. ކުރިން މުބާރާތްތަކުގައި ފެނުނު ހާލަތެއް ނޫން މިހާރު މި ފެންނަނީ،" ސްކަލޯނީ ބުންޏެވެ.
މިހާތަނަށް ވޯލްޑް ކަޕްގައި ބައެއް ތަފާތު ނަތީޖާތައް ފެނިއްޖެއެވެ. ކޭޕް ވާޑުން ގަދަ 32 އަށް ދިޔުމުގައި ސްޕެއިނާއި އުރުގުއާއީ ހިފެހެއްޓި އިރު، ގަދަ 32 ގައި ޕަރަގުއާއީން ޖަރުމަނު ކަޓުވާލާފައިވެއެވެ. އަދި ބްރެޒިލުން ނޯވޭ އަތުން ބަލިވެ ކެޓި އިރު، ރޭ ވަނީ ގަދަ ބާރެއް ކަމަށްވާ ޕޯޗުގަލްވެސް ކަޓައިފައެވެ. އެކަމަކު އެއީ ސްޕެއިން ކައިރިންނެވެ.
"އަހަންނަށް އެނގޭ ބައެއް ކުޅުންތެރިން ވޯލްޑް ކަޕަށް މި ނުކުންނަނީ ބައިވަރު މެޗު ސީޒަނުގައި ކުޅެފައި. އެހެންވީމަ ކުރީގެ ފެންވަރު ދައްކަން އުނދަގޫވެދާނެ. ކުރިން ކީ ފަހެއް ނޫން ހަތަރު ވަރަކަށް ފެވަރިޓުންނަށްވެސް އަދި ސީދާ ރަސްމީ ކުޅުން ދައްކަން އުނދަގޫވެފައިވުމުގައި ސަބަބުތައް އެބަހުރި. އެއީ ދަތުރުކުރުމާއި ހޫނާ، ދަނޑުތައްވެސް ތަފާތު. ބައެއް ފަހަރު ދަނޑުތައް އުނދަގޫކަމުން ބޯޅަވެސް ރަނގަޅަށް ނުދޭ،" ސްކަލޯނީ ފާހަގަކުރިއެވެ.
ސްކަލޯނީ ބުނީ އެ ވާހަކަ އަމާޒުކުރީ އާޖެންޓީނާއަށް ނޫން ކަމަށާއި، އާޖެންޓީނާގެ ކުޅުމަށް ހިތްހަމަ ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކޭޕް ވާޑް ކައިރިން ކުޅުނު މެޗަށްވުރެ ރަނގަޅުކުރަން ޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.
އާޖެންޓީނާއާއި މިސްރުގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް