މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ ލޯންޗަކަށް، ކަނޑުމަތީގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން ސަލާމަތްކޮށްފިއެވެ

ފުލުހުން މިރޭ ބުނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރު، ފުލުހުންގެ "ލޯންޗް 54" އަށް އެ ފަތުރުވެރިޔާ ފެނިފައިވަނީ ކ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާ ގޮސްފައި ވަނިކޮށް ކަމަށެވެ.

އެ ފަތުރުވެރިޔާ ފެނިފައިވަނީ އޭނާ ހުރި ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށްކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ލޯންޗަށް އޭނާ ފެނުމާއެކު، ވަގުތުން ވަނީ އޭނާ ލޯންޗަށް ނަގައި އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފަތުރުވެރިޔާ ކަނޑުމަތިން ސަލާމަތްކުރުމަށްފަހު، ރައްކާތެރިކަމާއެކު އަނބުރާ އޭނާ ހުރި ރިސޯޓަށް ގެންގޮސްދީފައިވާނެކަމަށް ފުލުހުން ބުންޏެވެ.

ރިސޯޓާ ހަވާލުކުރިއިރު ފަތުރުވެރިޔާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ.