ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އެމެރިކާއިން ބޮސްނިއާ ބަލިކޮށް، ގަދަ 16 ޔަގީންކުރި މެޗުގައި ރަތް ކާޑު ދެއްކި އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ބެލްޖިއަމާ ދެކޮޅަށް ކުޅެވޭނެ ގޮތަށް ސަސްޕެންޝަން ބަދަލުކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ބަލޮގަންއަށް އެމެޗުގައި ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ޓަރިކް މުހަރެމޮވިޗް ފައިގެ ކުޑަހުޅު މައްޗަށް އެރުމުން، އެއީ ނުރައްކާތެރި ކުޅުމެއް ކަމަށް ނިންމާފައިފައެވެ. ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ ބަލޮގަންގެ އެއް މެޗު ސަސްޕެންޝަން، އަހަރެއް ދުވަހަށް ސަސްޕެންޑެޑް ބޭންއަކަށް ހަދަން ނިންމާފައިވާ ކަމަށެވެ.
ފީފާއިން ބުނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާގެ ދަށުން ބަލޮގަންގެ އެއް މެޗު ސަސްޕެންޝަން އެއް އަހަރު ތެރޭގައި ކޮންމެވެސް މެޗަކުން ފުރިހަމަ ކުރުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ފީފާއިން ބުނީ ބަލޮގަން އެކަހަލަ އިތުރު އަމަލެއް ހިންގައިފިނަމަ، އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ހާލަތެއްގައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ބަލޮގަންއަށް އަދަބު ލުއިކޮށްދިނުމާއެކު އޭނާއަށް އެމެރިކާއިން ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެއެވެ. އެއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ "ނާއިންސާފު ނިންމުމަށް އިންސާފު ހޯދައިދިނުމުން" ފީފާއަށް ޝުކުރު އަދާކުރައްވައިފައެވެ.
ޓްރަމްޕް ބުނީ ފީފާއިން ރަނގަޅަށް ކަންތައް ކުރުމުން އެކަމަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.
ބަލޮގަންއަކީ މިފަހަރު ވޯލްޑް ކަޕްގައި އެމެރިކާއަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. އެގޮތުން ޕެރަގުއާއީއާ ދެކޮޅަށް އެގައުމުން ކުޅުނު މެޗުގައި ބަލޮގަން ދެ ގޯލް ޖެހި އިރު، ބޮސްނިއާ ކޮޅަށްވެސް ބަލޮގަން ވަނީ ގޯލް ޖަހައިފައެވެ.
ބަލޮގަންގެ ރަތް ކާޑަށް އަދަބު ލުއިކޮށްދޭން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯވެސް ވަނީ މީގެ ކުރިން ގޮވާލައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް