ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި މެކްސިކޯ ބަލިކޮށް، އިންގްލެންޑުން ކުއާޓާ ފައިނަލް ޔަގީން ކޮށްފިއެވެ.
މެކްސިކޯގެ ތާރީހީ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑުބައެއްގައި ރަތް ކާޑަކާއެކު ކުޅުނު ނަމަވެސް އިންގްލެންޑުން ވަނީ ވަރުގަދަ މެކްސިކޯ މަޑުޖައްސާލައި، ބަލިކޮށްލައިފައެވެ.
މިރޭގެ މެޗަކީ ތާރީހީ ގޮތުން އެތައް ކަމަކާ ގުޅިފައި އޮތް މެޗެކެވެ. އިންގްލެންޑާއި އަޒްޓޭކާ ސްޓޭޑިއަމާ އޮތް ގުޅުމެވެ. މެކްސިކޯއިން ހޯމް ސްޓޭޑިއަމްގައި ދަމަހައްޓަމުން އައި ރަސްކަމުގެ ވާހަކަވެސް މެއެވެ. އެ ހުރިހާ ކަމަކާއެކު މެޗު ވެގެން ދިޔައީ މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ އިންތިޒާރުކުރެވުނު މެޗަށެވެ. މެކްސިކޯގެ ފޯމަށް އިންގްލެންޑަށް ނިމުން ގެނެވޭނެތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.
އިންގްލެންޑުން މިރޭ މެކްސިކޯގެ ތާރީހީ އަޒްޓެކާ ސްޓޭޑިއަމަށް ނުކުތީ 1986 ގެ ހިތްދަތިކަން ހަނދާން ނައްތާލުމަށެވެ. އަޒްޓެކާއަކީ 1986 ވަނަ އަހަރު އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ވޯލްޑް ކަޕް އުފުލާލި ތާރީހީ ސްޓޭޑިއަމެކެވެ. އެ ވޯލްޑް ކަޕްގެ ތެރެއިން "ގޯލް އޮފް ދަ ސެންޗަރީ"އާއި "ހޭންޑް އޮފް ގޯޑް"ގެ ގޯލް ފެނިގެން ދިޔައެވެ. ފައިނަލުގައި އާޖެންޓީނާއިން ވެސްޓް ޖަރުމަނު ބަލިކޮށް ތަށި ނެގި ނަމަވެސް، އެ މެޗަށްވުރެ ބޮޑަށް ފޯކަސް އަމާޒުވީ އިންގްލެންޑާއި އާޖެންޓީނާ ވާދަކުރި ކުއާޓާ ފައިނަލް މެޗަށެވެ.
އެފަހަރު ކުއާޓާ ފައިނަލްގައި ކުޅުނު މެޗުގައި އާޖެންޓީނާއިން އިންގްލެންޑް ބަލިކުރި އިރު، މަރަޑޯނާ ވަނީ އަތުން ގޯލް ޖަހައި އޭގެފަހުން ތަފާތު މޮޅު ގޯލަކާއެކު އިންގްލެންޑް ކަޓުވާލައިފައެވެ.
އަނެއްކޮޅުން މިރޭ އިންގްލެންޑް ނުކުތީ މެކްސިކޯއިން ދަމަހައްޓަމުން އައި ވަރުގަދަ ހޯމް ރެކޯޑަށް ނިމުން ގެންނާށެވެ. މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމަކީ ލޮނުގަނޑުގެ މައްޗަށް 7،220 ފޫޓު މަތި ސްޓޭޑިއަމެކެވެ. މެކްސިކޯއިން އެންމެފަހުން އަޒްޓެކާގައި ބަލިވެފައި ވަނީ 2013 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އޭގެފަހުން ކުޅުނު 26 މެޗުންވެސް މެކްސިކޯ ބަލިވެފައެއް ނުވެއެވެ.
މެޗަށް ވިއްސާރައިގެ މަޑުޖެހުމެއް އައެވެ. ވިއްސާރަވުމުގެ ސަބަބުން މެޗު އެއްގަޑިއިރަށް ފަސްކުރަން ޖެހިފައިވާ އިރު، މެޗަށް ނުކުތް އިރު، މިފަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯ އޮތީ ކޮޅަށް ގޯލެއް ނުވައްދައެވެ. އަނެއްކޮޅުން އިންގްލެންޑުން ގަދަ 16 ގައި ކޮންގޯ ބަލިކުރި އިރު، ގްރޫޕް ސްޓޭޖުގައި ގާނާ ކައިރިން އެއްވަރުވުމުގެ އިތުރުން ދެން ހޯދީ ދެ މޮޅެވެ.
އިންގްލެންޑުން މިރޭގެ މެޗަށް ވަނީ ތިން ބަދަލެއް ގެނެސްފައެވެ. އޭގެ ތެރެއިން އެއް ބަދަލަކީ އަނިޔާއަށްފަހު ޖެރެލް ކުއަންސާ ފުރަތަމަ 11 އަށް ނުކުތުމެވެ. އޭގެ އިތުރުން ނޮނީ މަޑުއެކޭގެ ބަދަލުގައި ބުކަޔޯ ސަކާއަށް ފުރަތަމަ 11 ފުރުސަތު ދިން އިރު، މާކަސް ރަޝްފާޑްގެ ބަދަލުގައި އަލުން އެންތަނީ ގޯޑަށްއަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ.
މެޗު ވެގެންދިޔައީ އިންތިޒާރުކުރި އެންމެންނަށް ފުޓުބޯޅައިގެ ޖަޒުބާތީ، ކްލެސިކް މެޗަކަށެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ފެނުނި އެންމެ ތަފާތު އިހުސާސްތަކެއް ފެނިގެން ދިޔަ މެޗަށެވެ. މެކްސިކޯގެ އެތައް ހާސް ސަޕޯޓަރުންނެއްގެ އަޑު ކެނޑިގެން ނުދިޔަ މެޗުގެ ކުރީކޮޅުގައި ދެޓީމު ފަރާތުންވެސް ޕްރެޝަރު ފެނުނެވެ.
ފުރަތަމަ 10 ވަރަކަށް މިނެޓުގައި ހަމަލާއެއް ނުފެނު ނަމަވެސް، 15 ވަނަ މިނެޓުގައި ބެލުންތެރިން ހޭލައްވާލިއެވެ. ރޮބާޓޯ އަލްވަރާޑޯ ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިއާ ތެރެއިން ވެއްޓިލާފައި މެކްސިކޯ ފޯވަޑް ރައުލް ހިމެނޭޒް ބޮލުން ފޮނުވާލި ބޯޅަ، ގޯލުގެ ކަނަކަށް އަމާޒުވާން ދަނިކޮށް، އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑު ވަނީ ވެއްޓިގެންފައި އެ ބޯޅަ ދިފާއުކޮށްފައެވެ.
ހައިޑްރޭޝަން ބްރޭކަށްފަހު މެކްސިކޯގެ އެ ހާލަތު ބަދަލުކޮށްލައި، އިންގްލެންޑުން ތާރީހީ އަޒްޓެކާ ހަމަހިމޭން ކޮށްލިއެވެ. އެއީ ފުލުފުލުގައި ދެ ގޯލް ޖަހައިގެންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޖޫޑް ބެލިންހަމް އިންގްލެންޑަށް ލީޑު ނަގައިދިނީ ބުކަޔޯ ސަކާ ނަގައިދިން ހުރަސް، އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލަށް ވައްދާލައިގެންނެވެ. އެއީ މިފަހަރު ވޯލްޑް ކަޕްގައި މެކްސިކޯ ކޮޅަށް ވަން ފުރަތަމަ ގޯލެވެ.
އެ ގޯލަށް ދެމިނެޓުވެސް ނުވަނީސް، ބެލިންހަމް އޭނާގެ ދެވަނަ ގޯލް ޖެހިއެވެ. ހެރީ ކޭން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެލިންހަމް ދެވަނަ ގޯލް ޖަހައިދިން އިރު، ބެލިންހަމްއަކީ 1986 ވަނަ އަހަރު މަރަޑޯނާއަށްފަހު އަޒްޓެކާގެ ވޯލްޑް ކަޕް މެޗެއްގައި ދެ ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ.
އެ އުފާވެރިކަމުގައި ފުރަތަމަ ހާފު ނިމެން ދިޔަ ނަމަވެސް، މެކްސިކޯއިން ސަޕޯޓަރުންނަށް ދިރުން ގެނެސްދިނެވެ. ހާފު ނިމެން ދެތިން މިނެޓަށްވެފައި ވަނިކޮށް، ހޫލިއަން ކިނިއޮނޭސް މުޅި ދަނޑު ކައްކުވާލިއެވެ. އަލްވަރާޑޯ ނަގައިދިން ހިލޭ ޖެހުން އިންގްލެންޑް ޑިފެންޑަރު އެޒްރީ ކޮންސާ ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކިނިއޮނޭސް ފޮނުވާލީ ގޯލްގެ ތެރެއަށެވެ.
އޭގެ މިނެޓެއް ފަހުން ހިމަނޭޒްގެ ހަމަލާ ގޯލާ އަމާޒުނުވެ، އިންގްލެންޑް ކުރީގައި އޮވެ ހާފު ނިމުނު އިރު، އެންމެ ފަހު މިނެޓުގައި ހިމަނޭޒްގެ އިތުރު އެޓޭކެއް ޕިކްފޯޑް މަތަކުރިއެވެ.
ފުލުފުލުގައި މެކްސިކޯ އުފެެއްދި ހަމަލާތަކާއެކުވެސް އިންގްލެންޑް 2-1 އިން ކުރީގައި އޮވެ ހާފު ނިންމާލި އިރު، ދެވަނަ ހާފު ފެށީ އިންގްލެންޑްގެ ނުރައްކަލަކުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ނިކޯ އޯ ރައިލީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ މެކްސިކޯ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އޭގެ އިރުކޮޅެއްފަހުން މެޗުގެ މުޅި އޮއިވަރު ބަދަލުވީ، 54 ވަނަ މިނެޓުގައި ކުއަންސާއަށް ދެއްކި ރަތް ކާޑުންނެވެ. އޭނާ ގަޔާޑޯއަށް ކުރި ޓެކުލް ވީއޭއާރް ރިވިއުކޮށް، ރެފްރީ ވަނީ ސީދާ ރަތެއް ދައްކައިފައެވެ. އެހިސާބުން މެކްސިކޯއަށް ހިތްހަމަ ޖައްސާލެވޭނެ ކަމަށް ބެލެވުނު ނަމަވެސް، 57 ވަނަ މިނެޓުގައި އިންގްލެންޑަށް ޕެނަލްޓީ ލިބުނެވެ.
ޕެނަލްޓީ އޭރިއާ ތެރެއިން، އިންގްލެންޑްގެ އެންތަނީ ގޯޑަންއަށް މެކްސިކޯ ކީޕަރު ރައުލް ރަންހެލް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ކޭންއެވެ.
ދެން އަނެއްކާވެސް ފެނުނީ އިތުރު ޑްރާމާއެކެވެ. އަނެއްކޮޅު އޭރިއާ ތެރެއިން ކޭން ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ކުރި ފައުލަކާއެކު މެކްސިކޯއަށް ޕެނަލްޓީ ލިބުނެވެ. 67 ވަނަ މިނެޓުގައި ލިބުނު އެ ޕެނަލްޓީ ހިމަނޭޒް ކާމިޔާބުކޮށް، މެކްސިކޯއިން އަނެއްކާވެސް ދިރުން ގެނައެވެ. މުޅި ދަނޑު އެޓީމުގެ ފަހަތަށް ވަން ކަހަލައެވެ. ސަޕޯޓަރުން ދިޔައީ ތަފާތު ފޯރިއެއް ނަގަމުންނެވެ.
ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކަށްފަހު އިންގްލެންޑުން ނުކުތީ ދެ ބަދަލަކާއެކުގައެވެ. ނިކޯ އޯ ރައިލީ އާއި އެލިއޮޓް އެންޑަސަންގެ ބަދަލުގައި ކުޅެން ނުކުތީ ޑޭން ބާން އަދި ޖެޑް ސްޕެންސެވެ. ކޯޗު ތޯމަސް ޓުޗެލް ވިސްނީ ޑިފެންސް ކުރާށެވެ. އޭގެފަހުން އިންގްލެންޑުން ކުރީވެސް އެކަމެވެ. އެންމެ ފަހު ސިކުންތިވެސް ހިމަނޭޒް ފޮނުވާލި ދެ ހަމަލާވެސް އިންގްލެންޑް ޑިފެންޑަރުން ބްލޮކް ކުރި އިރު، އޭރިއާ ތެރެއިން ފުލުފުލުގައި ބްލޮކްތައް ފެނުނެވެ.
މެޗުގެ އެންމެ ފަހު މިނެޓާ ހަމައަށް އިންގްލެންޑުން ދިޔައީ ޖާނާމާލު ދީގެން ޑިފެންސް ކުރަމުންނެވެ. އެޓީމަށް ކުރަން ޖެހުނު މަސައްކަތް ކޮށް، ކުއާޓާގައި ނޯވޭއާ ދެކޮޅަށް ނުކުންނަން ތައްޔާރުވިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް