ވޯލްޑް ކަޕަކީ ހަތަރު އަހަރުން އެއް އަހަރު އަންނަ އުފާވެރި އީދެއް ކަމަށާއި މުބާރާތުގެ މެޗުތައް ބަލަން ކުދިން ހޭލާ ބޭތިއްބުން އެއީ މާބޮޑު މައްސަލައަކަށް ނުހެދުމަށް އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
އިންގްލެންޑުން މިފަހަރު ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ރޭ ކޮންގޯ ކައިރިން މޮޅުވީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ. އެ މެޗުގެ ބޮޑު ބައެއްގައި ކޮންގޯއިން ލީޑު ކޮށްފައިވާ އިރު، އިންގްލެންޑް ފަހުކޮޅުގައި މޮޅުވީ ކެޕްޓަން ހެރީ ކޭން ކާމިޔާބު ކުރި ދެ ގޯލުންނެވެ.
އިންގްލެންޑް ގަދަ 16 އަށް ދަތުރު ކޮށްފައިވާ އިރު، ދެން ކުޅެން ޖެހޭނީ ހޯސްޓެއް ކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. އެއީ މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމްގައެވެ. މެކްސިކޯއިން އަމިއްލަ ގައުމުގައި ކުޅެ، މިހާތަނަށް ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްފައިވާ އިރު، އެޓީމު ކޮޅަށް އަދި ގޯލެއްވެސް ވަދެފައެއް ނުވެއެވެ.
މެކްސިކޯއިން ގަދަ 32 ގައި ކުޅުނު މެޗުގައި އެކުއެޑޯ ބަލިކުރި އިރު، އެ މެޗުގެ ފެށުން ވަނީ ގަޑިއިރަކަށް ލަސްވެފައެވެ. އެއީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. ޓުޗެލް ބުނީ އޭނާއަށް އެމެޗު އެއްކޮށް ނުބެލުނު ކަމަށެވެ. އެއީ ވޯލްޑް ކަޕް ތެރޭގައި އަވަހަށް ނިދާތީ ކަމަށްވެސް އޭނާ ބުންޏެވެ.
"އަހަންނަށް ބެލުނީ އެމެޗުގެ ފުރަތަމަ ހާފުގެ ބައެއް. އަހަރެން އާއްމުކޮށް 10 ޖަހާއިރު ނިދަން ވޯލްޑް ކަޕް ތެރޭގައި. އަހަރެން އެ މެޗުގެ ނަތީޖާ ބަލައިލިން. އެނގޭ މެކްސިކޯ ކޮޅަށް އަދި ގޯލެއް ނުވަންނަކަން. އެހެންވީމަ މެޗު ޓަފް ވާނެ،" ޓުޗެލް ބުންޏެވެ.
އޭގެފަހުން ޓުޗެލް ބުނީ މެޗުތައް ބަލަންވެގެން ނުނިދާ ތިބެ، ސްކޫލަށް ނުދާ ކުދިންގެ ބެލެނިވެރިންނަށް މެސެޖެއް ދޭން ބޭނުންވާ ކަމަށެވެ.
"އެ ކުދިން ފުޓުބޯޅަ ބަލަން ބައިތިއްބާ. ސްކޫލަށް ދާން އެހެން ބައިވަރު ދުވަސް ލިބޭނެ. އެކަމަކު ވޯލްޑް ކަޕަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އޮންނަ މުބާރާތެއް. އަހަރެމެންނަށް ހަތަރު ދުވަސް ފަހުން އޮތީ ބޮޑު، ވަރަށް ބޮޑު މެޗެއް. އަހަރެމެން އެންމެންގެ ސަޕޯޓް ބޭނުން، ހާއްސަކޮށް ކުދިންގެ،" ޓުޗެލް ބުންޏެވެ.
އިންގްލެންޑުން މެކްސިކޯއާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހު ހެނދުނު 6:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް