ނޯވޭގެ އާލިން ހާލަންޑްގެ ނުރައްކާ ބޮޑަށް އެނގޭނީ ޑިފެންޑަރުންނަށް ކަމަށާއި، ހުއްޓުވަންވީ ގޮތް ކިޔައިދޭން ނުޖެހޭނެ ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

މިއަހަރު ވޯލްޑް ކަޕްގެ ގަދަ 16 ގައި ބްރެޒިލުން މިރޭ ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ. މުޅިން އާ ޖީލަކާއެކު ނޯވޭން މަސައްކަތް ކުރަމުން ދަނީ އަލަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދިޔުމަށެވެ. މީގެ ކުރިން ވޯލްޑް ކަޕްގައި ނޯވޭ އިން ވަނީ ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1938، 1994 އަދި 1998 ވަނަ އަހަރުއެވެ. އޭގެ ތެރެއިން 1938 އަދި 1998 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އާ ހަމައަށް އެ ޓީމު ދަތުރުކުރިއެވެ.

ނޯވޭއާ ދެކޮޅަށް ފަސް ތަރީގެ ބްރެޒިލުން މިރޭ ނުކުންނަ އިރު، ބްރެޒިލުން މަސައްކަތް ކުރަމުން ދަނީ 2002 ވަނަ އަހަރަށްފަހު އަލުން ވޯލްޑް ކަޕް ހޯދުމަށެވެ. އެ ދަތުރުގައި މިރޭ ނޯވޭގެ ތަރި އާލިން ހާލަންޑާ ކުރިމަތިލާން ޖެހޭ އިރު، މިހާތަނަށް ވޯލްޑް ކަޕްގައި އޭނާ ވަނީ ފަސް ގޯލް ޖަހައިފައެވެ.

"އެންމެންނަށް އެނގޭނެ ހާލަންޑް. އަހަންނެއް ނުޖެހޭނެ ބްރެޒިލްގެ ޑިފެންޑަރުންނަށް ހާލަންޑް ކިޔައިދޭކަށް. އެ ޑިފެންޑަރުންނަށް މާ ރަނގަޅަށް އެނގޭނެ ހާލަންޑް. އެއީ އެ ޑިފެންޑަރުން ވަރަށް ގިނަ ފަހަރު ހާލަންޑާ ދެކޮޅަށް ކުޅެފައިވޭ،" އެންޗެލޮޓީ ޕްރި މެޗުގައި ބުންޏެވެ.

ބްރެޒިލްގެ ދެ ސެންޓަ ބެކުންނަކީ ޔޫރަޕްގެ ތަޖުރިބާ ބޮޑު ދެ ކުޅުންތެރިންނެވެ. އާސެނަލްއަށް ކުޅެމުންދާ ގެބްރިއަލް، ތަފާތު އެކި ފަހަރުމަތިން ޕްރިމިއާ ލީގުގައި ހާލަންޑާ ކުރިމަތިލާފައިވާ އިރު، ޕީއެސްޖީގެ މާކީނިއޯސްވެސް ވަނީ ހާލަންޑާ ދެކޮޅަށް މީގެ ކުރިން ކުޅެފައެވެ.

"އަހަރެމެން ވިސްނަން ޖެހޭނެ ނޯވޭ މެޗަކީ ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ މެޗެއްކަން. ހާއްސަކޮށް ހާލަންޑަށް. އެއީ ހާލަންޑަކީ ވަރަށް ނުރައްކާތެރި ފޯވަޑެއް ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއް ހުރި ކުޅުންތެރިއަކަށް ވާތީ،" އެންޗެލޮޓީ އިތުރަށް ބުންޏެވެ.

އެންޗެލޮޓީ ބުނީ މިރޭގެ މެޗަށް ރަފީނިއާ ބެންޗަށް ނުކުންނަ ވަރަށް ފިޓް ކަމަށާއި، ލޫކަސް ޕަކެޓާ ނެތްތައް ފޫބައްދަން ވިސްނަނީ ތަފާތު ގޮތަކަށް ކަމަށެވެ. އަދި ނޮކްއައުޓް ފުޓުބޯޅައިގެ ކަންކަން ރަނގަޅަށް އެނގޭ ކަމަށް ބުނެ، އެންޗެލޮޓީ ބުނީ ހާސްނުވާ ކަމަށެވެ. އެހެން ނަމަވެސް ރަނގަޅު ކޮށްގެން ނޫނީ ސަލާމަތް ނުވެވޭނެ ކަމަށްވެސް ބުންޏެވެ.