ވޯލްޑް ކަޕް 2026 ގައި ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް، ސްޕެއިނުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
ސްޕެއިން ގައުމީ ފުޓުބޯޅަ ޓީމަކީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު އެއް ޓީމެވެ. މި ޓީމުން ވަނީ 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފައެވެ. ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް ސްޕެއިން ފުރަތަމަ މެޗުގައި ސްވިޒަލެންޑް އަތުން ބަލިވި ނަމަވެސް، ގްރޫޕު ސްޓޭޖު ނިންމާލީ އެއްވަނަ ހޯދައިގެންނެވެ. ސެމީ ފައިނަލުގައި ޖަރުމަން ބަލިކޮށް ފައިނަލުން ޖާގަ ހޯދި ސްޕެއިނުން ޗެމްޕިއަންކަން ހޯދީ އިތުރު ވަގުތުގައި ނެދަލެންޑްސް ބަލިކޮށްގެންނެވެ.
ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ސްޕެއިނަކީ ޔޫރޯގެ އެންމެ ކާމިޔާބު ގައުމެވެ. އެ ޓީމުން ވަނީ ރެކޯޑު އަދަދަކަށް، ޖުމްލަ ހަތަރު ފަހަރު މި މުބާރާތުގެ ތަށި އުފުލާލައިފައެވެ. އެއީ 1964، 2008، 2012 އަދި އެންމެ ފަހުން 2024 ގައެވެ. ޖަރުމަނުގައި ކުޅުނު 2024 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިކުރުމަށްފަހު، ސްޕެއިނުން ވަނީ ޔޫރަޕުގެ ފުޓުބޯޅައިގައި އެ ޓީމުގެ ބާރުވެރިކަން އަލުން ސާބިތުކޮށްދީފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކުރުމާއެކު، ސްޕެއިން ވެފައިވަނީ ބައިނަލްއަގުވާމީ ބޮޑު ތިން މުބާރާތް ކާމިޔާބުކުރި މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ. އެ ކާމިޔާބީތަކާއެކު ސްޕެއިނުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ޒުވާން ސްކޮޑަކާއެކު ފޭވަރިޓެއްގެ ގޮތުގައެވެ.
ޔޫރަޕްގެ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ އޮސްޓްރިއާ ވަނީ 1934 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ހަތަރުވަނަ ހޯދައިފައެވެ. އޭގެ ފަހުން، 1954 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތިންވަނަ ހޯދުމަކީ އެ ގައުމުގެ ފުޓުބޯޅައިގެ އެންމެ ބޮޑު ކާމިޔާބީއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޔޫރޯގައި އޮސްޓްރިއާއިން ވަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ޔޫރޯ 2020 އަދި 2024 ގައި އެ ޓީމުން ވަނީ މުބާރާތުގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ.
ވޯލްޑް ކަޕަށް އޮސްޓްރިއާ އަކީ އާ ޓީމަކަށް ނުވާ އިރު، މީގެ ކުރިން ހަތް ފަހަރަކު އެ ގައުމުން ވަނީ މުބާރާތުގައި ވާދަކޮށްފައެވެ. ނަމަވެސް މިއީ 1998 ގެ ވޯލްޑް ކަޕަށްފަހު މުބާރާތަށް އަސްޓްރިއާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް 2026 ގެ އެއް ފޭވަރިޓުންގެ ގޮތުގައި ނުކުތް ސްޕެއިނުން ގަދަ 32 ގެ ޖާގައެއް ހޯދީ ހަތް ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ކޭޕް ވާޑް އަތުން އެއްވަރުވެ މުޅި ދުނިޔެއަށް ސިހުމެއް ލިބުނު ނަމަވެސް، އުރުގުއާއީ އާއި ސައުދީ އަރަބިއްޔާ ވަނީ ބަލިކޮށްފައެވެ. އަނެއްކޮޅުން ނުކުންނަ އޮސްޓްރިއާ އިން ވަނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ހިމެނުނު ގްރޫޕުގައި ހަތަރު ޕޮއިންޓާއެކު ދެވަނަ ހޯދައިފައެވެ. އާޖެންޓިނާ އަތުން ބަލިވި ނަމަވެސް، ޖޯޑަން ބަލިކޮށް، އަލްޖީރިއާ އަތުން ވަނީ ޕޮއިންޓެއް ހޯދައިފައެވެ.
ސްޕެއިނުން ވަނީ އެންމެ ފަހުގެ ދެ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ވެސް ވާދަކޮށްފައެވެ. ނަމަވެސް ސްޕެއިނުން އެ ދެ މުބާރާތް ވެސް ނިންމާލަން ޖެހުނީ ނޮކްއައުޓްގެ ފުރަތަމަ ބުރުގައި ގޮތުގައި އޭރު އޮތް ގަދަ 16 އާ ހިސާބުންނެވެ. ސްޕެއިނަށް އެންމެ ފަހުން ނޮކްއައުޓް ބުރުގެ މޮޅެއް ހޯދިފައިވަނީ، ޗެމްޕިއަންކަން ހޯދި ވޯލްޑް ކަޕް 2010 ގައެވެ. އޮސްޓްރިއާއަށް މިއީ ތިންވަނަ މަގާމު ހޯދި ވޯލްޑް ކަޕް 1954 އަށްފަހު ނޮކްއައުޓް ބުރެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މިރޭގެ މެޗުގައި ސްޕެއިންގެ ފުރަތަމަ 11 އިން ފާހަގަކޮށްލެވޭ ބަދަލަކީ ޑެނީ އޮލްމޯއަށް އަލުން ފުރުސަތު ދިނުމެވެ. އެޓޭކުގައި އެލެކްސް ބައޭނާ އާއި މިކެލް އޮޔާޒަބަލް އަދި ލަމީން ޔަމާލް ހިމެނުނު އިރު، މެދުތެރޭގައި އޮލްމޯއާއެކު ޕެޑްރީ އަދި ކެޕްޓަން ރޮޑްރީ ހިމެނުނެވެ. ޑިފެންސް ލައިންގައި މާކް ކުކުރެޔާ އާއި އައިމެރިކް ލަޕޯޓް އާއި ޕައު ކުބާސީ އަދި ޕެޑްރޯ ޕޮރޯ ހިމެނުނެވެ. އަދި މިރޭ ވެސް ސްޕެއިންގެ ގޯލު ބަލަހައްޓާފައިވަނީ އުނައި ސިމޮން އެވެ.
އޮސްޓްރިއާ އިން ވެސް ބަދަަލުތަކެއް ފެނުނު ނަމަވެސް، އެޓީމުގެ މުހިންމު ކުޅުންތެރިން ވަނީ ފުރަތަމަ 11 ގައި ހިމަނައިފައެވެ. އެޓޭކުގައި އެންމެ ކުރިން މައިކަލް ގްރެގޮރިޗް ހިމެނުނު އިރު، މެދުތެރޭގައި ހިމެނުނީ މާސެލް ސަބިޓްޒާ އާއި ޕޯލް ވޯނާ އާއި ރޮމާނޯ ޝްމިޑް އާއި ނިކޮލަސް ސެއިވާލްޑް އަދި ޒާވާ ޝްލާގާ އެވެ. ޑިފެންސްގައި ހިމެނުނީ ކެޕްޓަން ޑޭވިޑް އަލްބާއާއެކު ކޮންރާޑް ލައިމާ، ކެވިން ޑެންސޯ އަދި ސްޓެފަން ޕޮޝް އެވެ. މިރޭ ވެސް އޮސްޓްރިއާގެ ގޯލު ބަލަހައްޓާފައިވަނީ އެލެކްޒެންޑާ ޝްލާގާ އެވެ.
އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގައި އޮސްޓްރިއާގެ މައްޗަށް ސްޕެއިނުން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ސްޕެއިނުން ވަނީ ކައުންޓާ އެޓޭކެއްގައި ނުރައްކާކޮށްފައެވެ. ބޯޅަ ހިފައިގެން ކުރިއަށް ގޮސް، ޕެނަލްޓީ އޭރިއާ ބޭރުން ލަމީން ޔަމާލް ފޮނުވާލި ހަމަލާ، އޮސްޓްރިއާގެ ކީޕަރު އެލެކްޒެންޑާ ޝްލާގާ ވަނީ މާބޮޑު އުނދަގޫކަމެއް ނެތި ދިފާއުކޮށްފައެވެ.
މެޗުގެ ކުރީކޮޅުގައި ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓީމުގެ ރަސްމީ ކުޅުން ކުޅެމުންދިޔަ ނަމަވެސް، އޮސްޓްރިއާ އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުންދިއުމުން ސްޕެއިނަށް ހުސް ފުރުސަތުތައް ތަނަވަސްކުރުމަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.
މެޗުގެ 18 ވަނަ މިނެޓުގައި އޮސްޓްރިއާއަށް ފުރުސަތެއް ލިބިގެންދިޔައެވެ. މާސެލް ސަބިޓްޒާ ނަގައިދިން ބޯޅަ، ސްޕެއިންގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރި މައިކަލް ގްރެގޮރިޗްގެ ބޮލުގައި ލައްވާލައިފައެއް ނުވެއެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ސްޕެއިންގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެޑްރީ ދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ރީތިކޮށް ކޮންޓްރޯލުކޮށްލުމަށްފަހު އޮލްމޯ ހަމަލާއެއް ފޮނުވާލުމުގެ ކުރިން އޮސްޓްރިއާ ޑިފެންޑަރު ސްޓެފަން ޕޮޝް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ، މާކް ކުކުރެޔާ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ ކީޕަރު އެލެކްޒެންޑާ ޝްލާގާއަށް ފައުލްކޮށް ސްޕެއިންގެ ކުޅުންތެރިން ހުރަސް އެޅި ކަމަށެވެ.
މެޗުގެ 32 ވަނަ މިނެޓުގައި އޮސްޓްރިއާގެ ކީޕަރު އެލެކްޒެންޑާ ޝްލާގާގެ މޮޅު ސޭވްއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މިކެލް އޮޔާޒަބަލް ފޮނުވާލި ހަމަލާ، ކީޕަރު ޝްލާގާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. މާކް ކުކުރެޔާ ދިން ބޯޅަ، ފަސޭހަކަމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ފަސޭހަކަމާއެކު އޮސްޓްރިއާގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ މިކެލް އޮޔާޒަބަލް އެވެ. މިއީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ސްޕެއިނަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެލެކްސް ބައޭނާ ފޮނުވާލި ހިލޭ ޖެހުން އޮސްޓްރިއާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ޔަމާލް ފޮނުވާލި ހަމަލާ، އޮސްޓްރިއާ ކީޕަރު ޝްލާގާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ސްޕެއިނުން ވަރުގަދަ އެޓޭކަކާއެކު ފަށައި، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން އޮޔާޒަބާލް ފޮނުވާލި ހަމަލާއެއް އޮސްޓްރިއާ ކީޕަރު ޝްލާގާ މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ރޮޑްރީ ފޮނުވާލި ހަމަލާއެއް ދިޔައީ އޮސްޓްރިއާ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 60 ވަނަ މިނެޓުގައި އޮސްޓްރިއާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ސަބިޓްޒާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބަދަލު ކުޅުންތެރިޔާ ސާސާ ކަލައިޑްޖިޗް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެލެކްސް ބައޭނާ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން އޮސްޓްރިއާގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޕެޑްރޯ ޕޮރޯ އެވެ.
މެޗުގެ 85 ވަނަ މިނެޓުގައި ސްޕެއިނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ލަމީން ޔަމާލް ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން އޮސްޓްރިއާ ކެޕްޓަން ޑޭވިޑް އަލްބާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 89 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. މާކް ކުކުރެޔާ ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްޕެއިނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން އޮޔާޒަބަލްއެވެ. މިއީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް