ވޯލްޑް ކަޕް 2026 ގައި ހިތްވަރުގަދަ ކޭޕް ވާޑް އަތުން އުނދަގޫ ގޮތަކަށް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މޮޅުވެ، ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު އެއް ޓީމަކީ އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމެވެ. ފީފާގެ އެންމެ ފަހުގެ ރޭންކިންގައި ދުނިޔޭގެ ތިންވަނައިގައި އޮތް މި ޓީމަކީ، ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދައި، ފުޓުބޯޅައިގެ ތާރީހުގައި ރަން އަކުރުން ނަން ލިޔެފައިވާ ޓީމެކެވެ.

އާޖެންޓީނާއިން ވަނީ ފީފާ ވޯލްޑް ކަޕްގެ ތަށި ތިން ފަހަރެއްގެ މަތިން އުފުލާލައިފައެވެ. އެއީ 1978، 1986 އަދި އެންމެ ފަހުން 2022 ގައެވެ. އޭގެ އިތުރުން އާޖެންޓީނާ ވަނީ ލިއޮނެލް މެސީއާއެކު 2014 ގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ޖަރުމަން އަތުން ވަނީ ބަލިވެފައެވެ. ވޯލްޑް ކަޕް 2018 ގެ ގަދަ 16 އާ ހިސާބުން ކެޓި ނަމަވެސް، އެންމެ ފަހުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ތަފާތު ދެއްކިއެވެ. ވާދަވެރި ފައިނަލެއްގެ ގޮތުގައި ފާހަގަކުރެވުނު އެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅުނު ފްރާންސް އަތުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.

މީގެ އިތުރުން، ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ތަށިވެސް އެންމެ ގިނައިން ހޯދާފައިވަނީ އާޖެންޓީނާއިންނެވެ. އެގޮތުން، 2024 ވަނަ އަހަރުގެ މުބާރާތާއެކު ޖުމްލަ 16 ފަހަރު އެ ޓީމުން ވަނީ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، ސަރަހައްދީ ފުޓުބޯޅައިގެ ރަސްގެފާނުގެ މަގާމު ކަށަވަރުކޮށްފައެވެ. ލިއޮނެލް މެސީގެ ލީޑާޝިޕާއެކު ތަރިންތަކެއް ހިމެނޭ އާޖެންޓީނާ މިފަހަރު ނުކުތީ އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައެވެ.

"ބްލޫ ޝާކްސް" ގެ ނަމުން މަޝްހޫރުވެފައިވާ ކޭޕް ވާޑްގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި މިހާރު ފާހަގަކޮށްލެވޭ ޓީމެކެވެ. ހަތަރު ލައްކަ މީހުންގެ އާބާދީއެއް އޮންނަ މި ކުޑަ ޖަޒީރާ ގައުމުން ވަނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައި، މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ސަރަހައްދީ މުބާރާތްތަކުގައިވެސް ކޭޕް ވާޑުން ވަނީ ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން 2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ވާދަކޮށް، އެ ޓީމު ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ މުބާރާތުގައިވެސް ކުއާޓާ ފައިނަލަށް ދަތުރުކޮށް، އެފްރިކާގެ ގަދަބާރުތަކާ ވާދަކުރެވޭނެކަން ސާބިތުކޮށްދިނެވެ.

ކެޕްޓަން ލިއޮނެމް މެސީގެ ވިދުމާއެކު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ހުރިހާ މެޗަކުން މޮޅުވެ، ނުވަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އާޖެންޓީނާއިން ވަނީ އޮސްޓްރިއާ، އަލްޖީރިއާ އަދި ޖޯޑަން ވެސް ބަލިކޮށްފައެވެ. އެ ހުރިހާ މެޗެއްގައި ގޯލު ޖެހި މެސީ ވަނީ މި ވޯލްޑް ކަޕްގައި މިހާތަނަށް ހަ ގޯލު ޖަހައިފައެވެ. އަދި އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް މުގުރާލައިފައެވެ. ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑުން ދެވަނަ ބުރަށް ދަތުރުކުރީ ބޮޑެތި ޓީމުތަކަށް ހައިރާންކަން ގެނުވުމަށްފަހު ތިން ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ހޯދައިގެންނެވެ. ޔޫރަޕް ޗެމްޕިއަން ސްޕެއިނާއި އުރުގުއާއީ އަދި ސައުދީ އަރައްބިއްޔާ އަތުން ވެސް ކޭޕް ވާޑް ވަނީ އެއްވަރުވެފައެވެ.

