ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އެމެރިކާއިން ބޮސްނިއާ ބަލިކޮށް، ގަދަ 16 ޔަގީން ކޮށްފިއެވެ.

ކެލިފޯނިއާގެ ސެން ފްރެންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މެޗު އެމެރިކާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ދެވަނަ ހާފުގެ ބޮޑުބައެއްގައި ކުޅުންތެރިޔަކު މަދުން ކުޅުނު ނަމަވެސް، އެމެރިކާ ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 16 ޔަގީން ކޮށްފައެވެ.

ބޮސްނިއާގެ ފުޓުބޯޅަ ފެށުނީ ޔޫގޯސްލާވިއާގެ ނަމުގައެވެ. 1930 އިން 1990 ވަނަ އަހަރާ ހަމައަށް ބޮސްނިއާއަކީ ޔޫގޯސްލާވިއާގެ ބައެކެވެ. އެގައުމު ފުޓުބޯޅަ ވަކިން ރަސްމީ ވީ އޭގެފަހުންނެވެ. ޔޫގޯސްލާވިއާއިން ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ދެފަހަރު ކުޅުނު ނަމަވެސް، ބޮސްނިއާއަށް މިއީ އަދި ވަކި ގައުމެއްގެ ގޮތުގައި ދެވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން އެޓީމުން ދެން ވާދަކުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެފަހަރު އިރާން ބަލިކޮށް މޮޅެއް ހޯދި ނަމަވެސް، ގްރޫޕް ސްޓޭޖުން ސަލާމަތެއް ނުވެވުނެވެ.

އެ ތާރީހު މިހާރުވެސް ބޮސްނިއާއިން މިވަނީ ބަދަލުކޮށްފައެވެ. މިރޭ ނުކުތީ އެގައުމު މިނިވަންވި ފަހުން ހޯދި މުޅިން އާ ކާމިޔާބީއެއްގައެވެ. އެއީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ކުޅުމުގެ ޝަރަފު ހޯދުމަށެވެ.

އެމެރިކާއިން 1930 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އިރު، ދެން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރު ކުއާޓާ ފައިނަލްގައި ކުޅުމެވެ. މިފަހަރު އަމިއްލަ ގައުމުގައި ވޯލްޑް ކަޕް ބާއްވާ އިރު، 12 ވަނަ ވޯލްޑް ކަޕަށް އެޓީމުން ނުކުތީ ތަފާތު ރޫހެއްގައެވެ. އެގައުމުގެ ފުޓުބޯޅައަށް އިންގިލާބެއް އައިސްފައިވާކަން ދުނިޔެއަށް ދައްކާލުމަށެވެ. އެގައުމުން ފުޓުބޯޅައަށް ކުރަމުންދާ އިންވެސްޓްމަންޓް ސާބިތުކޮށްދޭށެވެ.

އެކަމަށް ގްރޫޕް ސްޓޭޖުގެ ނަތީޖާތައް ފުރިހަމައަށް އެހީވިއެވެ. އެމެރިކާއިން ފުރަތަމަ ކުޅުނު މެޗުގައި ޕަރަގުއާއީ ކައިރިން 4-1 އިން މޮޅުވެ، ފުރިހަމަ މޮޅަކުން ފެށި އިރު، ދެވަނަ މެޗުގައި އޮސްޓްރޭލިއާ ކައިރިން 2-0 އިން މޮޅުވެ، ގްރޫޕްގެ އެއްވަނައާއެކު ގަދަ 32 ޔަގީންކުރިއެވެ. އެންމެފަހު މެޗަށް ނުކުމެ، ކަޓާފައި އޮތް ތުރުކީ ކައިރިން އެމެރިކާ ބަލިވީ 3-2 އިންނެވެ.

އަނެއްކޮޅުން ނުކުތް ބޮސްނިއާއަށް މިރޭގެ މެޗަށް ނުކުތީ އުނދަގޫ ހާލަތެއްގައި ގްރޫޕް ނިންމާލައިގެންނެވެ. ފުރަތަމަ މެޗުގައި ކެނެޑާ ކައިރިން 1-1 އިން އެއްވަރުކޮށް މުހިއްމު ޕޮއިންޓެއް ހޯދި އިރު، ސްވިޒަލޭންޑް ކައިރިން ބަލިވީ 4-1 އިންނެވެ. ބޮސްނިއާއިން ތާރީހީ ނޮކްއައުޓް ބުރު ހޯދީ، ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި 3-1 އިން ގަތަރު ބަލިކޮށްގެންނެވެ.

އެންމެފަހުން މެޗުގައި އެމެރިކާއިން ގިނަ ބަދަލުތަކަކާއެކު ނުކުތް ނަމަވެސް، މިރޭ ވަނީ އަނެއްކާވެސް ފުލް 11 ކުޅެން ނެރެފައެވެ. އެގޮތުން ކްރިސްޓިއަން ޕުލިޗާއި ފޮލާރިަން ބަލޮގަން، ސާޖީނިއޯ ޑެސްޓް، މަލިކް ޓިލްމަން، ކެޕްޓަން ޓިމް ރީމްއާއި ކީޕަރު މެޓް ފްރީސްވެސް ފުރަތަމަ 11 އިން ފެނުނެވެ.

މެޗަށް ފެވަރިޓުންނަކީ އެމެރިކާއެވެ. މެޗު އޮތީ އަމިއްލަ ގައުމުގައެވެ. އެތައް ހާސް ސަޕޯޓަރުންނެއް ދިޔައީ ސްޓޭޑިއަމް ގުގުމަމުންނެވެ. އެ ޖަޒުބާތީ ފޯރިއާއެކު މެޗުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.

ފުރަތަމަ ފުރުސަތު ފެނުނީ ބޮސްނިއާގެ ފަރާތުންނެވެ. 10 ވަނަ މިނެޓުގައި އެޓީމުގެ ރަސްމީ ދިގު ބޯޅައެއްގައި އެމެރިކާއަށް ނުރައްކާ ކުރިއެވެ. މަތިމަތިން އެރއްމެޑިން ޑެމިރޮވިޗަށް މެދުތެރެއިން ވައްޓާލި ބޯޅަ، އޭރިއާ ބޭރުން އޭނާ ކޮންޓްރޯލް ކޮށްދިނީ އެޑިން ޖެކޯއަށެވެ. އޭނާ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، އެމެރިކާ ކީޕަރު ފްރީސް ވަނީ އެ ހަމަލާ ޕަންޗުކޮށް ކޯނަރަކަށް ބޭރުކޮށްލައިފައެވެ. އެ ކޯނަރުގައި 18 އަހަރުގެ ކެރީމް އަލައިބެގޮވިޗް ނަގައިދިން ބޯޅަވެސް ނުރައްކާކޮށް ދިޔަ އިރު، ޕަންޗު ކޮށްލީ ކީޕަރެވެ.

އެހިސާބުން އެމެރިކާ ހޭލިއެވެ. ބޮސްނިއާ ފަހަތަށް ޖައްސަވާލާ އެޓީމުން މެޗުގެ ކޮންޓްރޯލް ނެގިއެވެ. ބޮސްނިއާގެ ނުރައްކަލަށް ހައެއްކަ މިނެޓް ފަހުން ޔުވެންޓަސްއަށް ކުޅެމުންދާ ވެސްޓޮން މެކެނީ އަރިމައްޗަށް ގޮސް ނަގައިދިން ނުރައްކާތެރި ހުރަސް، ބޮސްނިއާ ކީޕަރު ނިކޮލާ ވަސިލިޗް އަތުގައި ޖެހި، އެމެރިކާގެ އެންޓޮނީ ރޮބިންސަންގެ ބޮލުގައިވެސް ޖެހުނު އިރު، އެ ބޯޅަ އޭނާއަށް އެތެރެ ކޮށްލެވޭ ގޮތެއް ނުވިއެވެ.

އެ ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ރޮބިންސަން ކަކުލުން ކީޕަރު ވަސިލިޗް މޫނުމަތީގައި ޖެހި އަނިޔާވި ނަމަވެސް، އޭނާ ވަނީ އަލުން ގުޅުމާ ގުޅިފައެވެ.

އޭގެ އިރުކޮޅެއްފަހުން އެމެރިކާއިން އިތުރު ނުރައްކާތައް ކުރިމަތިވި ކުރުވިވިއެވެ. ހައިޑްރޭޝަން ބްރޭކްފަހުން ޕުލިސިޗް ތަނަވަސްކުރި ފުރުސަތެއްގައި ދެމިގަނެ، ބަލޮގަން އޭރިއާ ތެރެއިން ޑިފެންޑަރު ބީޓްކޮށްލަން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާ ވެއްޓިފައިވާ އިރު، އެއީ ފައުލެއް ކަމަށް ބުނެ އެމެރިކާއިން ޝަކުވާ ކުރިއެވެ. އެހެންނަމަވެސް ވީއޭއާރްގެވެސް އެހީއާއެކު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

އޭގެ ފަހުން ބަލޮގަންއަށް ހުސްކޮށް ލިބުނު ބޯޅައެއް ގޯލް ތެރެއަށް ވައްދާލި ނަމަވެސް، އެއީ ގޯލަކަށް ނުވީ އޮފްސައިޑް ވެގެންނެވެ.

ނުރައްކަލަކަށްފަހު ނުރައްކަލެއް ކުރަމުންދިޔަ އެމެރިކާއިން ހާފު ނިމުމުގެ ކުރިން ލީޑު ނެގިއެވެ. އެ ގޯލް ޖެހީ ބަލޮގަންއެވެ. މުޅި މެޗުގައި ނުރައްކާ ކުރަމުންދިޔަ ބަލޮގަން 45 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ މެދުތެރެއިން ޓިލްމަން ދުއްވާލި ބޯޅައެއް، ބޮސްނިއާ ދެ ޑިފެންޑަރުން ފައިގައި ޖެހި އޭނާއަށް ލިބުމުން ހަމަޖެހިލާފައި ތިރިތިރިން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އެ ގޯލާއެކު އެމެރިކާއިން ފޯރި އިތުރަށް ގަދަވިއެވެ. މުޅި ސްޓޭޑިއަމްގެ ޖޯޝާއެކު ހާފު ނިމުމުގެ ކުރިން އިތުރު ފުރުސަތެއްވެސް ތަނަވަސްކުރިއެވެ. ހާފު ނިމެން މިނެޓެއް އޮއްވާ ޑެސްޓް ނަގައިދިން ބޯޅަ ބަލޮގަން އޭރިއާ ތެރެއިން ފޮނުވާލި ނަމަވެސް ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފު ފެށިގެންވެސް ކުރިއަށް ޖެހި ކުޅެން މަސައްކަތް ކުރީ އެމެރިކާއިންނެވެ. ބޮސްނިއާއިން ދިޔައީ ކެތްތެރިކަމާއެކު ފުރުސަތަކަށް އިންތިޒާކުރަމުންނެވެ. ފުރަތަމަ ހާފުގެ އެ ޓެމްޕޯގައި މެޗު ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ހާލަތަށް ބަދަލެއް އައީ 64 ވަނަ މިނެޓުގައެވެ.

އެމެރިކާގެ ހާލަތަށް ބަދަލު އައީ އެޓީމުގެ ގޯލް ޖަހައިދިން ފޯމުގައި ހުރި ތަރި، ބަލޮގަންއަށް ރަތެއް ދެއްކުމާއެކުގައެވެ. ބޮސްނިއާގެ ޓަރިކް މުހަރެމޮވިޗް ކައިރިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ބަލޮގަންގެ ބޫޓުން، މުހަރެމޮވިޗް ފައިގެ ކުޑަހުޅާ ދިމާއަށް އެރެވުމާއެކު ރެފްރީ ވަނީ ވީއޭއާރް ބަލައިފައެވެ. ވީއޭއާރް ބަލައި ރެފްރީ ނިންމީ އެއީ ސީރިއަސް ފައުލެއް ކަމަށެވެ. އެއާއެކު ރަތް ކާޑު ދައްކައި، ބަލޮގަން ދަނޑުން ފޮނުވާލިއެވެ.

އެހިސާބުން ބޮސްނިއާއަށް ހިތްވަރު އާވިއެވެ. އޭގެ މިނެޓެއް ފަހުން ހާފުގެ ފުރަތަމަ ހަމަލާއެއްވެސް ފެނުނެވެ. ޓިމް ރީމްއަށް ހެދުނު ގޯހެއްގައި ލިބުނު ފުރުސަތުގައި ޑެމިރޮވިޗް ބޯޅަ ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ އެމެެރިކާ ކީޕަރު އަތަށެވެ.

ރަތަކާއެކު އެމެރިކާއިން ފަހަތަށް ވެއްޓެން މަޖުބޫރުވެ، މަޑުކުރަމުން ދިޔަ ނަމަވެސް މެޗުގެ ފަހުކޮޅަށް ދިޔަ ވަރަކަށް ބޮސްނިއާއަށް ދިޔައީ ޕްރެޝަރު ބޮޑުވަމުންނެވެ. ފައުލްތައް ގިނަވެ، ޝަކުވާތައްވެސް ގިނަވި އިރު، އެމެރިކާއަށް ހަނި ފުރުސަތެއް ލިބުނީ އޭރިއާ ބޭރުން ރަނގަޅު ހިސާބަކުން ކުރި ފައުލަކުންނެވެ. މެޗުގެ 82 ވަނަ މިނެޓުގައި ކުރި އެފައުލަށް ލިބުނު ހިލޭ ޖެހުމުގައި އެމެރިކާ ލީޑު ފުޅާކުރިއެވެ.

މަޑުމަޑުން ކަނަށް އަމާޒުކޮށްލި ބޯޅައިގައި އެމެރިކާއަށް ދެވަނަ ގޯލް ޖަހައިދިނީ ޓިލްމައެވެ. އެއާއެކު އެމެރިކާގެ ދަތުރަށް ނިމުން ނުގެނެސް، އެޓީމުން ގަދަ 16 ޔަގީންކުރިއެވެ. އެ ގޯލާއެކު ބޮސްނިއާގެ އުންމީދުތައް ފަނޑުވި އިރު، ފަުހު ވަގުތާ ހަމައަށް ގޯލަކަށް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

އިތުރު ވަގުތު 10 މިނެޓް ދައްކާފައިވާ އިރު، އެ ވަގުތުގެ ތެރޭގައި ބޮސްނިއާގެ އަލައިބެގޮވިޗް ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ އަރިމަތިންނެވެ.