ވޯލްޑް ކަޕް 2026 ގައި ޕެނަލްޓީ ޝޫޓްއައުޓްގައި އޮސްޓްރޭލިއާ ބަލިކޮށް، މިސްރުން ނޮކްއައުޓް ފުރަތަމަ މޮޅު ހޯދައިފިއެވެ.
މުހައްމަދު ސަލާހާއި އޮމަރް މާމޫޝް ފަދަ ތަރިންތަކެއް ހިމެނޭ މިސްރުގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގެ އެންމެ ކާމިޔާބު އެއް ޓީމެވެ. "ދަ ފެރޯސް"ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމަކީ މުޅި އެފްރިކާގެ ފަހުރެކެވެ. ބައިނަލްއަގުވާމީ މައިދާނުގައި މިސްރުން ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.
ވޯލްޑް ކަޕްގައި މިސްރުން ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައެވެ. އެއީ 1934، 1990 އަދި 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން، 1934 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމަކީ ވެސް މިސްރެވެ. އެ މުބާރާތުގެ ގަދަ 16 އަށް މިސްރު ދަތުރުކުރިއެވެ. ސަރަހައްދީ ފެންވަރުގައި ބަލާއިރު، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމަކީ ވެސް މިސްރެވެ. އެ ޓީމުން ވަނީ ރެކޯޑު އަދަދަކަށް، ޖުމްލަ ހަތް ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ.
އޭޝިއާއަށް ނިސްބަތްވާ އޮސްޓްރޭލިއާއަކީ ދެ ކޮންފެޑެރޭޝަނެއްގެ ޗެމްޕިއަންކަން ހޯދި ގައުމެކެވެ. އޮސްޓްރޭލިއާއިން ވަނީ އޯއެފްސީ ނޭޝަންސް ކަޕް ހަތަރު ފަހަރު އަދި 2015 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބުކޮށްފައެވެ. 1922 ވަނަ އަހަރުން ފެށިގެން ފުޓުބޯޅައިގައި އޯޝެނިއާ ގައުމެއްގެ ގޮތުގައި އޮސްޓްރޭލިއާ އޮތަސް، އެޓީމުން 2006 ވަނަ އަހަރުން ފެށިގެން ގުނަނީ އޭޝިއާ ގައުމަކަށެވެ.
އޮސްޓްރޭލިއާ އިން ވަނީ ހަތް ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. އެޓީމު ފުރަތަމަ ފެނިގެންދިޔައީ ވެސްޓް ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 1974 ގައެވެ. ދިގު އިންތިޒާރަކަށްފަހު އޮސްޓްރޭލިއާ ދެން ފެނިގެންދިޔައީ ވޯލްޑް ކަޕް 2006 ގައެވެ. އެއަށްފަހު ކޮންމެ ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާ ފެނެއެވެ. އޮސްޓްރޭލިއާއަށް ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އަހަރުތަކަކީ 2006 ގެ އިތުރުން އެންމެފަހުން ގަތަރުގައި ބޭއްވި 2022 ވަނަ އަހަރު ވޯލްޑް ކަޕެވެ. އެ ދެ މުބާރާތުގެ ގަދަ 16 އަށް އޮސްޓްރޭލިއާ ދަތުރުކުރިއެވެ.
މިސްރު އަދި އޮސްޓްރޭލިއާ ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ އެޓީމުތަކުގެ ގްރޫޕުގެ ދެވަނައިގެ ގޮތުގައެވެ. މިސްރުން ފަސް ޕޮއިންޓު ހޯދި އިރު، އޮސްޓްރޭލިއާ އިން ވަނީ ހަތަރު ޕޮއިންޓު ހޯދައިފައެވެ. ގްރޫޕު ސްޓޭޖުގައި މިސްރުން ކުޅުނު މެޗުތަކުގެ ތެރެއިން ބެލްޖިއަމާއި އީރާން އަތުން އެއްވަރުވެ، ނިއު ޒިލޭންޑް އަތުން ވަނީ މޮޅުވެފައެވެ. އޮސްޓްރޭލިއާ އިން އެމެރިކާ އަތުން ބަލިވި ނަމަވެސް، ތުރުކީ އަތުން ވަނީ މޮޅުވެފައެވެ. އަދި ފަހު މެޗުގައި ޕެރަގުއާއީ އަތުން އޮސްޓްރޭލިއާ ވަނީ އެއްވަރުވެފައެވެ.
މިސްރުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި ވާދަކޮށްފައިވަނީ ހަމައެކަނި ވޯލްޑް ކަޕް 1934 ގައެވެ. މީގެ 92 އަހަރު ކުރިން ވާދަކުރި އެ ވޯލްޑް ކަޕްގެ ނޮކްއައުޓްގެ ފުރަތަމަ ބުރުގެ ގޮތުގައި އޮތް ގަދަ 16 އާ ހިސާބަށް ދަތުރުކުރިއެވެ. އޮސްޓްރޭލިއާ އިން ދެ ފަހަރެއްގައި ނޮކްއައުޓް ބުރެއްގައި ވާދަކުރި ނަމަވެސް، އެ ދެ ފަހަރު ވެސް ނޮކްއައުޓްގެ ފުރަތަމަ ބުރުގެ ގޮތުގައި އޮތް ގަދަ 16 އާ ހިސާބުން ވަނީ މުބާރާތް ނިންމާލައިފައެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ގައި އޮސްޓްރޭލިއާ އިން ގަދަ 16 ގައި ވާދަކުރިއެވެ. މިހާތަނަށް ނޮކްއައުޓް ބުރުގެ މެޗަކުން މިސްރު އަދި އޮސްޓްރޭލިއާއަށް ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ.