މިއީ އާޖެންޓީނާއިން ނޮކްއައުޓް ބުރުގައި ވިދިވިދިގެން ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. އޭގެ ތެރެއިން ދެ މުބާރާތެއްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައިވާ އިރު، އެއް މުބާރާތް ނިންމާލީ ގަދަ 16 އާ ހިސާބުންނެވެ. އަދި 2014 ގައި ރަނަރަޕްކަން ހޯދި އިރު، ގަތަރުގައި ބޭއްވި 2022 ގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއެވެ. ކޭޕް ވާޑަށް މި ވޯލްޑް ކަޕްގެ ކޮންމެ ސްޓޭޖަކީ ވެސް އެޓީމުގެ ތާރީހީ ސްޓޭޖެކެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗަށް ގެނައި ބަދަލުތަކަށްފަހު މިރޭގެ މެޗަށް އާޖެންޓީނާ އިން އަލުން ނެރެފައިވަނީ އެޓީމުގެ ރަސްމީ ފުރަތަމަ 11 އެވެ. އެންމެ ކުރީގައި ކެޕްޓަން ލިއޮނެލް މެސީ އާއި ލައުޓާރޯ މާޓިނޭޒް އަދި ތިއާގޯ އަލްމާޑާ ހިމެނުނު އިރު، މެދުތެރޭގައި ހިމެނުނީ އެންޒޯ ފެނާންޑޭޒާއި ރޮޑްރިގޯ ޑި ޕޯލް އަދި އެލެކްސިސް މެކެލިސްޓާ އެވެ. ޑިފެންސްގައި ހިމެނުނީ ފަކުންޑޯ މެޑީނާ، ލިސާންޑްރޯ މާޓިނޭޒް، ކްރިސްޓިއަން ރޮމޭރޯ އަދި ނަހުއެލް މޮލީނާ އެވެ. މިރޭގެ މެޗުގައި ވެސް އާޖެންޓީނާގެ ގޯލު ބެލެހެއްޓީ އެމިލިއާނޯ މާޓިނޭޒެވެ.

ކޭޕް ވާޑުން ބަދަލުތަކެއް ގެނައި ނަމަވެސް، އެޓީމުން ވެސް ވަނީ ވަރުގަދަ ފުރަތަމަ 11 އެއް މެޗަށް ނެރެފައެވެ. އެގޮތުން އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކެޕްޓަން ރަޔަން މެންޑޭޒް، ޑެރޯއީ ޑުއާޓޭ، ޖޮވާން ކަބްރާލް، ރޮބާޓޯ ލޮޕޭސް، ސިޑްނީ ލޯޕޭސް ކަބްރާލް، ޑިނޭ އަދި މުބާރާތުގެ ތެރޭގައި އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނު ކީޕަރު ވޮޒީނިއާ ހިމެނިގެންދިޔައެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގައި ކޭޕް ވާޑްގެ މައްޗަށް އާޖެންޓީނާ އިން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ޑިފެންސަށް ސަމާލުކަމެއް ދީގެން ކޭޕް ވާޑުން ކުޅެމުންދިޔަ އިރު، މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ފޮނުވާލި ހަމަލާ ދިޔައީ ކޭޕް ވާޑްގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ 18 ވަނަ މިނެޓުގައި މެސީގެ ހިލޭ ޖެހުމެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ނަހުއެލް މޮލީނާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ނުރައްކާކުރުމުގެ ކުރިން ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދައިފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ލިސޭންޑްރޯ މާޓިނޭޒް ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ރީތިކޮށް ކޮންޓްރޯލުކޮށް ކޭޕް ވާޑްގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ މި ވޯލްޑް ކަޕްގައި މެސީ ޖެހި ހަތްވަނަ ގޯލެވެ. މިހާތަނަށް އާޖެންޓީނާ ކުޅުނު ކޮންމެ މެޗެއްގައި މެސީ ވަނީ ގޯލު ޖަހައިފައެވެ.

މިއަދުގެ ގޯލާއެކު މެސީ ވެގެން ގޮސްފައިވަނީ ތަފާތު ދެ ވޯލްޑް ކަޕެއްގައި ހަތް ގޯލު ނުވަތަ އެއަށްވުރެ ގިނަ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގައި މެސީ ވަނީ ހަތް ގޯލު ޖަހައިފައެވެ. މިއަދުގެ ގޯލާއެކު ވޯލްޑް ކަޕްގެ ތާރީހުގައި އޭނާ ޖެހި ޖުމުލަ ގޯލުގެ އަދަދު ވަނީ 20 ވަނަ ގޯލެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އާޖެންޓީނާއަށް ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ލައުޓާރޯ މާޓިނޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ކޭޕް ވާޑުން ވަނީ އެޓޭކަށް މަސައްކަތްތަކެއް ކޮށްފައެވެ. ކުރިއަށް ޖެހިގެން މަސައްކަތްތަކެއް ކުރި ނަމަވެސް، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރުމަށް ކޭޕް ވާޑަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. އަނެއްކޮޅުން ދެވަނަ ހާފުގެ ކުރީކޮޅުގައި އާޖެންޓީނާއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ކޭޕް ވާޑުން އާޖެންޓީނާގެ ގޯލަށް ނުރައްކާކުރިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޑެރޯއީ ޑުއާޓޭ ފޮނުވާލި ހަމަލާ، އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފައެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ކޭޕް ވާޑުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ކެޕްޓަން ރަޔަން މެންޑޭޒް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން އާޖެންޓީނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޭޕް ވާޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޑެރޯއީ ޑުއާޓޭ އެވެ.

މެޗުގެ 63 ވަނަ މިނެޓުގައި މެސީއަށް އަލުން އާޖެންޓީނާއަށް ލީޑު ހޯދައިދިނުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ލައުޓާރޯ މާޓިނޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހުސްކޮށް ހުރެ މެސީ ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ވެސް މެސީގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ގޯލުގެ މަތީ ކަނަކަށް އަމާޒުވާން ދަނިކޮށް، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އާޖެންޓީނާއިން ނުރައްކާ ބޯޅައެއް ކޭޕް ވާޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގިއެވެ. އެ ބޯޅަ ދިފާއުކުރުމަށް އުޅުމުގެ ތެރޭގައި ކޭޕް ވާޑްގެ ޑިފެންޑަރު ރޮބާޓޯ ލޮޕޭޒްގެ ފައިގައި ޖެހިފައި ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އާޖެންޓީނާއަށް ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ލިއާންޑްރޯ ޕަރޭޑޭޒް ފޮނުވާލި ބާރު ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން މެސީ ފޮނުވާލި ހިލޭ ޖެހުމެއް ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެންޒޯ ފެނާންޑޭޒް ބޮލުން ފޮނުވާލި ހަމަލާ ވެސް ކީޕަރު ވޮޒީނިއާ ވަނީ މަތަކޮށްފައެވެ. ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

މެޗުގެ 92 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލު ޖަހައި އަލުން ލީޑު ހޯދައިފައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން އާޖެންޓީނާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލިސާންޑްރޯ މާޓިނޭޒެވެ.

މެޗުގެ 103 ވަނަ މިނެޓުގައި ހިތްގައިމު ގޯލަކާއެކު ކޭޕް ވާޑުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އަރިމަތިން ރީތިކޮށް އާޖެންޓީނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޭޕް ވާޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ސިޑްނީ ލޮޕޭޒް ކަބްރާލް އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހުކޮޅު އާޖެންޓީނާއަށް އަލުން ލީޑު ހޯދުމަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެސީ ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ކީޕަރު ވޮޒީނިއާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ހޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާ، ކޭޕް ވާޑްގެ ސިޑްނީ ލޮޕޭޒް ކަބްރާލް ވަނީ ބްލޮކްކޮށްފައެވެ.

މެޗުގެ 111 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ގޯލު ޖަހައި އަލުން ލީޑު ހޯދައިފައެވެ. މެސީ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ވަދެފައިވަނީ ޑިނޭ އަތުން ބައިކޮޅަށެވެ.

އޭގެ ތިން މިނެޓު ފަހުން ކޭޕް ވާޑްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމަކުން ސިޑްނީ ލޮޕޭޒް ކަބްރާލް ފޮނުވާލި ބާރު ހަމަލާ، އާޖެންޓީނާ ކީޕަރު މާޓިނޭޒް ވަނީ މަތަކޮށްފައެވެ.