ކޭޕް ވާޑުން ތާރީހު ލިޔެލައި ގަދަ 32 ގެ ބުރަށް ދިޔައީ ނަސީބަކުން ނޫން ކަމަށާއި، އެޓީމަށް ނޮކްއައުޓް ބުރު ހައްގު ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

ކޭޕް ވާޑުން މިރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުންނާނީ ވޯލްޑް ކަޕްގެ ތާރީހު ލިޔެލައިފައެވެ. 530،000 އެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑަކީ މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ތިންވަނައަކަށް އެންމެ ކުޑަ ގައުމަށްވީ އިރު، އެޓީމުން މިރޭ ހޯދި ކާމިޔާބީއާއެކު އެއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމެވެ. އަދި ފުރަތަމަ ވޯލްޑް ކަޕްގައި އެކަން ކުރުން އެއީ އިތުރު ޝަރަފެކެވެ. މިއީ 2006 ވަނަ އަހަރު ޔުކްރެއިނަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ފަހަރު ޓީމަކުން ނޮކްއައުޓަށް ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

ކޭޕް ވާޑްގެ އެ ދަތުރު އިތުރަށް ކުރިއަށް ގެންދަން މިރޭ ނުކުންނަން ޖެހޭނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. އެ މެޗަކީ އާޖެންޓީނާއަށް ފަސޭހަ ނުވާނެ މެޗެއްކަން ކޯޗު ސްކަލޯނީ ވަނީ ފާހަގަކޮށްފައެވެ.

"ކޭޕް ވާޑަކީ ވަރަށް މޮޅު ޓީމެއް. އަހަރެމެންނަށް އެޓީމުގެ ފެންވަރު ފެނިއްޖެ. މިއީ އެޓީމާ ދެކޮޅަށް ކުޅޭތީ ބުނާ ވާހަކައެއް ނޫން. އަހަރެމެން އެޓީމު އެނަލައިޒްކޮށް ބަލާއިރު ވަރަށް ބައިވަރު ރަނގަޅު ކަންތައް އެބަ ފެނޭ. އަހަރެމެންނަށް ހައިރާން ކަމެއްވެސް ނޫން އެއީ ކޭޕް ވާޑް މުބާރާތުގެ އެ ހިސާބަށް ދިޔުން. އެއީ ނަސީބަކުންވީ ކަމެއް ނޫން، އިހުތިރާމް ކުރަން ޖެހޭ،" ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކޭޕް ވާޑުން ކުޅުނު މެޗުން މޮޅުވުން ހައްގު ކަމަށާއި، ސްޕެއިނާއި އުރުގުއާއީ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީވެސް އެކަމަށް ހައްގު މަސައްކަތް ކުރުމުން ކަމަށެވެ.

އާޖެންޓީނާއިން މިހާތަނަށް ވޯލްޑް ކަޕްގައި ޖެހި އަށް ގޯލުގެ ތެރެއިން ހަ ގޯލު ޖެހީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ. އާޖެންޓީނާއިން ގޯލް ޖެހުމުގައި މެސީއަށް މާބޮޑަށް ބަރޯސާވޭތޯ ސުވާލުކުރުމުން ސްކަލޯނީ ބުނީ އެހެން އެއްވެސް ގޮތަކަށް ނުވިސްނާ ކަމަށާއި، މެސީގެ ވަށައިގެން އެޓޭކްގައި ތިބި ކުޅުންތެރިންނަށްވެސް ގޯލު ޖެހޭނެ ކަމާމެދު ޝައްކެއް ނުކުރާ ކަމަށެވެ.

އާޖެންޓީނާއިން ގަދަ 32 ގައި ކޭޕް ވާޑާ ދެކޮޅަށް ކުޅޭ މެޗުގައި މިރޭ ނުކުންނާނީ ރާއްޖެ ގަޑިން މެންދަމު 3:00 ގައެވެ.