ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ސްވިޒަލޭންޑުން ކުޅުނު މެޗުގައި އަލްޖީރިއާ ބަލިކޮށް، އެޓީމުން ގަދަ 16 އަށް ދަތުރު ކޮށްފިއެވެ.
ކެނެޑާގެ ބީސީ ޕަލޭސް ވެންކޫވާ ދަނޑުގައި ކުޅުނު މެޗު ސްވިޒަލޭންޑުން ކާމިޔާބުކުރީ 2-0 އިންނެވެ.
ސްވިޒަލޭންޑަކީ 2014 އިން ފެށިގެން ގަތަރު ވޯލްޑް ކަޕާ ހަމައަށް ކޮންމެ ވޯލްޑް ކަޕެއްގެވެސް ގަދަ 16 ކުޅެފައިވާ ޓީމެކެވެ. އޭގެ ކުރިން 2006 ވަނަ އަހަރާއި 1994 ވަނަ އަހަރުގެ އިތުރުން 1954 ވަނަ އަހަރާއި 1934، 1938 ވަނަ އަހަރު ވޯލްޑް ކަޕްގައިވެސް ސްވިޒަލޭންޑް ނޮކްއައުޓް ކުޅުނު އިރު، އޭގެ ތެރެއިން އެންމެ ބޮޑެތި ކާމިޔާބީތައް ހޯދީ 1934، 1938 އަދި 1954 ވަނަ އަހަރުއެވެ. އެ ތިން ފަހަރުވެސް ކުއާޓާ ފައިނަލް ކުޅެފައިވެއެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ރަނގަޅު ކޮލިފިކޭޝަން ރެކޯޑަކާއެކު ނުކުތް ސްވިޒަލޭންޑުން މިހާރު މަސައްކަތް ކުރަނީ މިފަހަކަށް އައިސް ގަދަ 16 އާ ހަމައިން ހުއްޓިފައި އޮތް އޮތުން ބަދަލު ކުރުމަށެވެ. މިރޭ މެޗަކީ އެކަމަށް އެންމެ މުހިއްމު ފެށުމެވެ.
އަނެއްކޮޅުން ނުކުތް އަލްޖީރިއާ މިފަހަރުގެ ނޮކްއައުޓަށް ނުކުންނަނީ އިންތިޒާރަކަށްފަހުއެވެ. ގްރޫޕް ސްޓޭޖުގެ އެންމެ ފަހުން މެޗުން، އެންމެ ފަހުވަގުތު އޮސްޓްރިއާ ކޮޅަށް ގޯލް ޖަހައިގެން އެމެޗު އެއްވަރުވި އިރު، އެއީ އަލްޖީރިއާއަށް 2014 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް ނޮކްއައުޓް ބުރުން ލިބުނު ފުރަތަމަ ފުރުސަތެވެ. އެ ފުރުސަތުގެ ބޭނުން ހިފަން މިރޭ ނުކުތީ ގްރޫޕް ސްޓޭޖުގައި ގަތަރު ކައިރިން އެއްވަރުވެ، ދެން ކުޅުނު މެޗުތަކުގައި ބޮސްނިއާއާއި ކެނެޑާ ބަލިކޮށްފައި އޮތް ސްވިޒަލޭންޑާ ދެކޮޅަށެވެ.
އަލްޖީރިއާއިން ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ އަތުން ބަލިވި އިރު، ޖޯޑަން ކަައިރިން މޮޅުވެ، އޮސްޓްރިއާއާ އެއްވަރުކުރިއެވެ.
މިރޭގެ މެޗަށް އަނެއްކާވެސް އަލްޖީރިއާއިން ކީޕަރު ބަދަލުކުރިއެވެ. އުސާމާ ބެންބޫތުގެ ބަދަލުގައި މެޗަށް ނެރުނީ ޒައިނުއްދީން ޒިދާންގެ ދަރި ލޫކާ ޒިދާނެވެ. އަނެއްކޮޅުން ސްވިޒަލޭންޑުން ވަނީ އަނިޔާގައި ހުރި ލޫކާ ޖަގޭޒްގެ ބަދަލުގައި ޑެނިސް ޒަކަރިއާއަށް ފުރުސަތު ދީފައެވެ. އަދި ޑޭން އެންޑޯއީ ވަނީ އަލުން ފުރަތަމަ 11 އަށް ނެރެފައެވެ.
ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ހަމަލާއެއް ފެނިފައި ނުވާ އިރު، ފެނުނު މަންޒަރަކީ ސްވިޒަލޭންޑުން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދަން ކުރި މަސައްކަތެވެ. އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 10 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯ ނަމަވެސް، އެ ގޯލުގައި ޒުވާން ތަރި ޖޮހާން މަންޒަމްބީގެ ދަތުރު ބޮޑެވެ.
މެދުތެރެއިން ބޯޅަ ލިބުމާއެކު އަރިމަތިން އޭރިއާ ތެރެއަށް ވަދެ، މަންޒަމްބީ ބޯޅަ ނަގައިދިނީ އެމްބޯލޯ ފަޔަށެވެ. އެއާއެކު އޭނާ ނިންމާލީ ފަސޭހަކަމާއެކުގައެވެ.
އެ ގޯލާއެކު ސްވިޒަލޭންޑުން ބޯޅައިގެ ކޮންޓްރޯލް ހޯދައި، ކުޅުން ހިފަހައްޓަން ފެށިއެވެ. އަރިމަތިން އިތުރު ނުރައްކާތައް ކުރިމަތިކުރުވަން މަސައްކަތް ކުރި ނަމަވެސް، ހާފުގެ ފަހުކޮޅާ ހަމައަށް އިތުރު ފުރުސަތެއް ފެނިގެން ނުދެއެވެ. ދެން ފެނުނު ފުރުސަތު ލިބުނީ އަލްޖީރިއާއަށެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް، އިތުރު ވަގުތުގައި އެ ފުރުސަތު ލިބުނީ އަލްޖީރިއާގެ ހޮސެމް އައުއާ އަށެވެ. ރިޔާދު މަހްރޭޒް އޭރިއާ ބޭރުން ނަގައިދިން ބޯލަ އައުއާ ފަޔަށް ލިބުނު ނަމަވެސް، އޭނާ އެނބުރިލާފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނެޓާއެކު މެޗުގެ އޮއިވަރު އަނެއްކާވެސް ސްވިޒަލޭންޑް ކޮޅަށް ރަނގަޅަށް އެނބުރުނެވެ. އެއީ މެޗުގެ 46 ވަނަ މިނެޓުގައި އެޓީމުން ޖެހި ހިތްގައިމު ގޯލާއެކުއެވެ. ދެވަނަ ހާފު ފެށިތާ 48 ސިކުންތުގެ ތެރޭގައި ގޯލް ޖަހައިދިނީ އެންޑޯއީއެވެ.
އަލްޖީރިއާ ޑިފެންސަށް ރަނގަޅަށް ސާފުކޮށް ނުލެވި ދިޔަ ބޯޅަ، އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް އެންޑޯއީއަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ދުރު ކަނަށެވެ.
އޭގެ ފަސް މިނެޓް ފަހުން އަލްޖީރިއާއަށް މެޗަށް އަނބުރާ ވަނުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަރިމަތިން ކުރިއަށް ޖެހި ރާފިކް ބެލްގާލީ ނަގައިދިން ބޯޅަ މަހްރޭޒް އެއްފަހަރުން ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ ސްވިޒަލޭންޑްގެ ޑިފެންޑަރު ބްލޮކް ކޮށްލައިފައެވެ.
އޭގެފަހުން އަނެއްކާވެސް ސްވިޒަލޭންޑުން ނުރައްކާ ކުރަމުން ދިޔަ އިރު، 75 ވަނަ މިނެޓުގައި އިތުރު ފުރުސަތެއް ފަހިކުރިއެވެ. ބަދަލަކަށް ނުކުތް ފަބިއަން ރީޑާއަށް އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި ރަނގަޅު ހަމަލާއެއް ފޮނުވާލި ނަމަވެސް، ބެލްގާލީ އެ ބޯޅަ ބްލޮކް ކުރިއެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ރީޑާއަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިއެވެ.
ޒަަކަރިއާ އަރިމަތިން ކުރިއަށް ޖެހި ކަނޑާލި ބޯޅައަށް އެމްބޯލޯ މަސައްކަތް ކުރި އިރު، އޭނާ އަދި އަލްޖީރިއާ ކީޕަރު ޒިދާނަށްވެސް ބޯޅައިގައި ޖައްސާ ނުލެވުމުން އެ ބޯޅަ ލިބުނީ އަރިމަތީގައި އޮތް ރީޑާއަށެވެ. އޭނާ ގޯލް ހުސްކޮށް އޮއްވާ ފޮނުވާލަން ޖައްސާލި ބޯޅަ ރަނގަޅަށް ފަޔަށް ނާރާ ދިޔަ ނަމަވެސް މަޑުމަޑުން ދިޔައީ ގޯލާ ދިމަލަށެވެ. ފަހު ވަގުތު މަތަކޮށް ބޭރުކޮށްލީ ކީޕަރު ޒިދާނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް