ކޮންމެ ޖީލެއްގައިވެސް ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދާ މޮޅެތި ކުޅުންތެރިން އުފެދެއެވެ. އޭގެ ތެރެއިން މަދު ކުޅުންތެރިޔަކު ލެޖެންޑުންނަށްވާ އިރު، ގަދައަޅައި މަސައްކަތްކުރުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގެ ރަމްޒަކަށް ވަނީ ވަރަށް މަދު ކުޅުންތެރިއެކެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އޭގެ ތެރެއިން އެކެކެވެ.
ރޮނާލްޑޯގެ ވާހަކައަކީ ހަމައެކަނި ޖެހި ލަނޑުތަކާއި، ހޯދި ތަށިތަކުގެ ވާހަކައެއް ނޫނެވެ. އެއީ ކުޑަ ރަށަކަށް އުފަންވި ކުއްޖަކު، ދިރިއުޅުމުގެ ހުރަސްތަކަށް ބޯނުލަނބައި، ބުރަ މަސައްކަތުން ކޮންމެ ކަމެއްވެސް ހާސިލުކުރެވިދާނެކަން ސާބިތުކޮށްދިން ގޮތުގެ ވާހަކައެވެ.
މެޑެއިރާގެ އާދައިގެ ދިރިއުޅުން
ކްރިސްޓިއާނޯ ރޮނާލްޑޯ ޑޮސް ސަންޓޯސް އަވޭރޯ އުފަންވީ 5 ފެބްރުއަރީ 1985 ގައި ޕޯޗުގަލްގެ ކުޑަ ރަށެއް ކަމަށްވާ މެޑެއިރާގެ ފުންޗާލް އަށެވެ. އޭނާގެ އާއިލާ އުޅެމުންދިޔައީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ. ބައްޕަ ހޯސޭ ޑިނިސް އަވޭރޯއަކީ މުނިސިޕަލްޓީގެ ބަގީޗާ ބަލަހައްޓާ މީހެއްގެ ގޮތުގައާއި، ރަށުގެ ކްލަބެއް ކަމަށްވާ އަންޑޮރީނާގެ ކިޓް މޭންގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. މަންމަ މާރިއާ ޑޮލޯރެސް ދަރިންގެ ކެއިންބުއިން ހަމަޖެއްސުމަށްޓަކައި ކައްކާއެއްގެ ގޮތުގައާއި ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރިއެވެ.
ފައިސާގެ ދަތިކަން ބޮޑު އެ ދިރިއުޅުމުގައި ރޮނާލްޑޯ ނިދަމުންދިޔައީ އޭނާގެ އެހެން ބޭބެއިންނާއި ދައްތައިންނާއެކު އެއް ކޮޓަރިއެއްގައެވެ. ނަމަވެސް، ފުޓްބޯޅައަކީ އޭނާގެ މުޅި ދުނިޔެއެވެ. އަވަށްޓެރިން ބުނާ ގޮތުގައި، ހެނދުނުން ފެށިގެން އިރުއޮއްސެންދެން އޭނާ އުޅޭނީ މަގުމަތީގައި ބޯޅަ ކުޅުމުގައެވެ. ކުޑަ މެޗަކުން ބަލިވިޔަސް އޭނާއަށް ރޮވެއެވެ. އެއީ ބަލިވާން ބޭނުންނުވާތީއެވެ.
އުމުރުން 12 އަހަރުގައި އާއިލާއާ ދުރަށް
ރޮނާލްޑޯގެ ކުޑައިރުގެ އެންމެ ބޮޑު ގުރުބާނީއަކީ، އޭނާގެ ނަން ދުނިޔެއަށް އެނގުމުގެ މާ ކުރިން ވެފައިވާ ގުރުބާނީއެކެވެ. އުމުރުން އެންމެ 12 އަހަރުގައި، މެޑެއިރާ އާއި އާއިލާ ދޫކޮށް، ގާތްގަނޑަކަށް 1،000 ކިލޯމީޓަރު ދުރުގައިވާ ލިސްބަންގައި ހުންނަ ސްޕޯޓިން ސީޕީގެ އެކަޑަމީއާ އޭނާ ގުޅުނެވެ.
