އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ފޯނުން ގުޅުއްވައި، ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ބުނެފިއެވެ.
ކްރެމްލިންގެ އޮފިޝަލް ޔޫރީ އުޝާކޯވް ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް 90 މިނެޓަށް ދެމިގެންދިޔަ މި ފޯނު ކޯލަކީ އެމެރިކާގެ 250 ވަނަ މިނިވަން ދުވަހާ ގުޅިގެން ކުރިއަށްދިޔަ ކޯލެކެވެ. މި ކޯލުގައި ޓްރަމްޕް ވަނީ ހަނގުރާމަ އަވަހަށް ނިމުމަކަށް ގެނައުމަށް އެމެރިކާއިން އެހީތެރިވެދޭން ތައްޔާރަށް އޮތްކަން ހާމަކުރައްވައިފައެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމުން ދެ ގައުމުގެ ދެމެދުގައި އިގުތިސޯދީ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވި ކަމަށް އުޝާކޯވް ވިދާޅުވިއެވެ. މީގެ އިތުރުން، ރަޝިއާގެ ސިފައިން ހަނގުރާމައިގެ މައިދާނުގައި ކުރިއަރަމުންދާ ކަމަށާއި، ޔޫކްރެއިންގެ ކޮންސްޓަންޓިނޯވްކާ ސަރަހައްދު ހިފާފައިވާ ކަމަށް ޕޫޓިން ވިދާޅުވި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ކޯލުގެ ކުރިން ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއާ ވެސް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފައެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި، އެމެރިކާއިން ޔޫކްރެއިންއަށް ދެމުންގެންދާ އަސްކަރީ އަދި ސިޔާސީ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ތުރުކީގެ އަންކާރާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯ ސަމިޓުގައި މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވި ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ކްރެމްލިން އިން މި ކޯލު ސިފަކުރަނީ ރަޝިއާއަށް އޮތް ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި އެމެރިކާގެ ހާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރ މޮސްކޯއަށް ޒިޔާރަތްކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް ވެސް ކްރެމްލިން އިން ބުނެފައިވެއެވެ. ނަމަވެސް، ރަޝިއާއިން ކޮންސްޓަންޓިނޯވްކާ ހިފި ކަމަށް ބުނާ ބުނުން ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ދޮގުކޮށްފައެވެ. މި ފޯނު ކޯލުތަކާ ގުޅޭގޮތުން ޓްރަމްޕް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ކޮމެންޓް