ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ބްރެޒިލް ބަލިކޮށް، ނޯވޭއިން ތާރީހުގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯން ނިއުޖާޒީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނޯވޭއިން ބްރެޒިލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިފަހަރު ގަދަ 32 އަށް ނުކުތުމުގެ ކުރިން ފަސް ފަހަރުގެ ޗެމްޕިއަން ބްރެޒިލުން ގްރޫޕު ސްޓޭޖުގެ އެއްވަނަ ހޯދި އިރު، މޮރޮކޯ އަތުން އެއްވަރުވެ، ސްކޮޓްލެންޑާއި ހެއިޓީ އަތުން ވަނީ މޮޅުވެފައެވެ. ބްރެޒިލުން ގަދަ 16 އަށް ދަތުރުކުރީ ގަދަ 32 ގައި ޖަޕާން ބަލިކޮށްގެންނެވެ.

އަނެއްކޮޅުން ނޯވޭއިން ގްރޫޕު ސްޓޭޖުގައި ބަލިވީ ހަމައެކަނި ފްރާންސް އަތުންނެވެ. އަނެއް ދެ މެޗުގައި ސެނެގާލް އަދި އިރާގު ވަނީ ބަލިކޮށްފައެވެ. ނޯވޭ އިން ގަދަ 16 އަށް ދަތުރުކުރީ ގަދަ 32 ގައި އައިވަރީ ކޯސްޓް ބަލިކޮށްގެންނެވެ. ނޯވޭއަށް ވޯލްޑް ކަޕް ތާރީހުގައި މިހާތަނަށް ކުއާޓާ ފައިނަލަށް ދަތުރުކުރެވިފައެއް ނުވެއެވެ.

އެހެން ނަމަވެސް މިރޭގެ މެޗަށް ނުކުތް އިރު، ނޯވޭ އަތުގައި ތަފާތު ތާރީހީ ރެކޯޑެއް އޮތެވެ. އެއީ ބްރެޒިލް އަތުން ބަލިވެފައި ނެތެމެވެ. މިހާތަނަށް ބްރެޒިލުން ކުޅުނު ޓީމުތަކުގެ ތެރެއިން ބަލިކުރެވިފައިނުވާ ހަމައެކަނި ގައުމަކީ ނޯވޭއެވެ. ދެޓީމު ވާދަކުރި ހަތަރު މެޗުގެ ތެރެއިން ދެ މެޗު އެއްވަރުވެ، އަނެއް ދެ މެޗުން ބްރެޒިލް ވަނީ ބަލިވެފައެވެ. އެންމެ ފާހަގަކޮށްލެވެނީ ވޯލްޑް ކަޕް 1998 ގެ ގްރޫޕު ސްޓޭޖުގައި ބައްދަލުކުރި މެޗެވެ. އެ މެޗުން ނޯވޭ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން 2006 ގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗަށް ބްރެޒިލްގެ ޓީމުން ވަނީ މެދުތެރެއިން ބަދަލެއް ގެނެސްފައެވެ. އެއީ އަނިޔާގައި ހުރި ލޫކަސް ޕަކެޓާގެ ބަދަލުގައި ގެބްރިއަލް މާޓިނެލީއަށް ފުރުސަތު ދިނުމެވެ. އޭގެ އިތުރުން ބެންޗުގައި ރަފީނިއާ ފެނިގެން ދިޔައެވެ. ރަފީނިއާ ބެންޗަށް ނުކުތީވެސް އަނިޔާއަކަށްފަހުއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފު ފެނިގެން ދިޔައީ ޝައުގުވެރި ހަމަލާތައްވެސް ގިނަ ހާފެއްގެ ގޮތުގައެވެ. ދެޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ހާފު ނިންމާލަން ޖެހުނީ ގޯލެއް ނުޖެހިއެވެ.

ފުރަތަމަ ކޮޅުގައި ނޯވޭއިން އެޓޭކަށް ނުރައްކާކުރަމުން ދިޔަ އިރު، ތިންވަނަ މިނެޓުގައި ގޯލް ތެރެއަށް ބޯޅަ ވައްދާވެސް ލިއެވެ. އެއީ އަރިމަތިން ހުސްވެލާފައި އެލެކްޒެންޑާ ސޯލޯތު ދިން ބޯޅައެއްގައި ޕެޓްރިކް ބާގް ފޮނުވާލި ބޯޅައެއްގައެވެ. އެއީ ގޯލެއް ކަމަށް ގުނާފައި ނުވަނީ ފުރުސަތު ތަނަވަސްކުރުމުގައި ސޯލޯތު އޮފްސައިޑް މަގާމެއްގައި އޮވެ ބޯޅަ ހޯދައިގެން ފުރުސަތު ތަނަވަސްކުރުމުންނެވެ.

އޭގެ އިރުކޮޅެއްފަހުން މެޗުގެ 10 ވަނަ މިނެޓުގައި ބްރެޒިލަށް ގޯލް ޖަހަން ލިބުނު އެންމެ ފަހި ފުރުސަތު ލިބުނެވެ. ކައުންޓާގައި ކުރިއަށް ޖެހި ގެބްރިއެލް މާޓިނެލީ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މެތިއަސް ކުންޏާ ޖައްސާލުމާއެކު ނޯވޭގެ ކްރިސްޓޮފާ އަޔާ ފައުލްކުރުމުން ރެފްރީ ވަނީ ޕެނަލްޓީ ދީފައެވެ.

އެހެން ނަމަވެސް ބްރެޒިލަށް ގޯލް ހުޅުވާލެވޭ ގޮތެއް ނުވިއެވެ. ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީ ނޯވޭގެ ކީޕަރު އޯޔާން ނީލަންޑް މަތަކުރީ ޔަގީންކަމާއެކުގައެވެ.

އޭގެ ފަހުން ބްރެޒިލުން ނުރައްކާ ބޮޑުކުރި އިރު، އެންޓޯނިއޯ ނޫސާ އަތުން ގެއްލުނު ބޯޅައެއްގައި ކުންޏާ އޭރިއާ ތެރެއަށް ވަދެ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، އެންމެ ފަހުވަގުތު ނޯވޭ ޑިފެންޑަރު ޑޭވިޑް މޮލާ ވުލްފް ވަނީ އެ ބޯޅައަށް ހުރަސް އަޅައިފައެވެ.

އޭގެ ފަހުން ބްރެޒިލުން ވިންގް ކުޅުން ބޭނުންކޮށްގެން އޭރިއާ ތެރެއަށް ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، އަރިމަތިން ޕެނަލްޓީ އޭރިއާ ތެރެއިން ޑަގްލަސް ސަންޓޯސް ނަގައިދިން ހުރަސް، ނުރައްކާވުމުގެ ކުރިން ނޯވޭ ކީޕަރު ނީލަންޑް ވަނީ ކުރިއަށް ނުކުމެ ދިފާއުކޮށްފައެވެ.

ހާފު ނިމެން ދިޔަ އިރު، އަނެއްކާވެސް ނުރައްކާ ކުރީ ނޯވޭންނެވެ. އެގޮތުން 35 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ނޯވޭ ކެޕްޓަން މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާ ދިޔައީ ބްރެޒިލް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އަދި ނޫސާ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އާލިން ހާލަންޑް ޖައްސާލި ނަމަވެސް، ބްރެޒިލް ކީޕަރު އެލިސަން ބެކާ ބޯމަތިން ވައްޓާލެވޭ ގޮތެއް ނުވިއެވެ.

ހާފު ނިމިނިމި އޮއްވާ ހާލަންޑްގެ މަސައްކަތާއެކު އޮޑެގާޑަށް އިތުރު ފުރުސަތެއް ފަހިވި އިރު، އޭނާ ހުސްކޮށް އޮވެ ފޮނުވާލި ބޯޅަ މަތަކުރީ އެލިސަންއެވެ. އެ ސޭވާއެކު ހާފު ނިމިގެން ދިޔައީ ދާދި ހަމަހަމަ ކޮށެވެ.

ދެވަނަ ހާފު ފުރަތަމަ ހާފަށްވުރެވެސް ޝައުގުވެރިއެވެ. ފުރަތަމަ ފެށުންވެސް ދިޔައީ ފޯރިގަދަކޮށެވެ. ހާއްސަކޮށް ބްރެޒިލުން ދެވަނަ ހާފު ފެށީ ރަނގަޅު ޓެމްޕޯއެއްގައެވެ. ހާފިގެ ކުރީކޮޅުގައި ކުންޏާގެ ބަދަލުގައި އެންޑްރިކް ކުޅެން ނުކުމެފައިވާ އިރު، ނުކުތްތާ މިނެޓެއް ނުވަނީސް އޭނާއަށް ހުސް ފުރުސަތެއް ލިބުނެވެ.

ކައުންޓާ އެޓޭކެއްގައި ވިނީޝިއަސް ދިން ރީތި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އެންޑްރިކް ހުސްކޮށް އޮވެ ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭނާއަށް ދެވަނަ ޓަޗް ޖައްސާލެވުނީ މާބޮޑަށެވެ. އެއާއެކު ބޯޅަ ފޮނުވާލީ ބޯޅައިގެ ކޮންޓްރޯލް ގެއްލިފައި ވަނިކޮށެވެ.

އޭގެ ދެ މިނެޓެއްހާއިރު ފަހުން އަނެއްކާވެސް ރަޔަންގެ ބާރު ހަމަލާއާއި ގިމަރޭސް ފޮނުވާލި ހަމަލާތައްވެސް މަތަކުރީ ކީޕަރު ނީލަންޑެވެ.

މެޗުގެ 67 ވަނަ މިނެޓުގައި މެދުތެރެއިން ކުޅޭ ޑެނީލޯއާއި ނޭމާ ބަދަލަކަށް ކުޅެން ނެރެފައިވާ އިރު، އެ ބަދަލުކުރީ ރަޔަންއާއި މާޓިނެލީ ބާލައިފައެވެ. ކޯޗު ކާލޯ އެންޗެލޮޓީ ދިޔައީ ކުއާޓާއެއްގެ އުންމީދަށް މަސައްކަތް ކުރަމުންނެވެ.

ބަދަލުތަކާއެކު ބްރެޒިލުން ކުރި މަސައްކަތަށް ކުއްލިއަކަށް ހުރަސް އެޅުނީ 79 ވަނަ މިނެޓުގައި ނޯވޭ ޖެހި ގޯލުންނެވެ. އިތުރު ތައާރަފަކަށް ބޭނުން ނުވާ ހާލަންޑްގެ ރަސްމީ ނިންމާލުމަކާއެކުގައެވެ. ޝޯލްޑެރަޕް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހާލަންޑް ބޮލުން ގޯލަށް ވައްދާލީ ބާރު ހަމަލާއަކާއެކުގައެވެ. އެލިސަންއަށް މިފަހަރު ބްރެޒިލް ސަލާމަތެއް ނުކުރެވުނެވެ.

އެ ގޯލާއެކު ބްރެޒިލުން ނަތީޖާއަކަށް އަވަސް އަރުވާލިއެވެ. އެގޮތުން ދުރުން ފޮނުވާލި ހަމަލާއެއްގައި ނޯވޭގެ އަޔާގެ ފައިގައި ޖެހި ބޯމަތިން ބައިކޮޅަށް ގޯލުގެ ތެރެއަށް ވަންނަން ދަނިކޮށް، ނޯވޭ ކީޕަރު ނީލަންޑް ވަނީ މަތަކޮށްފައެވެ. އެ ބޯޅަ ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ. އަދި އޭގެފަހުން ކަސެމީރޯ ފޮނުވާލި ހަމަލާ ގޯލާ ދިމާކޮށްލެވޭ ގޮތެއް ނުވިއެވެ.

ހާލަންޑް ބްރެޒިލް ރޮއްވާލީ 90 ވަނަ މިނެޓުގައި ޖެހި ހިތްގައިމު ގޯލުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ބޯޅަ އަމާޒުކޮށްލާފައިވަނީ ބްރެޒިލް ގޯލުގެ ތިރީ ކަނަކަށެވެ. ހިތްގައިމު މޮޅު ގޯލެކެވެ. އެއީ މިފަހަރު ވޯލްޑް ކަޕްގައި ހާލަންޑް ޖެހި ހަތްވަނަ ގޯލެވެ. އެއާއެކު އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އާއި ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭއާއެކު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ހާލަންޑްވެސް ވަނީ ހިމެނިފައެވެ.

ބްރެޒިލުން 2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕަކަށް ކުރަމުން ދިޔަ މަސައްކަތް ނިމިގެން ދިޔައީ މާޔޫސްކަމާއި ކަރުނައާއެކުގައެވެ. އެންމެ ފަހުވަގުތު ލިބުނު ޕެނަލްޓީ ނޭމާ ކާމިޔާބުކުރި ނަމަވެސް ބްރެޒިލް ދާން ޖެހުނީ ރަށަށެވެ.