އަނިޔާއާ ގުޅިގެން މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހް މެޗުގައި ކުޅެވިދާނެ ކަމާ މެދު ކުރިން ސުވާލު އުފެދިފައިވީ ނަމަވެސް، އޭނާ ވަނީ ފުރަތަމަ 11 ގައި ހިމަނައިފައެވެ. އޭގެ އިތުރުން މިއަދުގެ މެޗުގެ ފުރަތަމަ 11 އިން އުމަރް މާމޫޝްއަށް ވަނީ އަލުން ފުރުސަތު ދީފައެވެ. އޭގެ އިތުރުން އިމާމް އާޝޫރާއި މުސްތަފާ ޒިކޯ އަދި މަރްވާން އަޓިއާ ފަދަ މުހިންމު ކުޅުންތެރިން ވަނީ މިސްރުގެ ފުރަތަމަ 11 ގައި ހިމަނައިފައެވެ. މިރޭގެ މެޗުގައި ވެސް މިސްރުގެ ގޯލު ބަލަހައްޓާފައިވަނީ މުސްތަފާ ޝުބީރް އެވެ.
އޮސްޓްރޭލިއާ އިން ވެސް ވަނީ ނެސްޓޮރީ އިރަންކުންޑާ، ކޮނާ މެޓްކާފް، ކްރިސްޓިއަން ވޮލްޕަޓޯ، އަޒީޒް ބެހިޗް، ޖެކްސަން އާވައިން، ޖޯޑަން ބޮސް، އެލެސަންޑްރޯ ޗިކާޓީ އަދި ކެޕްޓަން ހެރީ ސޫޓާ ފަދަ މުހިންމު ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނައިފައެވެ. މިރޭގެ މެޗުގައި ވެސް އޮސްޓްރޭލިއާގެ ގޯލު ބަލަހައްޓާފައިވަނީ ޕެޓްރިކް ބީޗް އެވެ.
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މިސްރު މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި އޮސްޓްރޭލިއާ އިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކްރިސްޓިއަން ވޮލްޕަޓޯ ފޮނުވާލި ހަމަލާ އަމާޒުވީ މިސްރު ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 13 ވަނަ މިނެޓުގައި މިސްރުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކަރީމް ހަފީޒް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިސްރަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިމާމް އާޝޫރް އެވެ. މިއީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ދެވަނަ ގޯލެވެ.
ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ އޮސްޓްރޭލިއާއަށް މެޗުގެ 35 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނެސްޓްރީ އިރަންކުންޑާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަޒީޒް ބީހިޗް ފޮނުވާލި ހަމަލާ، މިސްރުގެ ކީޕަރު މުސްތަފާ ޝުބީރް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން އިރަންކުންޑާއަށް ފުރުސަތެއް ލިބުނު ނަމަވެސް، ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ނުރައްކާކުރުމުގެ ކުރިން މިސްރުގެ ކީޕަރު ޝުބީރު ވަނީ ކުރިއަށް ނުކުމެ ބޯޅަ ހޯދައިފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އޮސްޓްރޭލިއާގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ވޮލްޕަޓޯ ފޮނުވާލި ހަމަލާ، މިސްރުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ގޯލަށްފަހު މިސްރުން އެޓޭކަށް މަސައްކަތްކުރުމުގެ ބަދަލުގައި ފަހަތަށް ފައިބައިގެން އިސްކަންދީފައިވަނީ ޑިފެންސަށެވެ. ފުރަތަަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މިސްރު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ މިނެޓެއް ތެރޭ މިސްރަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. މުހައްމަދު ސަލާހް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު އުމަރު މާމޫޝް ފޮނުވާލި ހަމަލާ ދިޔައީ އޮސްޓްރޭލިއާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 55 ވަނަ މިނެޓުގައި އޮސްޓްރޭލިއާ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހިލޭ ޖެހުމަކުން އައިޑެން އޯ ނީލް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މިސްރުގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ މިސްރު ޑިފެންޑަރު މުހައްމަދު ހަނީގެ ބޮލުގައި ޖެހި ބައިކޮޅަށެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ދެ ޓީމަށް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޝޫޓްއައުޓަށް ދާން ޖެހުނެވެ.
ޕެނަލްޓީ ޝޫޓްއައުޓަށް އޮސްޓްރޭލިއާ އިން ނުކުތީ ކީޕަރު ބަދަލުކޮށްގެންނެވެ. ކީޕަރު ބީޗްގެ ބަދަލުގައި ޕެނަލްޓީ ޝޫޓްއައުޓްގައި އޮސްޓްރޭލިއާގެ ކީޕަރެއްގެ ގޮތުގައި ފެނިގެންދިޔައީ މެތިއު ރަޔަންއެވެ. ނަމަވެސް އޭނާއަށް މިސްރުން ފޮނުވާލި އެއްވެސް ޕެނަލްޓީއެއް މަތަކުރެވިފައެއް ނުވެއެވެ. މެޗުގައި މިސްރުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މަހްމޫދު ސަބީރާއި ރަމީ ރާބިއާ އާއި މުހައްމަދު ސަލާހް އަދި ހުސާމް އަބްދުލްމާޖިދެވެ. އޮސްޓްރިއާގެ ޖެކްސަން އާވައިން އާއި އަބީރް މާބިލްގެ ޕެނަލްޓީ ކާމިޔާބުވި އިރު، ނާކާމިބުވީ ހެރީ ސޫޓާ އަދި ލޫކަސް ހެރިންގްޓަންގެ ޕެނަލްޓީއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް