ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުންނަ އިރު، މެކްސިކޯގެ އެންމެ ބޮޑު ހަތިޔާރަކީ އަމިއްލަ އެދުމެއް ނެތް ކުޅުންތެރިން ކަމަށް ކޯޗު ހާވިއޭ އަގޭރޭ ބުނެފިއެވެ.

މުބާރާތުގެ ކުރިން މެކްސިކޯ ގައުމީ ޓީމާއެކު ބައެއް ކްލަބުތަކާ ފުށުއެރުންތަކެއް އުޅުނު ނަމަވެސް، ފަހުން އެކަން ރަނގަޅުކޮށް، އެޓީމުން ވޯލްޑް ކަޕަށް ނުކުތީ ތަފާތު ރޫހެއްގައެވެ. ހާއްސަކޮށް އަމިއްލަ ދަނޑު ކަމަށްވާ ތާރީހީ އަޒްޓެކާގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް، މެކްސިކޯ އޮތީ ކޮޅަށް ގޯލެއްވެސް ވަނަ ނުދީއެވެ. އެއާއެކު މެކްސިކޯ ވެފައި ވަނީ ވޯލްޑް ކަޕެއްގެ ހަތަރު މެޗު، ކޮޅަށް ގޯލެއް ވައްދާނުލައި ކާމިޔާބުކުރި ތިންވަނަ ގައުމަށެވެ.

މީގެ ކުރިން އެ ތާރީހީ ޝަރަފު ހޯދާފައި އޮތީ 1986 ވަނަ އަހަރު ބްރެޒިލާއި 1990 ވަނަ އަހަރު އިޓަލީ އެކަންޏެވެ.

މެކްސިކޯއިން އެންމެފަހުން އަޒްޓެކާގައި ބަލިވެފައި ވަނީ 2013 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އޭގެފަހުން ކުޅުނު 26 މެޗުންވެސް މެކްސިކޯ ބަލިވެފައެއް ނުވެއެވެ.

"އަހަރެމެންގެ އެންމެ ބޮޑު ހަތިޔާރަކީ މި ދަނޑެއްވެސް ނޫން. އަދި މިހާރު މިއޮތް ފޯމެއްވެސް ނޫން. ހުނަރެއްވެސް ނޫން. އެކަމަކު އަމިއްލަ އެދުމެއްނެތި މި ޓީމަށް ގުރުބާން ވާން ތިބި ކުޅުންތެރިން. އަހަރެމެންގެ މިތިބަ ހުރިހާ ކުޅުންތެރިންނަކީވެސް ބޮޑާވުމެއް ނެތި، ހަމަ ބިމުގައި ތިބެ، މި ޓީމަށް، މި ގައުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ބައެއް،" އަގޭރޭ ބުންޏެވެ.

އަގޭރޭގެ ޓީމަށް މިރޭގެ މެޗު ވެގެންދާނީ މިހާތަނަށް އެންމެ އުނދަގޫ މެޗު ކަމަށް އޭނާ ބުނެފައިވެއެވެ. އެއީ އިންގްލެންޑާ ދެކޮޅަށް ނުކުތުމަކީ މެންޓަލީ އެކަމަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ ކަމަކަށްވާތީ ކަމަށް އޭނާ ބުންޏެވެ.

"އިންގްލެންޑަކީ ވަރަށް ވަރުގަދަ ބައެއް. ފިޒިކަލީ ވަރުގަދަވުމުގެ އިތުރުން އިންގްލެންޑުން ކުޅޭ ފުޓުބޯޅަވެސް ރަނގަޅުވާނެ. ހާއްސަކޮށް ކޭން. ކޭންއަށް އަހަރެމެން ޖާގައެއް ދީފިނަމަ އެއީ ބޮޑު ގޯހަކަށް ވާނެ. އެއީ ކޭންއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފޯވަޑެއް. މެދުތެރެއަށް ވަދެ ނަގާ ބޯޅައިން ނަތީޖާ ނެރޭނެ. އެކަން ހުއްޓުވަން އަހަރެމެން ވިސްނަން ޖެހޭނެ،" އަގޭރޭ ބުންޏެވެ.

އިންގްލެންޑާއި މެކްސިކޯ ވާދަކުރާ މެޗު މިރޭ އޮންނާނީ ރާއްޖެ ގަޑިން 5:00 ގައެވެ.