"ނޯވޭ؟ އަދި އެވާހަކަ ދައްކާކަށް ނުވޭ. އަހަރެމެން އެބަ ޖެހޭ މި މެޗުގެ ކަންކަން އިހުސާސްކޮށްލަން ވަގުތު ނަގަން. މިއީ އަޒްޓެކާ. މިއީ މެކްސިކޯ. މި ނިމުނީ އާދަޔާހިލާފު، ގަބޫލުކުރަން އުނދަގޫ މެޗެއް. އަހަރެމެން ދަނޑުން މި ފޭބީ ހުރިހާ ހަކަތަކެއް ހުސްކޮށްލާފައި. ކޮންމެ ކުޅުންތެރިޔަކުވެސް. ބެންޗުވެސް. އެހެންވީމަ މި އިހުސާސްގައި ވިސްނާލަން ވަގުތުކޮޅެއް ބޭނުންވާނެ،" އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ރޭގެ މެޗަށްފަހު ބުންޏެވެ.

އިންގްލެންޑުން ރޭ މެކްސިކޯ ސިޓީގެ ތާރީހީ އަޒްޓެކާއަށް ނުކުތީ 40 އަހަރުފަހުންނެވެ. އެއީ 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯއާ ދެކޮޅަށް ކުރި ތަޖުރިބާއަށްފަހުއެވެ. އެ ތަޖުރިބާއަށްފަހު އަޒްޓެކާއަށް ނުކުތީ މިހާތަނަށް މުބާރާތުގައި ކޮޅަށް ގޯލެއް ވަދެފައި ނުވާ މެކްސިކޯއާ ދެކޮޅަށެވެ. އަދި ކީއްހެއްޔެވެ، 1966 ވަނަ އަހަރު އަޒްޓެކާ ހުޅުވިފަހުން މެކްސިކޯއިން އެ ދަނޑުގައި ކުޅުނު 89 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެމެޗުންނެވެ. ރޭގެ މެޗުގެ ކުރިން އަޒްޓެކާގައި ކުޅުނު 26 މެޗުން މެކްސިކޯ އޮތީ މޮޅުވެފައެވެ. މެކްސިކޯގެ ހޯމް އަޒްޓެކާ އެގައުމުގެ ފުރިހަމަ ހޯމްއަކަށް ވަނީ އެ ސްޓޭޑިއަމަކީ ލޮނުގަނޑުން 2،200 މީޓަރު މަތީގެ ސްޓޭޑިއަމަކަށް ވާތީއެވެ. އެ ސްޓޭޑިއަމްގެ ސަޕޯޓަރުންނަކީ ފުޓުުބޯޅައިގެ އެންމެ އުނދަގޫ ސަޕޯޓަރުންނަށް ވާތީއެވެ.

އެ ތާރީހު އޮތް ސްޓޭޑިއަމަކަށް ނުކުމެ، އިންގްލެންޑުން ރޭ 3-2 އިން މޮޅުވި އިރު ފަހު ހާފުގެ ބޮޑުބައެއްގައި ކުޅުނީ ކުޅުންތެރިޔަކު މަދުންނެވެ. އެއީ ޖެރެލް ކުއަންސާއަށް 54 ވަނަ މިނެޓުގައި ދެއްކި ރަތް ކާޑާއެކުގައެވެ. ޑިފެންސް ކުރުމަށް ޖާނާމާލު ދިން އިންގްލެންޑަށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި 11 ވަރަކަށް މިނެޓް ކެތްކުރަން ޖެހުނެވެ.

"މިއީ އަހަރެން އަބަދުވެސް ބުނާ ވާހަކަ. މި ޓީމުގެ ވާހަކަ. މިއީ ހަގީގަތުގައި ޓީމެއް. ކަންކަން އުނދަގޫވީމަ މި ޓީމު ކަރުއެލުވައެއް ނުލާ. ދޫކޮށެއްވެސް ނުލާ. އަދި ވާނެކަން ގަބޫލުކުރުން ހުއްޓައެއްވެސް ނުލާ. މިއީ ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެއް،" މެޗަށްފަހު ޓުޗެލް އިތުރަށް ބުންޏެވެ.

ރޭގެ މެޗުގައި ދެ ގޯލް ޖެހި ޖޫޑް ބެލިންހަމްއަށްވެސް މެޗު ހާއްސައެވެ. އޭނާ ވެގެން ގޮސްފައި ވަނީ 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާއަށްފަހު ވޯލްޑް ކަޕް މެޗެއްގައި، އަޒްޓެކާގައި ދެ ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

"މިއީ ސްކޮޑު ޕާފޮމަންސެއް. މިއީ 26 ކުޅުންތެރިން ކުރި ހިތްވަރެއް. އަހަރެމެން ފަހުކޮޅަށް ގޮސް ސާފުކޮށްލާ ކޮންމެ ބޯޅައަކުން އެތަން ފެންނާނެ. ބަދަލަކަށް ނުކުތް ޑެން ބާން ދިޔައީ ހުރިހާ ދޭތެރެއަކަށް އެރި ބޯޅަ ހޯދަމުން. ސާފުކުރަމުން. ބެންޗު އެއްކޮށް ދިޔައީ ހިތްވަރު ދެމުން. ބުނާނެ އެއްޗެއްވެސް ނޭނގެ. މާދަމާ އޮފީސްތަކަށް ދާނެ ކަމެއް ނެތް، އިންގްލެންޑުން މިކަމުގައި އުފާފާޅުކޮށް ކުރިއަށްދާން ހިނގާ!،" ބެލިންހަމް ބުންޏެވެ.

އިންގްލެންޑުން ރޭ ހޯދި މޮޅާއެކު ތަޖުރިބާކާރުން ނަޒަރުގައި އެޓީމަކީ މިހާރު އެންމެ ވަރުގަދަ އެއް ފެވަރިޓެކެވެ. އެހެން ނަމަވެސް ފްރާންސާއި ސްޕެއިން ފަދަ ގައުމުތަކުގެ ފެންވަރަށް ސަވާލު ނުއުފެއްދޭނެ ކަމަށް ބުނަމުންވެސް ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި އިންގްލެންޑް އޮތީ އެ ފެންވަރުގައެވެ.