ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ނިމުނި އިރު ސަޕޯޓަރުން ޑިމާންޑް ކުރާވަރަށް އަދި ކަންކަން ހާސިލްނުވާ ކަމަށާއި އެކަން ބަދަލުކުރަން ސްކޮޑު ތައްޔާރަށް އޮތް ކަމަށް ސްޕެއިންގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ސްޕެއިނުން ކުޅުނު ފުރަތަމަ މެޗުގައި ކޭޕް ވާޑް ކައިރިން 0-0 އިން އެއްވަރުވި އިރު، ދެން ކުޅުނު މެޗުތަކުގައި ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ ބަލިކުރިއެވެ. ކޭޕް ވާޑް ކައިރިން ސްޕެއިން އެއްވަރުވުމާ އެކު އެޓީމަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ އިރު، ސްޕެއިން ފަހުން ކުޅުނު މެޗުތަކުގައި ވެސް ގިނަ ސަޕޯޓަރުން އެންމެ ހިތްހަމަ ޖެހޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ސްޕެއިން ސައުދީ ކައިރިން 4-0 އިން މޮޅުވި މެޗުގައި ނަތީޖާ ރަނގަޅު ނަމަވެސް، އުރުގުއާއީ ކައިރިން އެޓީމަށް ހޯދުނީ އުނދަގޫ މޮޅެކެވެ. އެއީ 1-0 އިން ހޯދި މޮޅެކެވެ.

"މިހަފުތާ ފެނުނީ ޓީމު އަލުން ކުރީގެ ސިސްޓަމަށް ފިޓްވެގެން ދާތަން. އަހަރެމެންނަށް ސަޕޯޓަރުން ބޮޑު ޑިމާންޑެއް އެބަކުރޭ. އަހަރެމެންނަށް އުންމީދުތައް ހުރީ ވަރަށް މަތިކޮށް. ސަޕޯޓަރުން އެބަ ބޭނުންވޭ ވަކި ކުޅުމެއް ފެންނަން. އަދި އެ ނުފެނުނަސް، އެކަންކަމަށް ރައްދު ދޭނަން އަހަރެމެން،" ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނަށް ގްރޫޕް ސްޓޭޖު މެޗުތަކުގައި އަނިޔާގެ މައްސަލަތަކާ ދިމާވެފައިވެއެވެ. ލެމީން ޔަމާލްވެސް އަނިޔާގައި ހުރުމުން އޭނާވެސް ފުލްކޮށް ބޭނުން ކޮށްފައި ނުވާ އިރު، ޑެ ލަފުއެންޓޭ ބުނީ އެ މައްސަލަތައް ހައްލުވަމުންދާ ކަމަށެވެ.