މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމަށް މިރޭ މެކްސިކޯއާ ދެކޮޅަށް ނުކުންނަ މެޗަކީ، ކުރީގެ ހިތްދަތި ހަނދާންތަކަށް ބަދަލުހިފަން ނުކުންނަ މެޗެއް ނޫން ކަމަށާއި މިފަހަރު ނުކުންނަނީ އާ ސަފުހާއެއް ލިޔެލަން ކަމަށް އިންގްލެންޑް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
އަޒްޓެކާއަކީ 1986 ވަނަ އަހަރު އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ވޯލްޑް ކަޕް އުފުލާލި ތާރީހީ ސްޓޭޑިއަމެކެވެ. އެ ވޯލްޑް ކަޕްގެ ތެރެއިން "ގޯލް އޮފް ދަ ސެންޗަރީ"އާއި "ހޭންޑް އޮފް ގޯޑް"ގެ ގޯލް ފެނިގެން ދިޔައެވެ. ފައިނަލުގައި އާޖެންޓީނާއިން ވެސްޓް ޖަރުމަނު ބަލިކޮށް ތަށި ނެގި ނަމަވެސް، އެ މެޗަށްވުރެ ބޮޑަށް ފޯކަސް އަމާޒުވީ އިންގްލެންޑާއި އާޖެންޓީނާ ވާދަކުރި ކުއާޓާ ފައިނަލް މެޗަށެވެ.
އިނގިރޭސީން މެކްސިކޯގެ އަޒްޓެކާއަށް މިރޭ ނުކުންނަނީ 40 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 40 އަހަރުގެ ކުރިއާ ގުޅިފައި ވަނީ ފާޑެއްގެ ހަނދާންތަކަކާއެވެ. އެފަހަރު ކުއާޓާ ފައިނަލްގައި ކުޅުނު މެޗުގައި އާޖެންޓީނާއިން އިންގްލެންޑް ބަލިކުރި އިރު، މަރަޑޯނާ ވަނީ އަތުން ގޯލް ޖަހައި އޭގެފަހުން ތަފާތު މޮޅު ގޯލަކާއެކު އިންގްލެންޑް ކަޓުވާލައިފައެވެ.
"އަހަރެމެން މިރޭ ނުކުންނަނީ ބަދަލުހިފާކަށް ނޫން. އަހަރެމެން މިތިބީ އަމިއްލަ ސަފުހާއެއް ލިޔަން. އަހަރެމެން މިތިބީ ރަނގަޅު ރޫހެއްގައި. އަހަރެމެން މިތިބީ ތައްޔާރަށް،" ޓުޗެލް ބުނެފިއެވެ.
އަޒްޓެކާއަށް މެކްސިކޯ ވަރުގަދަވާ އެތައް ސަބަބުތަކެއް ހުރި އިރު، އިންގްލެންޑް މިރޭ ވަނީ ބޮޑު އިމްތިހާނަކަށެވެ. މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމަކީ ލޮނުގަނޑުގެ މައްޗަށް 7،220 ފޫޓު މަތި ސްޓޭޑިއަމެކެވެ. އެއީ އިންގްލެންޑް އެލްޓިޓިއުޑްގެ މައްސަލަ ދިމާވާނެ ސަބަބެއް ކަމަށް ނޫސްތައް ބުނެއެވެ. ތަޖުރިބާކަރުން އެކަން ފާހަގަކުރަނީ މެކްސިކޯއަށް ބޮޑު ފައިދާއެއްގެ ގޮތުގައެވެ.
"މެކްސިކޯ ސިޓީގެ މި ސްޓޭޑިއަމްގައި ކުޅުމަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް ކަންތައް. މެކްސިކޯއަކީ ވަރުގަދަ ޓީމެއް. ޓަފްވާނެ މެޗެއް މިރޭގެ މެޗަކީ. މިއީ އައިކޯނިކް ސްޓޭޑިއަމެއް. އަހަރެމެންނަށް އެބަ އިހުސާސް ކުރެވޭ އެ އިހުސާސް. ދެން އެލްޓިޓިއުޑުގެ މައްސަލަ ދިމާވިޔަސް އެކަމަށް ހޭނެން ޖެހޭނެ. އެހެންވީމަ އެއީ ބަހަނާއެއް ނޫން،" ޓުޗެލް ބުންޏެވެ.
އިންގްލެންޑަށް އަދިވެސް އަނިޔާގެ މައްސަލަތައް ދިމާވެފައިވާ އިރު، ރީސް ޖޭމްސް އަދިވެސް ހުރީ އަނިޔާއެއްގައެވެ. އެހެންނަމަވެސް މިހާރު ޖަރެލް ގުއަންސާ ވަނީ ފިޓްވެ، ކުޅެވޭވަރު ވެފައެވެ.
މިރޭގެ މެޗަށް މެކްސިކޯ ނުކުންނަ އިރު، އެންމެފަހުން އަޒްޓެކާގައި ބަލިވެފައި ވަނީ 2013 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އޭގެފަހުން ކުޅުނު 26 މެޗުންވެސް މެކްސިކޯ ބަލިވެފައެއް ނުވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް