ދުއްވާފައި ދިޔަ ސައިކަލެއް ޕާކުކޮށްފައި އޮތް ހަތަރު ކާރުގައި ޖެހި އެކްސިޑެންޓްވުމުން ސައިކަލު ދޫކޮށްލާފައި ފިލި މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ބެރެންބެދިމާ ހިނގުން އެއް ވަނަ ގޯޅިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް، އެ މަގުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ޖެހި އެކްސިޑެންޓްވުމަށްފަހު ޑްރައިވަރު މަޑުނުކޮށް ސައިކަލު ދޫކޮށް ގޮސްފައިވާ މައްސަލައެއް މިއަދު ހެނދުނު 06:27 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓްވި ސައިކަލު ދުއްވި މީހާ އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި ނަމަވެސް ސައިކަލުގެ ފަހަތުގައި އިން މީހާ ސީންގައި ހުރި ކަމަށް ފުލުހުން ބުންޏެވެ. އުމުރުން 21 އަހަރުގެ އެމީހާ އާ ސުވާލު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އެމީހާގެ ތުންފަތް ފަޅައިގެން ގޮސް، ތަންތަން މަށައިގެން ދިއުން ފަދަ އަނިޔާ ވެފައިވާ ކަމަށެވެ. އަދި ޕާކުކޮށްފައި ހުރި ހަތަރު ކާރަކަށާއި އެކްސިޑެންޓްވި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާގެ ތަހުގީގުގެ ބޭނުމަށް އެކްސިޑެންޓްވި ސައިކަލު ޓޯކޮށް، ސައިކަލު ދުއްވި މީހާ ހޯދުމާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.