ވޯލްޑް ކަޕް 2026 ގައި ފަހުވަގުތު ކްރޮއޭޝިއާ ބަލިކޮށް، ޕޯޗުގަލުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.

ޕޯޗުގަލުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ހާއްސަކޮށް ފަހުގެ ތާރީހެއްގައި މި ޓީމުން ވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. ވޯލްޑް ކަޕްގައި ޕޯޗުގަލުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1966 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދުމެވެ. މަޝްހޫރު ކުޅުންތެރިޔާ އުސޭބިއޯގެ މޮޅު ކުޅުމާއެކު ހޯދި މި ކާމިޔާބީގެ އިތުރުން، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރުވަނަ ވެސް އެ ޓީމުން ވަނީ ހޯދައިފައެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޕޯޗުގަލްގެ އެންމެ ފަހުރުވެރި ކާމިޔާބީއަކީ 2016 ވަނަ އަހަރުގެ ޔޫއެފްއޭ ޔޫރޯ މުބާރާތް ކާމިޔާބުކުރުމެވެ. މީގެ އިތުރުން 2019 ވަނަ އަހަރު އަލަށް ފެށި ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަންކަން ވެސް ހޯދީ ޕޯޗުގަލުންނެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އުފައްދާފައިވާ ޕޯޗުގަލް ޓީމަކީ މިއަދު ފުޓުބޯޅައިގެ ވަރުގަދަ ބާރެކެވެ. ހުނަރުވެރި ޒުވާން ކުޅުންތެރިންނާއެކު، ކުރިއަށް އޮތް މުބާރާތްތަކުގައި ވެސް ޕޯޗުގަލްއަކީ އިދިކޮޅު ޓީމުތަކަށް ބޮޑު ނުރައްކަލަކަށް ވާނެއެވެ. އަދި މި ވޯލްޑް ކަޕްގައި ޕޯޗުގަލްއަކީ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އެއް ޓީމެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައިދާނުގައި ކްރޮއޭޝިއާ ފާހަގަކޮށްލެވެނީ ބޮޑެތި ބާރުތައް ސިއްސުވާލާ ފަދަ ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެއްގެ ގޮތުގައެވެ. ހާއްސަކޮށް، ބޮޑެތި މުބާރާތްތަކުގައި ކްރޮއޭޝިއާއިން ދައްކާ ހިތްވަރަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު، ކްރޮއޭޝިއާއިން ވަނީ ގަބޫލުކުރަން ދަތި ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އަލަށް ވާދަކޮށް، އެ ޓީމުން ވަނީ ތިންވަނަ މަގާމާއެކު ލޯ މެޑަލް ހާސިލުކޮށްފައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށް، ރިހި މެޑަލް ހޯދިއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގައިވެސް އެ ޓީމުން ވަނީ ތިންވަނަ މަގާމު ކަށަވަރުކޮށްފައެވެ. ވޯލްޑް ކަޕް 2018 ގެ ފައިނަލުގައި ކްރޮއޭޝިއާ ބަލިވީ ވަރުގަދަ ފްރާންސް އަތުންނެވެ. އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުގައި ކްރޮއޭޝިއާ ބަލިވީ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އަތުންނެވެ.

ސަރަހައްދީ މުބާރާތްތަކުގައިވެސް ކްރޮއޭޝިއާގެ ނަން ފަނޑުވުމެއް ނެތެވެ. ޔޫރޯގައި 1996 އަދި 2008 ވަނަ އަހަރު ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ އިރު، 2023 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިންއާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން ބަލިވެ، އެ ޓީމަށް ލިބުނީ މުބާރާތުގެ ދެވަނައެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ވެސް ކްރޮއޭޝިއާ ނުކުންނަނީ ލޫކާ މޮޑްރިޗް ފަދަ ތަޖުރިބާކާރު ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކުއެވެ.

ޕޯޗުގަލާއި ކްރޮއޭޝިއާ އަކީ ވެސް އެޓީމުތައް ހިމެނުނު ގްރޫޕުތަކުގެ ދެވަނައިގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައިވާ ޓީމުތަކެވެ. ޕޯޗުގަލުން ފަސް ޕޮއިންޓާއެކު ނިންމާލި އިރު، ކްރޮއޭޝިއާ އިން ގްރޫޕު ސްޓޭޖު ނިންމާލީ ހަ ޕޮއިންޓާއެކުއެވެ. ޕޯޗުގަލުން ޑީއާރް ކޮންގޯ އާއި ކޮލަމްބިއާ އަތުން ވަނީ އެއްވަރުވެފައެވެ. މޮޅުވެފައިވަނީ ހަމައެކަނި އުޒްބެކިސްތާން އަތުންނެވެ. ކްރޮއޭޝިއާ އިން އިންގްލެންޑް އަތުން ބަލިވި ނަމަވެސް، ޕެނަމާ އަދި ގާނާ އަތުން ވަނީ މޮޅުވެފައެވެ.

ޕޯޗުގަލުން ވަނީ މިދިޔަ ދެ ވޯލްޑް ކަޕްގައި ވެސް ނޮކްއައުޓް ބުރުގައި ވާދަކޮށްފައެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ގައި ޕޯޗުގަލް ކެޓީ ކުއާޓާ ފައިނަލާ ހިސާބުން މޮރޮކޯ އަތުން ބަލިވެގެންނެވެ. ކްރޮއޭޝިއާ އިން ވެސް އެންމެ ފަހުގެ ދެ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ވާދަކޮށްފައިވާ އިރު، އެއީ އެގައުމުގެ ތާރީހުގައި އެންމެ ކާމިޔާބު ވޯލްޑް ކަޕްތަކުގެ ތެރެއިން ދެ ވޯލްޑް ކަޕެވެ. ވޯލްޑް ކަޕް 2018 ގެ ފައިނަލުގައި ފްރާންސް އަތުން ބަލިވި އިރު، ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުން ބަލިވީ އެފަހަރުގެ ޗެމްޕިއަން އާޖެންޓީނާ އަތުންނެވެ. ނަމަވެސް ކްރޮއޭޝިއާ އިން 2022 ގައި މޮރޮކޯ ބަލިކޮށް ތިންވަނަ ހޯދިއެވެ.

ޕޯޗުގަލުން މިރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައި ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެއީ ޖޮއާ ފީލިކްސްގެ ބަދަލުގައި މިރޭގެ މެޗުން ރަފައެލް ލިއާއޯއަށް ފުރުސަތު ދިނުމާއި ރުބެން ނެވޭސްގެ ބަދަލުގައި އަލުން ޖޮއާ ނެވޭސްއަށް ފުރުސަތު ދިނުމެވެ. ޕޯޗުގަލްގެ އެންމެ ކުރިން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފާހަގަކޮށްލެވުނު އިރު، މިޑްފީލްޑްގައި ހިމެނުނީ ބްރޫނޯ ފެނާންޑޭޒާއި ވިޓީނިއާ ފާހަގަކޮށްލެވުނެވެ. ޑިފެންސްގައި ހިމެނުނީ ނޫނޯ މެންޑޭޒް، ރެނޭޓޯ ވޭގާ، ރުބެން ޑިއާޒް އަދި ޖޮއާ ކަންސެލޯ އެވެ. މިރޭގެ މެޗުގައި ވެސް ޕޯޗުގަލްގެ ގޯލު ބަލަހައްޓާފައިވަނީ ޑިއޯގޯ ކޮސްޓާ އެވެ.

ކްރޮއޭޝިއާ އިން މިރޭގެ މެޗަށް ނުރެފައިވަނީ ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ގާނާއާ ދެކޮޅަށް ވެސް ނެރުނު ފުރަތަމަ 11 އެވެ. އެޓޭކުގައި އެންމެ ކުރިން ފެނިގެންދިޔައީ އަންޓޭ ބުޑިމިއާ އެވެ. މެދުތެރޭގައި ހިމެނުނީ މާޓިން ބަޓުރީނާ، ޕީޓާ ސުސިޗް، ނިކޯލާ ވްލަސިޗް، މެޓިއޯ ކޮވަޗިޗް އަދި ކެޕްޓަން ލޫކާ މޮޑްރިޗެވެ. އަދި ޑިފެންސްގައި ހިމެނިގެންދިޔައީ އިވާން ޕެރިސިޗް، މަރިން ޕޮންގްރަޗިޗް، ޔޮސިޕް ސުޓާލޯ އަދި ޔޮސިޕް ސްޓަނިސިޗް އެވެ. މިރޭ ވެސް ކްރޮއޭޝިއާގެ ގޯލު ބަލަހައްޓާފައިވަނީ ޑޮމިނިކް ލިވަކޮވިޗް އެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގައި ކްރޮއޭޝިއާގެ މައްޗަށް ޕޯޗުގަލުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ޕޯޗުގަލުން ވަނީ ކްރޮއޭޝިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. ރަފައެލް ލިއާއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ، ކްރޮއޭޝިއާ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ. އަދި ރީބައުންސް ބޯޅައިން ފެނާންޑޭޒް ފޮނުވާލި ހަމަލާ ވެސް ކްރޮއޭޝިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

ވަރުގަދަ އެޓޭކެއް ކުރަމުންދިޔަ ޕޯޗުގަލަށް މެޗުގެ 16 ވަނަ މިނެޓުގައި ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރަކުން ނޫނޯ މެންޑޭޒް ނަގައިދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރެނޭޓޯ ވޭގާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ކްރޮއޭޝިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޖޮއާ ކަންސެލޯ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯގެ ފައިގައި ލައްވާލާ ގޮތް ވެފައެއް ނުވެއެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއެއް ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗް ވަނީ މަތަކޮށްފައެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޔޮސިޕް ސްޓަނިސިޗް ނަގައިދިން ހުރަހަކުން ކްރޮއޭޝިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗް އެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ޕޯޗުގަލަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރަފައެލް ލެއާއޯ ފޮނުވާލި ހަމަލާ އަމާޒުވީ ކްރޮއޭޝިއާ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޕެރިސިޗް ފޮނުވާލި ހަމަލާއެއް ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ މަތަކުރިއެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރީތިކޮށް ބޯޅަ ކޮންޓްރޯލުކޮށްލުމަށްފަހު، ކްރޮއޭޝިއާ ކީޕަރު ލިވަކޮވިޗްގެ ބޯމަތިން ގޯލުގެ ތެރެއަށް ރޮނާލްޑޯ ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ ރޮނާލްޑޯ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރެނާޓޯ ވޭގާއަށް ކްރޮއޭޝިއާގެ ނިކޯލާ ވްލަސިޗް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ޕޯޗުގަލަށް ޕެނަލްޓީ ކާމިޔާބުކޮށްދީ، ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ކައިރިކައިރީގެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކޮވިޗިޗް ފޮނުވާލި ހަމަލާއެއް ޕޯޗުގަލް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ކޮވަޗިޗް ފޮނުވާލި ދެވަނަ ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ.

އޭގެ އިރުކޮޅެއް ފަހުން ވެސް ކްރޮއޭޝިއާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އިގޯ މަޓަނޮވިޗް ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ގޯލެއް ޖެހުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޕީޓާ ސުސިޗް ނަގައިދިން ހުރަހަކުން މާރިއޯ ޕަސަލިޗް ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޕޯޗުގަލުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ރަފައެލް ލިއާއޯ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕޯޗުގަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގޮންސާލޯ ރާމޯސް އެވެ.

އޭގެ ފަހުން ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ފަހު މިނެޓުގައި ކްރޮއޭޝިއާގެ ޖޮސްކޯ ގުވާޑިއޯ، ޕޯޗުގަލްގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމީ އޭގެ ކުރިން މާރިއޯ ޕަސަލިޗް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.