ކިލިއަން އެމްބާޕޭއަކީ ޑިކްޓޭޓަރެއް ކަމަށް ހަދައިގެން ބައެއް ސަޕޯޓަރުން އެހެން ސިފަކުރި ނަމަވެސް، އަސްލު އެއީ މުޅިން ތަފާތު މިޒާޖެއްގެ މީހެއް ކަމަށް ކޯޗު ޑިޑިއޭ ޑިޝޯމް ބުނެފިއެވެ.

އެމްބާޕޭއަކީ ނުފޫޒުގަދަ ޑިކްޓޭޓަރެއްގެ ހަރުކަށިކަން ހުންނަ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އެކަން އެހެން ފެށިފައި ވަނީ އިންޓަނެޓް މީމްއެއްގެ ސަބަބުންނެވެ. އަދި ރެއާލް މެޑްރިޑްގައި ބާރާ ނުފޫޒު ބޭނުންކުރާ ކަމަށް ބުނެ ވެސް ބައެއް މީޑިއާތަކުން ވަނީ ތުހުމަތުތައް ކޮށްފައެވެ. އެ ވާހަކަތަކާ އެކު ވޯލްޑް ކަޕް ބައެއް މެޗުތަކަށް ދާ ސަޕޯޓަރުން ވެސް ވަނީ އެމްބާޕޭ ޑިކްޓޭޓަރަކަށް ހަދައިގެން ޕޯސްޓަރުތައްވެސް ގެންގުޅެފައެވެ. އެކަން މިހާރު ވެފައި ވަނީ ޖޯކަ ކަށެވެ.

"އެމްބާޕޭގެ މިޒާޖަކަށް އަދި އެއްވެސް އިރެއްގައި ބަދަލެއް އައިސްފައެއް ނުވޭ. ތިމީހުން އެމްބާޕޭ ޑިކްޓޭޓަރަކަށް ހަދައިގެން އުޅުނަސް އެއީ މުޅިން ތަފާތު މިޒާޖެއްގެ މީހެއް. ބޭރުގައި ބަލަން ތިބޭ މީހުންނަށް އެމްބާޕޭ އެހެން ފެނުނަސް އެއީ އެ ސިފަ އެއްވެސް ގޮތަކަށް ހުންނަ މީހެއް ނޫން،" ޑިޝޯމް ރޭގެ މެޗަށްފަހު ބުންޏެވެ.

ފްރާންސުން ރޭ ގަދަ 16 ގައި ޕެރަގުއާއީ ކައިރިން 1-0 އިން މޮޅުވި އިރު، އެމެޗުގައި ގޯލް ޖެހީވެސް އެމްބާޕޭއެވެ.

ރޭގެ މެޗަށް ޕެރަގުއާއީ ނުކުތީ ޖަރުމަނު ކަޓުވާލައިފައެވެ. އެއީ ޑިފެންސިވް ކުޅުމަކާއެކުގައެވެ. ހަމަ އެ ކުޅުމަށް ނުކުމެ، މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޕެރަގުއާއީން ވަނީ ފަހަތަށް ޖެހި ފްރާންސް ފޫހިކޮށް، މާޔޫސްކޮށްލަން މަސައްކަތް ކޮށްފައެވެ. އެއްވެސް ޖާގައެއް ނުދީ ޕެރަގުއާއީން މަސައްކަތް ކުރި އިރު، އެޓީމުން ވަނީ ފްރާންސް ކުޅުންތެރިންނަށް ގިނަ ފައުލްތަކެއްވެސް ކޮށްފައެވެ.

މެޗު ނިމެން ދިޔައިރު އެ ޖަޒުބާތުގައި އެމްބާޕޭއާއި ބައެއް ކުޅުންތެރިންނާ ދެމެދުވެސް ވަނީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.