ރޮނާލްޑޯ ފަހުން ބުނި ގޮތުގައި، މަންމައާއި އާއިލާ މަތީން ހަނދާންވެގެން އޭނާ ވަރަށް ގިނައިން ރުޔެވެ. އެއީ މުޅީން އާ ރަށެކެވެ. ވަށައިގެން ތިބީ ނުދަންނަ މީހުންނެވެ. އެ ހާލަތުގައި ގިނަ ކުިން ހިތްވަރު އެލުވާލައިފައި އެނބުރި ރަށަށް ދިޔަ ނަމަވެސް، ރޮނާލްޑޯ އެކަމާ ދެކޮޅުހެދިއެވެ. އޭނާ ގަބޫލުކުރި ގޮތުގައި ކޮންމެ އުނދަގޫ ދުވަހަކީ އޭނާގެ ހުވަފެނާ ދިމާއަށް އެޅޭ ފިޔަވަޅެކެވެ.
ބުރަ މަސައްކަތުން ބިނާކުރި ހުނަރު
ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ހުނަރުވެރިއެކޭ ބުނުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް ހަމައެކަނި ހުނަރުން އޭނާއަކީ މިއަދު މި ފެންނަ ކުޅުންތެރިޔާއަކަށް ނުވީހެވެ. އެހެން ކުޅުންތެރިންނާ ރޮނާލްޑޯ ތަފާތުވި މައިގަނޑު ސަބަބަކީ އޭނާގެ އާދަޔާހިލާފު މަސައްކަތުގެ އަހުލާގެވެ.
ޒުވާން އުމުރުގައިވެސް، ފަރިތަކުރުންތައް ނިމުމަށްފަހު ހިލޭ ޖެހުންތަކާއި، ބޮލުން ބޯޅަ ޖެހުމާއި، ދުވުމުގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔަ ކަމަށް އޭނާއާއެކު ކުޅުނު ކުޅުންތެރިން ފާހަގަކުރެއެވެ. ކޯޗުން އެއް ފަރިތަކުރުން ތާވަލުކޮށްފިނަމަ، ރޮނާލްޑޯ އަމިއްލައަށް އިތުރު ފަރިތަކުރުމެއް ކުރިއަށްގެންދެއެވެ. މެޑެއިރާގެ ކުއްޖާ، ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ވަރުގަދަ އެއް އެތުލީޓަށް ބަދަލުވިއެވެ. އޭނާގެ ދުވުމުގެ ބާރުމިނާއި، ފުންމާލާ އުސްމިނަކީ ލެޖެންޑަރީ ސިފަތަކަކަށް ވިއެވެ. ކުރީގެ ކުޅުންތެރިން ބުނާ ގޮތުގައި ރޮނާލްޑޯއަކީ ފަރިތަކުރުންތަކަށް އެންމެ ފުރަތަމަ އަންނަ އަދި އެންމެ ފަހުން ދާ ކުޅުންތެރިޔާއެވެ.
ދުނިޔޭގެ ތަރިޔަކަށް ވުން
ރޮނާލްޑޯގެ ކެރިއަރަށް އެންމެ ބޮޑު ބަދަލެއް އައީ 2003 ވަނަ އަހަރުއެވެ. ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗެއްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު، ސާ އެލެކްސް ފާގަސަން ވަނީ އުމުރުން 18 އަހަރުގެ ކުޅުންތެރިޔާގެ ހުނަރު ދެނެގަނެ، ޓީމަށް ގެންގޮސްފައެވެ. ފާގަސަންގެ އިރުޝާދުގެ ދަށުން ރޮނާލްޑޯ ދަސްކުރީ ޑިސިޕްލިންއާ އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓުމަށެވެ.
ޔުނައިޓެޑާއެކު ޕްރިމިއާ ލީގާއި، ޔޫއެފާ ޗެމްޕިއަންސް ލީގު އަދި ފުރަތަމަ ބެލޮންޑިއޯ ކާމިޔާބުކުރުމަށްފަހު، އޭނާ ބަދަލުވީ ރެއާލް މެޑްރިޑަށެވެ. ސްޕެއިންގައި ރޮނާލްޑޯގެ ކުޅުން މުޅިން އެހެން ހަރުފަތަކަށް ގެންދިޔައެވެ. އޭނާ ވަނީ ރެއާލް މެޑްރިޑްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައި، އިތުރު ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން ޔުވެންޓަސްއާއި، އަލުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަށްފަހު ސައުދީ އަރަބިއްޔާގައިވެސް އޭނާ ވަނީ ގިނަ ގޯލުތަކެއް ޖަހައި ރެކޯޑުތައް މުގުރާލައިފައެވެ.
ގައުމުގެ އުންމީދު
ކްލަބް ލެވެލްގައި ހޯދި ކާމިޔާބީތަކާއެކުވެސް، ރޮނާލްޑޯ އެންމެ ބޮޑު ޝަރަފެއް ކަމަށް ދެކެނީ ޕޯޗުގަލް ތަމްސީލުކުރުމެވެ. 2003 ވަނަ އަހަރު ސީނިއާ ޓީމަށް ކުޅެން ފެށި ފަހުން، 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ މުޅި ގައުމުގެ އުންމީދުތައް އުފުލައިފައެވެ.
އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ޕޯޗުގަލުން ކާމިޔާބުކުރުމެވެ. އޭގެ ފަހުން ޔޫއެފާ ނޭޝަންސް ލީގުވެސް ކާމިޔާބުކުރިއެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި، އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން، ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑުވެސް ހަދައިފައެވެ.
ހާސިލު ނުވި ހަމައެކަނި ހުވަފެން
ލެޖެންޑުންނަށްވެސް ހުރިހާ ކަމެއް ކޮންޓްރޯލެއް ނުކުރެވެއެވެ. ރޮނާލްޑޯއަށް ދުވަހަކުވެސް ހާސިލުނުކުރެވުނު ހަމައެކަނި ލަނޑުދަނޑިއަކީ ފީފާ ވޯލްޑް ކަޕެވެ. ގާތްގަނޑަކަށް 20 އަހަރު ވާންދެން އެއީ އޭނާގެ އެންމެ ބޮޑު އުންމީދެވެ. އޭނާ ވަނީ ހަ ވޯލްޑް ކަޕެއްގައި ކުޅެ، ހަ މުބާރާތުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު ހަދައިފައެވެ.
ޕޯޗުގަލުން 2006 ވަނަ އަހަރު ސެމީ ފައިނަލަށް ދަތުރުކުރިއެވެ. ކޮންމެ ހަތަރު އަހަރަކުން އޭނާ އެނބުރި އައީ މިއީ ތަށި ނަގާނެ އަހަރު ކަމަށް ގަބޫލުކޮށްގެންނެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް ނިމިގެން އެ ދިޔައީ ވޯލްޑް ކަޕްގެ ގަދަ 16 ގައި ސްޕެއިން އަތުން ބަލިވުމުންނެވެ. މެޗު ނިމުނު ކަށިގަނޑުގެ އަޑާއެކު، ފުޓްބޯޅައިގެ އެންމެ ބޮޑު ތަށި އޭނާއަށް ގެއްލުނީކަން ސާބިތުވިއެވެ.
ތަށްޓަކަށްވުރެ ބޮޑު ލެގަސީއެއް
ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުމުން ރޮނާލްޑޯގެ ކެރިއަރު ފުރިހަމަނުވާ ކަމަށް ބައެއް މީހުން ބުނެފާނެއެވެ. ނަމަވެސް މޮޅު ކުޅުންތެރިއެއްކަން މިންކުރަނީ ހަމައެކަނި ތަށިތަކުން ކަމަށްވާނަމަ، އެއީ އުނިކަމެކެވެ. އެކަމަކު ނުފޫޒާއި، އިންސްޕިރޭޝަނާއި، ބުރަ މަސައްކަތަށް ބަލާއިރު، ރޮނާލްޑޯއާ އެއްވަރުކުރެވޭނެ އެތުލީޓުން މަދެވެ.
މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ ހުވަފެންތައް ހާސިލުކުރުމަށް މަސައްކަތްކުރުމަށް އެތައް މިލިއަން ކުދިންނަކަށް ހިތްވަރުދީފައެވެ. މެޑެއިރާއިން ރޮމުން ނުކުތް ކުޑަކުއްޖާ އެނބުރި އެ ދިޔައީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެތުލީޓުގެ ގޮތުގައެވެ. ވޯލްޑް ކަޕް ނުލިބުނު ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ފުޓްބޯޅައަށް ލޯބިކުރާ އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދައިފައެވެ. އޭނާގެ ނަން ފުޓުބޯޅައިގެ ތާރީޚުގައި އޮންނާނީ ރަނުންނެވެ.
އަލީ ރިފްޝާން
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކޮމެންޓް