ފްރާންސާ ދެކޮޅަށް ރޭ ގަދަ 32 ގެ ބުރުގައި ޕެރަގުއާއީން ކުޅުނީ މީހުން ފޫހިކުރުވާނެ ފުޓުބޯޅައެއް ކަމަށާއި، އެ ފުޓުބޯޅަ ބަލަން މީހުން ދަނޑަށް ނުވަންނާނެ ކަމަށް ކޯޗު ޑިޑިއޭ ޑިޝޯމް ބުނެފިއެވެ.

ފްރާންސުން ވަނީ ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. އެންމެފަހުން 2022 ވަނަ އަހަރުގެ ފައިނަލުގައިވެސް ކުޅުނު ފްރާންސުން ގްރޫޕް ސްޓޭޖުގައި ސެނެގާލް، އިރާގުގެ އިތުރުން ނޯވޭވެސް ބަލިކޮށް ފުރިހަމަ މޮޅެއް ހޯދި އިރު، ގަދަ 32 ގައި ސްވިޑެން ބަލިކުރީވެސް ފަސޭހަ ކޮށެވެ.

އެހެން ނަމަވެސް ރޭގެ މެޗު ވެގެންދިޔައީ އުނދަގޫ މެޗަކަށެވެ. ފިލަޑެލްފިއާގެ ގަދަ ހޫނުގައި ކުޅުނު މެޗުން ފްރާންސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ކިލިއަން އެމްބާޕޭ މެޗުގެ ހަމައެކަނި ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ.

"އަހަރެން ޓީމުގެ އެންމެ ވަރުގަދަ ދެ ކުޅުންތެރިން ކައިރިން ބުނިން އެންޕާބޭއަށް ރައްކާތެރިކަން ދޭން. އެއީ މެޗުގެ ފަހުކޮޅުގައި ޕެރަގުއާއީ ކުޅުންތެރިން ހީވީ އެމްބާޕޭ ކޮށާލާފާނެހެން،" ޑިޝޯމް ބުންޏެވެ.

އޭގެ އިތުރުން ޑިޝޯމް ބުނީ ޕެރަގުއާއީން ކުޅުނީ ޝައުގުވެރިކަން ކުޑަ ފުޓުބޯޅައެއް ކަމަށެވެ.

"މެޗު ވަރަށް އުނދަގޫ. ޕެރަގުއާއީން އަހަރެމެން ހުއްޓުވަން ފޮތުގައި އޮތިއްޔާ އޮތް އުކުޅެއް ބޭނުންކުރި. އެކަމަކު އެ ކުޅުނު ފުޓުބޯޅައަކީ މީހުން ޝައުގުވެރިކަމާއެކު ދަނޑަށް ވަންނާނެ ފުޓުބޯޅައެއް ނޫން. އެކަމަކު އެމީހުން ވަރުގަދައަށް ޑިފެންސްކުރި. އަބަދުވެސް ދެކުނު އެމެރިކާ ޓީމުތައް އެހެން އުނދަގޫވާނެ،" ޑިޝޯމް ބުންޏެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޕެރަގުއާއީން ވަނީ ފަހަތަށް ޖެހި ފްރާންސް ފޫހިކޮށް، މާޔޫސްކޮށްލަން މަސައްކަތް ކޮށްފައެވެ. އެއްވެސް ޖާގައެއް ނުދީ ޕެރަގުއާއީން މަސައްކަތް ކުރި އިރު، ފްރާންސަށް މާގިނަ ފުރުސަތުތަކެއް މެޗުގައި ތަނަވަސް ކުރެވިފައެއްވެސް ނުވެއެވެ.

ފްރާންސުން ގަދަ 16 ފަހަނައަޅައި ގޮސް، ދެން ކުއާޓާގައި ވާދަކުރަން ޖެހޭނީ މޮރޮކޯއާ ދެކޮޅަށެވެ.