ވޯލްޑް ކަޕް ގަދަ 16 ގެ ފުރަތަމަ މެޗުގައި މޮރޮކޯއިން މުބާރާތުގެ އެއް ހޯސްޓް، ކެނެޑާ ކަޓުވާލައިފިއެވެ.
މޮރޮކޯއަށް ފުރަތަމަ ފަސް ވޯލްޑް ކަޕް ގެއްލުނީ އެގައުމު ފްރާނަސްގެ ބައެއްގައި އޮތުމުންނެވެ. އޭގެ ފަހުން 1955 ވަނަ އަހަރު އެގައުމުގެ ފުޓުބޯޅަ ރަސްމީވެ، ފެޑަރޭޝަން އުފެއްދިއެވެ. 1970 ގެ އަހަރުތަކުގައި މޮރޮކޯގެ ފުޓުބޯޅަ ކުރިއަށް ޖެހިލައި، ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ މެކްސިކޯގައެވެ. އެ ޖީލުން 1976 ވަނަ އަހަރު އެފްކޯންގެ ތަށިވެސް ނެގިއެވެ. އޭގެ އިތުރުން މޮރޮކޯ ވަނީ 2012 ވަނަ އަހަރުގެ އަރަބް ކަޕާއި 2018، 2020 ވަނަ އަހަރުގެ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕްވެސް ކާމިޔާބު ކޮށްފައެވެ.
އޭގެ ފަހުން ދެން އައީ ފުޓުބޯޅައިގެ ރަން ދުވަސްތަކެކެވެ. މެދުކެނޑުމަކަށްފަހު 1986 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް މޮރޮކޯ ވިދާލިއެވެ. އިންގްލެންޑާއި، ޕޮލެންޑް އަދި ޕޯޗުގަލްއާ އެއް ގްރޫޕެއްގައި ކުޅެ، ގްރޫޕުގެ އެއްވަނަ ހޯދިއެވެ. އެއީ އެފްރިކާ ގައުމެއް ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެފަހަރު ގަދަ 16 ގައި ވެސްޓް ޖާމަނީ އަތުން ބަލިވި މޮރޮކޯއަށް އޭގެ ފަހުން ދެން ވާދަކުރެވުނީ 1994، 1998 ގެ އިތުރުން 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ.
އުންމީދީ ޓީމަކާއެކު ނުކުމެ، މޮރޮކޯއިން ގަތަރު ވޯލްޑް ކަޕްގައި އެތައް ބަޔަކު ހައިރާން ކޮށްލިއެވެ. އެއީ އެފްރިކާގެ ޓީމަކުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާއެކުގައެވެ. މޮރޮކޯއިން ގަތަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނެވެ. އެއީ ޖާދުވީ ދަތުރެކެވެ. މޮރޮކޯއިން ވަނީ ބެލްޖިއަމާއި ސްޕެއިންގެ އިތުރުން ޕޯޗުގަލްވެސް ބަލިކޮށްފައެވެ. ސްޕެއިނާއި ޕޯޗުގަލް ކަޓުވާލީ ހިތްދަތިކޮށްލައިފައެވެ.
ކޮންކެކަފް ފެޑަރޭޝަންގައި ވާދަކުރާ ކެނެޑާއަކީ ފުޓުބޯޅައިގެ މާބޮޑު ތާރީހެއް އޮތް ގައުމެއް ނޫން ނަމަވެސް، އެޓީމަށް މިހާރު ވަނީ ދިރުން ގެނުވައިފައެވެ. ހާއްސަކޮށް އެ ރީޖަންގައި މިހާރު ކެނެޑާއަކީ ތަރިންތަކެއް އުފައްދަމުން އަންނަ ހަބެކެވެ. ކެނެޑާ ފުޓުބޯޅަ ތާރީހުގެ އެންމެ ބޮޑު ކާމިޔާބީއަކީ 1985 ވަނަ އަހަރާއި 2000 ވަނަ އަހަރު ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ކޮންކަކަފް ޗެމްޕިއަންޝިޕް، ގޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. ކެނެޑާއިން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވިއެވެ. އޭގެފަހުން ދެން ކުޅުނީ ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕެވެ.
ކެނެޑާއިން 1904 ވަނަ އަހަރުގެ އޮލިމްޕިކްސް ރަން މެޑަލް ހޯދި ނަމަވެސް، އޭގެ ފަހުން ފުޓުބޯޅައަށް މާ ބޮޑެތި އިންގިލާބުތަކެއް ނައިސް މަޑު ޖެހުނެވެ. އެހެންނަމަވެސް މިހާރު އާ ޖީލަކާއެކު ކުރިއަށްދާ ކެނެޑާއަށް މިއީ ހާއްސަ ވޯލްޑް ކަޕެކެވެ. އެއީ ކެނެޑާއަކީ މުބާރާތުގެ ހޯސްޓަކަށްވާތީއެވެ.
ގްރޫޕު ސްޓޭޖުގައި މޮރޮކޯ އިން ވަނީ ބްރެޒިލްއާ އެއްވަރުކޮށް، ސްކޮޓްލެންޑް އަދި ހެއިޓީ ބަލިކޮށްފައެވެ. އަދި މޮރޮކޯ އިން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ގައި ނެދަލެންޑްސް ބަލިކުރުމަށްފަހުއެވެ.
ކެނެޑާއިން ގްރޫޕު ސްޓޭޖުގައި ސްވިޒަލެންޑް އަތުން ބަލިވި ނަމަވެސް، ބޮޑު ތަފާތަކުން ގަތަރު ބަލިކޮށް ބޮސްނިއާ އަތުން ވަނީ އެއްވަރުވެފައެވެ. ކެނެޑާއިން ގަދަ 16 ގެ ޖާގައެއް ހޯދީ ގަދަ 32 ސައުތު އެފްރިކާ ބަލިކުރުމަށްފަހުއެވެ.
މިރޭގެ މެޗަށް މޮރޮކޯއިން ވަނީ އިސްމާއިލް ސައިބާރީ، ބްރަހިމް ޑިއާޒް، އަޒެދިން އުނާހީ، ބިލާލް އެލް ކަނޫސް، އައްޔޫބް ބުއާޑީ، ނީލް އަލް އޭނޫއީ، ކެޕްޓަން އަޝްރަފް ހަކީމީ، އީސާ ޑިއޮޕް، ރެދޫއާން ހަލްހަލް، ނޫސައިރް މަޒްރާއީ އަދި ގޯލްކީޕަރު ޔަސީން ބޯނާއާއެކު ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައެވެ.
ކެނެޑާ އިން ވެސް ވަނީ ޖޮނަތަން ޑޭވިޑް، ޓަނީ އުލުވޭޝީ، ތަޔޯން ބިއުކޭނަން، ސްޓެފަން އެސްތާކިއޯ، ރިޗީ ލަރޭޔާ އަދި މެކްސިން ކްރެޕޯ ވެސް ފުރަތަމަ 11 ގައި ހިމަނައިފައެވެ. ނަމަވެސް މިރޭގެ މެޗު ވެސް އެޓީމުގެ ތަރި އަލްފަންސޯ ޑޭވީސް ފެށީ ބެންޗުންނެވެ.
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗުގައި މޮރޮކޯއިން ކެނެޑާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ވަރުގަދަ ކުޅުމަކާއެކު ކެނެޑާއިން ފަށައި ވަނީ މޮރޮކޯގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ކެނެޑާގެ ދެ ފުރުސަތެއް ފާހަގަކޮށްވެއެވެ. ޖޮނަތަން ޑޭވިޑާއި ޓަނީ އޮލުވާޝޭއަށް ލިބުނު ފުރުސަތުތަކުން ފޮނުވާލި ދެ ހަމަލާ ވެސް މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ ހުޝިޔާރުކަމާއެކު ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފުގައި މޮރޮކޯއަށް އެންމެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރެވިފައި ނުވާ އިރު، އެޓީމުގެ އެންމެ މުހިންމު ފޯވަޑް އިސްމާއިލް ސައިބާރީއަށް އަނިޔާވެގެން ބަދަލުކުރަން ވެސް ޖެހުނެވެ. އަނިޔާވުމުގެ ކުރިން ސައިބާރީ ފޮނުވާލި ހަމަލާއެއް ކެނެޑާގެ ކީޕަރު މެކްސިމް ކްރެޕޯ ވަނީ މަތަކޮށްފައެވެ.
ހައިޑްރޭޝަން ބްރޭކަށްފަހު ކެނެޑާާގެ ނުރައްކާ މޮރޮކޯއިން ވަނީ ކޮންމެވެސް ވަރަކަަށް ހުއްޓުވައިފައެވެ. ނަމަވެސް ޖުމުލަ ހަ ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކަން ޖެހި، ފެނިގެންދިޔައީ ފިޒިކަލް ކުޅުމެކެވެ. އޭގެ ތެރެއިން ހަތަރު ކާޑެއް ދެއްކީ މޮރޮކޯގެ ކުޅުންތެރިންނަށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު މޮރޮކޯއިން ފެށީ ތަފާތު ރޫހެއްގައެވެ. ފުރަތަމަ ހާފު އެޓީމަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް، ހާފުގެ ކުރީކޮޅުގައި ގޯލް ޖަހައި ތަފާތު ފެށުމަކުން ފެށިއެވެ. މެޗުގެ 50 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ އަޒެދީން އުނާހީއެވެ.
ހިލޭ ޖެހުމަކުން ކެޕްޓަން އަޝްރަފް ހަކީމީ އޭރިއާ ބޭރަށް ބައިންދާލަ ދިން ބޯލަ، އުނާހީ ކާވް ކޮށްލީ ސީދާ ގޯލްގެ ކަނަށެވެ.
އެ ގޯލާއެކު މޮރޮކޯ ހަމަޖެހިލާ، ކެނެޑާ މަޑުޖައްސާލިއެވެ. އަދި ފުރަތަމަ ހާފުގެ ހައިޑްރޭޝަން ބްރޭކާ ހަމައަށްވެސް ބޮޑަށް ކޮންޓްރޯލް ކުރީ މޮރޮކޯއިންނެވެ.
އޭގެފަހުން ހިލޭ ޖެހުމެއްގައި ކެނެޑާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުން ޖޮނަތަން ޑޭވިޑް ފޮނުވާލީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗު ޔަގީންކޮށް، ޖެހިޖެހިގެން ދެވަނަ ފަހަރަށް މޮރޮކޯއިން ކުއާޓާ ފައިނަލް ޔަގީންކުރީ މެޗުގެ 82 ވަނަ މިނެޓުގައި ކައުންޓާގައި ޖެހި ގޯލުންނެވެ. އަވަސް ކައުންޓާއެއްގައި ބްރަހީމް ޑިއާޒް އަރިމަތިން ކުރިއަށް ޖެހި، އޭރިއާ ތެރެއިން މަޑުމަޑުން ޖައްސާލި ބޯލަ ގޯލަށް ނިންމާލީ އުނާހީއެވެ.
އޭގެ އިރުކޮޅެއްފަހުން އުނާހީ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސުފިއާން ރަހީމީ ބޮލުން ފޮނުވާލި އިރު، އެ ބޯޅަ އަމާޒުވީ ދަނޑިއަށެވެ. މޮރޮކޯއިން ތިންވަނަ ގޯލް ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އަނެއްކާވެސް ރަނގަޅު ޓްރާންސިޝަނެއްގައި އުފެއްދި ކައުންޓާގައި ޑިއާޒް ދިން ބޯޅަ ގޯލަށް ނިންމާލީ ސައިބާރީގެ ބަދަލަށް ނުކުތް ރަހީމީއެވެ.
މޮރޮކޯއިން ފަހުކޮޅުގައި ކައުންޓާއަށް ވިސްނައިގެން ހިފަހައްޓާލި އިރު، އަނެއްކާވެސް ކުއާޓާ ޔަގީންކުރިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް