ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ހޯސްޓް އެމެރިކާ ބަލިކޮށް، ބެލްޖިއަމުން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ސިއޭޓަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މިރޭ މެޗުގެ ކުރިން އެންމެ ބޮޑު ފޯކަސްއެއް އަމާޒުވެފައި އޮތީ ގަދަ 32 ގެ މެޗުގައި އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ދެކި ރަތް ކާޑަށެވެ. އެމެޗުގައި ބަލޮގަންއަށް ރަތް ކާޑު ދެއްކި ނަމަވެސް، އެ އަދަބު ލުއިކޮށް މިރޭގެ މެޗުގައި އޭނާއަށް ކުޅެވޭނެ ގޮތަށް ފީފާއިން ވަނީ ހަދައިފައެވެ.
އެ އަދަބު ލުއިކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރި ފޯން ކޯލެއްގެ ސަބަބުން ކަމަށް މީޑިއާތަކުގައި އަޑު ފެތުރިފައިވާ އިރު، އެކަމަށް ޔޫއެފާއާއި ބެލްޖިއަމުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެމެރިކާއިން ވަނި އޭނާ ފުރަތަމަ 11 އަށްވެސް ކުޅެން ނެރެފައެވެ.
މިފަހަރު ވޯލްޑް ކަޕްގައި އެމެރިކާއިން ގްރޫޕު ސްޓޭޖުގައި ޕެރަގުއާއީ އާއި އޮސްޓްރިއާ އަތުން މޮޅުވި އިރު، ފަހު މެޗުގައި ތުރުކީ އަތުން ވަނީ ބަލިވެފައެވެ. އުންމީދީ ކުޅުމެއް ދައްކަމުންދާ އެމެރިކާއިން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގައި ބޮސްނިއާ ބަލިކޮށްގެންނެވެ.
އަނެއްކޮޅުން ބެލްޖިއަމުން މުބާރާތުގެ މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ އުނދަގޫތަކަކާއެކުއެވެ. ގްރޫޕުގެ ފަހު މެޗާ ހަމައަށް އުނދަގޫ ހާލަތެއްގައި އޮތް ބެލްޖިއަމަށް ނޮކްއައުޓްގެ ޖާގައެއް ކަށަވަރުވީ ފަހު މެޗުގައި ބޮޑު ތަފާތަކުން ނިއު ޒިލޭންޑް ބަލިކުރުމުންނެވެ. ނަމަވެސް ގްރޫޕު ސްޓޭޖުގެ ފަހު ދުވަހުގެ ނަތީޖާތަކަށްފަހު ނޮކްއައުޓް ބުރުގެ ޖާގައަކާއެކު ގްރޫޕުގެ އެއްވަނަ ވެސް ބެލްޖިއަމަށް ލިބުނެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗުގެ ކުރިން ކުޅުނު ދެ މެޗުގައި މިސްރު އަދި އީރާން އަތުން ވެސް ބެލްޖިއަމް ވަނީ އެއްވަރުވެފައެވެ.
ބެލްޖިއަމަށް ގަދަ 32 ގެ މެޗު ވެސް ވެގެންދިޔައީ އުނދަގޫ މެޗަކަށެވެ. ސެނެގާލުން ދެ ގޯލުގެ ލީޑެއް ހޯދާފައިވަނިކޮށް، ބެލްޖިއަމް ސަލާމަތްވީ ފަހު ހަތަރު މިނެޓުގެ ތެރޭގައި ޖެހި ދެ ގޯލުންނެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ބެލްޖިއަމް މޮޅުވީ ޕެނަލްޓީއެއް ލިބި، އެ ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.
ބެލްޖިއަމުން މިރޭގެ މެޗަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ކެވިން ޑި ބްރޭނާ އަދި ޖެރެމީ ޑޯކޫ މި މެޗުގެ ފުރަތަމަ 11 ގައި ނުހިމެނުމެވެ. އަދި ރޮމެލޫ ލުކާކޫވެސް މެޗު ފެށީ ބެންޗުންނެވެ.
އަނެއްކޮޅުން އެމެރިކާއިން މިމެޗަށްވެސް ނެރެފައިވަނީ ބޮސްނިއާއާ ދެކޮޅަށް ނެރުނު ފުރަތަމަ 11އެވެ.
މެޗުގެ ކުރިން ބޮޑަށް ހީވެފައި އޮތީ އެމެރިކާއިން މެޗު ޑޮމިނޭޓް ކުރާނެ ކަމަށެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފޯމާއެކުގައެވެ. އެހެން ނަމަވެސް އެ މަންޒަރު މެޗަކުން ނުފެނުނެވެ. ފުރަތަމަ ހާފުގައިވެސް ބެލްޖިއަމުން މެޗުގެ ކޮންޓްރޯލް ނެގިއެވެ. ފުރަތަމަ މިނެޓުގައި ޓިމޮތީ ކަސްޓަންޔާ ފޮނުވާލި ހަމަލާ، ގޯލުގެ މަތީ ކަނަކަށް އަމާޒުވާން ދަނިކޮށް، އެމެރިކާގެ ކީޕަރު މެޓް ފްރީސް މަތަކުރި އިރު، ނުވަ ވަނަ މިނެޓުގައި ގޯލްވެސް ޖެހިއެވެ.
ނިކޮލަސް ރަސްކިން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، އެމެރިކާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ބެލްޖިއަމަށް ލީޑު ނަގައިދިނީ ޗާލްސް ޑި ކެޓެލާރާއެވެ.
ކުރީކޮޅުގައި ބެލްޖިއަމްގެ އަމަދޫ އޮނާނާއަށް އަނިޔާވެފައިވާ އިރު، ބަދަލުގައި ނުކުތީ ހާންސް ވަނަކެންއެވެ. އޮނާނާގެ ކަކުލަށް ލިބުނު އަނިޔާގައި އޭނާ ފޭބީ ބޮޑު މާޔޫސްކަމެއްގައެވެ.
އެ ގޯލަށްފަހު ބެލްޖިއަމުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޕްރެސް ކޮށްގެން އެމެރިކާއަށް އުނދަގޫތައް ކުރިމަތިކުރުވަމުންނެވެ. ފަހަތުގައި ބޯޅަ ގެންގުޅެ، އަމިއްލަ އެޓޭކްތައް ބިލްޑް ކުރަން ބެލްޖިއަމަށް އުނދަގޫތައް ކުރިމަތިވެފައިވީ ނަމަވެސް، 31 ވަނަ މިނެޓުގައި އެމެރިކާއިން މެޗު އެއްވަރުކުރިއެވެ. އެއީ ހިލޭ ޖެހުމަކުންނެވެ.
އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުން މަލިކް ޓިލްމަން ފޮނުވާލުމުން ގޯލަށް ވަނީ ވޯލް ގައި ހުރި ބެލްޖިއަމްގެ ހާންސް ވަނަކެންގެ ބޮލުގައި ޖެހިފައެވެ. ބޯޅަ ބެލްޖިއަމް ކީޕަރު ތިބޯ ކޯޓުއާއަށް މަތަ ނުކުރެވުނީ މިސްރާބު ބަދަލުވެގެން ދިޔުމުންނެވެ. އެ ގޯލާއެކު ސަޕޯޓަރުންނަށް ހިތްވަރު ލިބުނު ނަމަވެސް އެމެރިކާއަށް ހަމަޖެހިލަން ފުރުސަތެއް ނުލިބުނެވެ.
މެޗުގެ 33 ވަނަ މިނެޓުގައި ބެލްޖިއަމުން އަނެއްކާވެސް ގޯލް ޖަހައި ލީޑު ނެގިއެވެ. ލިއާންޑްރޯ ޓްރޮސާޑް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލްޖިއަމަށް ދެވަނަ ގޯލްވެސް ޖަހައިދިނީ ޑި ކެޓެލާރާއެވެ.
ހާފު ނިމެން ދިޔައިރުވެސް ބެލްޖިއަމުން ނުރައްކާ ކުރި އިރު، ކެޕްޓަން ޔޫރީ ޓިލެމަންސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރަސްކިން ފޮނުވާލި ހަމަލާ، އެމެރިކާގެ ކީޕަރު މެޓް ފްރީސް ވަނީ މަތަކޮށްފައެވެ. އަދި ހިލޭ ޖެހުމަކުން މެކްސިމް ޑި ކައިޕާ ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޑޮޑީ ލުކެބަކިއޯ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ބޭރަށެވެ.
ދެވަނަ ހާފަށް އެމެރިކާއިން ސާޖިނޯ ޑެސްޓްގެ ބަދަލުގައި ޖިއޮވާނީ ރޭނާ ކުޅެން ނެރެފައިވާ އިރު، އަނެއްކާވެސް ގޯލް ޖެހީ ބެލްޖިއަމުންނެވެ. 57 ވަނަ މިނެޓުގައި އެ ގޯލް ޖަހައިދިނީ ފުރަތަމަ ހާފުގައި ބަދަލަކަށް ނުކުތް ވަނަކެންއެވެ. އެމެރިކާ ސަޕޯޓަރުން ހަމަ ހިމޭން ކޮށްލި ގޯލް ވަނަކެން ޖެހީ އެމެރިކާގެ ކީޕަރު މެޓް ފްރީސްއަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުން ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެ ނަތީޖާއާއެކު އެމެރިކާއަށް މާޔޫސްކަން ބޮޑުވި އިރު، އިތުރު ބޮލު ރިހުމަކަށް ދެން ކުރިމަތިވީ ކެޕްޓަން ކްރިސްޓިއަން ޕުލިސިޗަށް އަނިޔާވުމެވެ. އަނިޔާގެ ސަބަބުން ޕުލިސިޗްގެ ބަދަލުގައި ކުޅެން ނެރުނީ ސެބަސްޓިއަން ބާހޯލްޓާއެވެ.
ފަހު 10 ވަރަކަށް މިނެޓުގައި ބެލްޖިއަމުން ޑިފެންސް ކޮށްލައިގެން މެޗު މެނޭޖް ކޮށްލާފައިވާ އިރު، އެމެރިކާއިން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރިއެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ސެބަސްޓިއަން ބޭހާލްޓާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ބޭރަށެވެ. އަދި ބަލޮގަން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ކޯޓުވާ މަތަކުރިއެވެ.
އެ ހަމަލާތަކަށްފަހު އެންމެ ފަހުވަގުތުވެސް ގޯލް ޖެހީ ބަދަލަކަށްނ ނުކުތް، ބެލްޖިއަމްގެ ރެކޯޑު ގޯލް ޖެހުންތެރިޔާ ލުކާކޫއެވެ. ފަހަތުން ހެދި ގޯހާއެކު އޭރިއާ ތެރެއިން ލުކާކޫ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.
ބެލްޖިއަމުން ކުއާޓާ ފައިނަލުގައި ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް