ވޯލްޑް ކަޕް 2026 ގައި މޮރޮކޯއިން ވިދަމުންދާ ފޯވަޑް އިސްމާއީލް ސައިބާރީ ބަޔާން މިއުނިކަށް ސޮއިކޮށްފިއެވެ.

ޕީއެސްވީ އެއިންދޯވަންއަށް ކުޅެމުންދާ ފޯވަޑް ބަޔާނަށް ސޮއިކުރިކަން އެ ކްލަބުން އިއުލާނު ކޮށްފައިވާ އިރު، އެ ޓްރާންސްފާގެ ސީދާ އަގެއް އަދި ހާމައެއް ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ރިޕޯޓުތައް ބުނެފައި ވަނީ ސައިބާރީ ބަޔާނަށް ސޮއިކުރީ 63 މިލިއަން ޑޮލަރަށް ކަމަށެވެ.

ބަޔާނުން ބުނެފައި ވަނީ ބަޔާނާ ސައިބާރީ ގުޅުނު ނަމަވެސް މިވަގުތު މޮރޮކޯ ޓީމާއެކު ހުރި ކަމަށާއި އޭނާ ބަޔާނަށް ދާނީ ވޯލްޑް ކަޕަށް ފަހުގައި ކަމަށެވެ.

ސައިބާރީ، 25، ޕީއެސްވީއާ ގުޅުނީ 2020 ވަނަ އަހަރުއެވެ. އެއީ ބެލްޖިއަމްގެ ކްލަބު ޖެންކުންނެވެ. ޕީއެސްވީއަށް ކުޅުނު 142 މެޗުގައި ސައިބާރީ ވަނީ 42 ގޯލް ޖަހައިފައެވެ. އޭނާ އެންމެ ފޯމު ރަނގަޅަށް ކުޅުނު ސީޒަނަކީ އެންމެފަހުން ނިމިދިޔަ ސީޒަނެވެ. އެ ސީޒަނުގައި ސައިބާރީ ވަނީ ލީގުގެ 27 މެޗުން 15 ގޯލް ޖަހައިފައެވެ.

ސައިބާރީ ބަޔާނަށް ސޮއިކުރުމަށްފަހު ބުނީ، އެންމެ ކުޑައިރުން ފެށިގެންވެސް ބަޔާން ކަހަލަ ކްލަބަށް ސޮއިކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި ބަޔާނަކީ ދުނިޔޭ އެންމެ ބޮޑު އެއް ކްލަބު ކަމަށްވެސް ސައިބާރީ ބުންޏެވެ.

ސައިބާރީއަކީ މޮރޮކޯއިން ވޯލްޑް ކަޕްގައި ކުރަމުންދާ ދަތުރުގައި މުހިއްމު ރޯލެއް އަދާކުރަމުންދާ ކުޅުންތެރިއެކެވެ. މޮރޮކޯއިން ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލް ކޮޅަށް ސައިބާރީ ގޯލް ޖަހާފައިވާ އިރު، ސްކޮޓްލޭންޑް ބަލިކުރި މެޗުގައިވެސް އޭނާ ގޯލް ޖެހިއެވެ. އޭގެ އިތުރުން ހެއިޓީ ކޮޅަށްވެސް ސައިބާރީ ގޯލް ޖެހި އިރު، މޮރޮކޯ މިހާރު އޮތީ ގަދަ 16 ގައެވެ.