ކުޅުންތެރިން ވާދަވެރި ކުޅުންތެރިއަކާ ވާހަކަ ދައްކާއިރު އަނގަ ނިވާކުރުމުން ސީދާ ރަތް ކާޑު ދެއްކުމުގެ ގަވާއިދު ޔޫއެފާގެ މުބާރާތްތަކުގައި ބޭނުން ނުކުރަން އެ ޖަމިއްޔާއިން ނިންމައިފިއެވެ.
ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި ކޮންފެރެންސް ލީގުގައި މި ގަވާއިދު ބޭނުންކުރުމާ ދެކޮޅެވެ. ނަމަވެސް ރެފެރީންނަށް އަނގަ ނިވާކޮށް މުއާމަލާތް ފޮރުވުން ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއްގެ ގޮތުގައި ބަލައި ރީނދޫ ކާޑު ދެއްކޭނެއެވެ.
"މިއީ އެފަދަ އަމަލެއްގެ ސަބަބުން ނުވަތަ އެއާ ގުޅިގެން ކުރެވިދާނެ އެއްވެސް ޑިސިޕްލިނަރީ ތަހުގީގަކަށް ނުވަތަ ފިޔަވަޅަކަށް ހުރަސް އެޅުމެއް ނެތި" ކަމަށް ޔުއެފާގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވޯލްޑް ކަޕަށް ތައާރަފުކުރެއްވި މި ގަވާއިދުގެ ދަށުން ވާދަވެރި ކުޅުންތެރިއަކާ ވާހަކަދައްކާއިރު އަތުން އަނގަ ނިވާކޮށްފި ނަމަ ސީދާ ރަތް ކާޑު ދައްކައެވެ. ވޯލްޑް ކަޕުގައި މި ކުށުގެ ސަބަބުން ފުރަތަމަ ދެއްކި ރަތް ކާޑު ލިބުނީ ޕެރެގުއައިގެ މިގެލް އަލްމީރޯނަށެވެ. އިކުއެޑޯގެ ޕިއެރޯ ހިންކެޕިއޭއަށް ވެސް މި ކުށުގެ ސަބަބުން ރަތް ކާޑު ދައްކައިފިއެވެ. ނަމަވެސް އިންގްލެންޑުގެ ޖޫޑް ބެލިންހަމް، ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި އަނގަ ނިވާކުރި ނަމަވެސް "ކުރިމަތިލުމުގެ ގޮތަކަށް ނޫން" ކަމަށް ބެލެވި ރަތް ކާޑު ނުލިބި ވަނީ ސަލާމަތްވެފައެވެ.
މި މައްސަލައަށް ބޮޑު ސަމާލުކަމެއް ލިބުނީ ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގު މެޗެއްގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، ރެއާލް މެޑްރިޑުގެ ވިނީޝިއަސް ޖޫނިއާއާ ވާހަކަދައްކަމުން ޖާޒީ ނަގައި އަނގަ ނިވާކުރި ހާދިސާއާ ގުޅިގެންނެވެ. ވިނީޝިއަސް ނަސްލީ ފުރައްސާރައިގެ ތުހުމަތު ކުރި ނަމަވެސް ޔޫއެފާގެ ތަހުގީގުން ޕްރެސްޓިއާނީ ކުށްވެރިވީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނާ ދެކޮޅު ބަސްތައް ބޭނުންކުރި ކަމުގެ ކުށުގައެވެ. އޭނާ ވަނީ ހަ މެޗަށް ސަސްޕެންޑްކޮށްފައެވެ.
ޔޫއެފާއިން ވަނީ ކުޅުންތެރިން އިހުތިޖާޖުގައި ދަނޑުން ފައިބައިފި ނަމަ ރަތް ކާޑު ދެއްކުމުގެ ގަވާއިދުވެސް ބޭނުން ނުކުރަން ނިންމައިފައެވެ. ނަމަވެސް ވީއޭއާރް މެދުވެރިކޮށް ނުބައިކޮށް ދީފައިވާ ކޯނަރު ނިންމުންތައް ބެލުމުގެ އާ ގަވާއިދު ބޭނުންކުރަން ޔޫއެފާއިން ވަނީ ނިންމައިފައެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ކޮމެންޓް