ވޯލްޑް ކަޕް 2026 ގައި ގަދަ 32 ގައި ހެރީ ކޭންގެ ދެ ގޯލާއެކު ކޮންގޯ އަތުން ސަލާމަތްވެ، ގަދަ 16 އަށް ދަތުރުކޮށްފިއެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ އެއް ގައުމީ ފުޓުބޯޅަ ޓީމު ކަމަށްވާ އިނގިރޭސި ގައުމީ ޓީމަކީ، ފުޓުބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ނަމެކެވެ. އިނގިރޭސި ޓީމުގެ އެންމެ ބޮޑު ކާމިޔާބީއަކީ އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ. އޭގެ ފަހުން ވޯލްޑް ކަޕްގެ ތަށްޓެއް ނުލިބުނު ނަމަވެސް، 1990 އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އެ ޓީމު ވަނީ ދަތުރުކޮށްފައެވެ. އެގޮތުން 2018 ގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިވީ ކްރޮއޭޝިއާ އަތުން އިތުރު ވަގުތުގައެވެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގައި އިންގްލެންޑް އަލްވަދާއު ކިޔާފައިވަނީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.

ޔޫރަޕުގެ ސަރަހައްދީ މުބާރާތް ކަމަށްވާ ޔޫރޯގައި އެ ޓީމުން ވަނީ ފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން 2020 އަދި 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލުގައި ކުޅެ، މުބާރާތުގެ ރަނަރަޕްކަން ވަނީ ހޯދައިފައެވެ.

މިހާރު އިނގިރޭސި ޓީމު އޮތީ އާ މިސްރާބަކަށް ދަތުރު ފަށައިފައެވެ. ޖަރުމަނުގެ ތަޖުރިބާކާރު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން، ހުނަރުވެރި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން އެކުލެވޭ މި ޓީމުގެ އެންމެ ބޮޑު އަމާޒަކީ، ގިނަ އަހަރުތަކަކަށްފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތަށްޓެއް އަލުން ކާމިޔާބުކޮށް ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުމެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) ގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެފްރިކާ ބައްރުގައި ފާހަގަކޮށްލެވޭ ތާރީހެއް އޮތް ޓީމެކެވެ. މި ޓީމަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް މުހިންމު ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. މި ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ 1974 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމެވެ. އޭރު "ޒައިރް" ގެ ނަމުގައި ކުޅެމުންދިޔަ މި ޓީމު ވެފައިވަނީ ސަބް-ސަހާރަން އެފްރިކާ ސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމަށެވެ.

މި ވޯލްޑް ކަޕްގައި ކޮންގޯއިން މި ވާދަކުރަނީ 52 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޑީއާރް ކޮންގޯއިން ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ތަށި 1968 އަދި 1974 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ. މި ވޯލްޑް ކަޕަށް ޑީއާރް ކޮންގޯ ނުކުތީ ޔޫރަޕްގެ ކްލަބުތަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކަކާއެކުއެވެ.

އިންގްލެންޑުން ދެވަނަ ބުރުގެ ޖާގައެއް ހޯދީ ހަތް ޕޮއިންޓު ހޯދައިގެން ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އިންގްލެންޑުން ކްރޮއޭޝިއާ އާއި ޕެނަމާ އަތުން މޮޅުވި އިރު، ގާނާ އަތުން ވަނީ އެއްވަރުވެފައެވެ. އަދި ކޮންގޯއަކީ ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާތައް ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރި ޓީމެކެވެ. ކޮންގޯގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް ހިފެހެއްޓުމެވެ.

މިހާތަނަށް އިންގްލެންޑާއި ކޮންގޯއިން މެޗެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ ދެ ޓީމަށް ތާރީހީ މެޗަކަށް ވެގެންދާނެއެވެ. ވޯލްޑް ކަޕް 1966 ގެ ކާމިޔާބީއަށްފަހު އިތުރު ކާމިޔާބީއެއް ހޯދިފައިނުވާ އިންގްލެންޑުން ވަނީ މިދިޔަ ދެ ވޯލްޑް ކަޕްގައި ވެސް ނޮކްއައުޓް ބުރުގައި ވާދަކޮށްފައެވެ. ވޯލްޑް ކަޕް 2018 ގެ ސެމީ ފައިނަލާ ހިސާބަށް ދަތުރުކުރި އިރު، އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ނިންމާލީ ކުއާޓާ ފައިނަލާ ހިސާބުންނެވެ. އަނެއްކޮޅުން ކޮންގޯއަށް މިއީ ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗަށް އިންގްލެންޑްގެ ފުރަތަމަ 11 އިން އަލުން ޑެކްލެން ރައިސް އާއި ނޮނީ މަޑުއެކޭއަށް ވަނީ ފުރުސަތު ދީފައެވެ. އޭގެ އިތުރުން ރީސް ޖޭމްސް އާއި ޖެރެލް ކުއަންސާއަށް އަނިޔާވުމާ ގުޅިގެން ރައިޓްބެކްގެ މަގާމުން ފުރުސަތު ދީފައިވަނީ ޖެޑް ސްޕެންސް އަށެވެ. މިރޭ ވެސް އިންގްލެންޑުން ވަނީ ކެޕްޓަން ހެރީ ކޭން، މާކަސް ރަޝްފާޑް، ޖޫޑް ބެލިންހަމް، އެލިއޮޓް އެންޑަސަން، ނިކޯ އޯ ރައިލީ، މާކް ގޭހީ އަދި އެޒްރީ ކޮންސާއަށް ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ. މިރޭ ވެސް އިންގްލެންޑްގެ ގޯލު ބަލަހައްޓާފައިވަނީ ޖޯޑަން ޕިކްފޯޑް އެވެ. ބުކަޔޯ ސަކާ، މިރޭގެ މެޗު ފަށާފައިވަނީ ބެންޗުންނެވެ.

ކޮންގޯ އިން މިރޭގެ މެޗުގައި ހަލުވި ފޯވަޑް ޔޮއާން ވިސާ އަދި މިޑްފީލްޑަރު ނޮއާ ސަޑީކީއަށް ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ. އޭގެ އިތުރުން އެނަލްއަޔެލް މުކައު އާއި ޑިފެންޑަރު ޗެންސެލް އެމްބެމްބާ އަދި އާރޮން ވެން ބިސާކާ ވެސް ފުރަތަަމަ ގައި ހިމެނުނެވެ. މިރޭ ވެސް ކޮންގޯގެ ގޯލު ބެލެހެއްޓީ ލިއޮނެލް އެމްޕާސީ އެވެ. ކޮންގޯގެ ފޯވަޑް ސެޑްރިކް ބަކަމްބޫ، މިރޭގެ މެޗު ފެށީ ބެންޗުންނެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ މެޗުގައި ކޮންގޯގެ މައްޗަށް އިންގްލެންޑުން ކުރި ހޯދީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ކޮންގޯ އިން ވަނީ އިންގްލެންޑް ކޮޅަށް ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޗެންސެލް އެމްބެމްބާ ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހަނި އޭންގަލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޮންގޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރިއަން ސިޕެންގާ އެވެ. މިއީ އޭނާ ކޮންގޯއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެކެވެ.

ކޮންގޯ އިން ގޯލު ޖެހުމަށްފަހު ނަތީޖާ ހަމަހަމަކުރުމަށް އިންގްލެންޑުން ހުރަސްތަކާއެކު ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ރަނގަޅު ފުރުސަތެއް ތަނަވަސްކުރުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. އަދި ކޮންގޯ އިން ކުރިއަށް ޖެހި އެޓޭކަށް މަސައްކަތްކުރާ ވަގުތުތަކުގައި އިންގްލެންޑްގެ ޑިފެންސް ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓޭ ތަން ފެނިގެންދިޔައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އިންގްލެންޑަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ޑެކްލެން ރައިސް ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެޒްރީ ކޮންސާ ފޮނުވާލި ހަމަލާ ދިޔައީ ކޮންގޯ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް.

އޭގެ މިނެޓެއް ފަހުން އިންގްލެންޑަށް ހުސް ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ރައިސް ނަގައިދިން ހުރަހަަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޖޫޑް ބެލިންހަމް ބޮލުން ފޮނުވާލި ހަމަލާ، ކޮންގޯ ކީޕަރު ލިއޮނެލް އެމްޕާސީ ވަނީ މަތަކޮށްފައެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ކައިރިކައިރީގައި އިންގްލެންޑަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ހެރީ ފޮނުވާލި ހަމަލާއެއް ކޮންގޯގެ ޑިފެންޑަރު އެކްސެލް ޓުއަންޒެބޭ ބްލޮކްކުރި އިރު، އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި މާކަސް ރަޝްފާޑަށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ކޮންގޯ ޑިފެންޑަރު އާރޮން ވެން ބިސާކާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 43 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް ކޮންގޯއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އާރޮން ވެން ބިސާކާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޔޮއާން ވިސާ ފޮނުވާލި ހަމަލާ އަމާޒުވީ ކޮންގޯ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އޭގެ މިނެޓެއް ފަހުން ކައުންޓާ އެޓޭކެއްގައި ކުރިއަށްދަނިކޮށް، ޕެނަލްޓީ އޭރިއާ ތެރެއަށް އިންގްލެންޑް ކެޕްޓަން ހެރީ ކޭން ވެއްޓުނު ނަމަވެސް، ރެފްރީ ނިންމީ ކޮންގޯގެ ކީޕަރު އެމްޕާސީގެ އަތުގައި ނުޖެހެނީސް، ކޭން ޑައިވްކުރި ކަމަށެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކޮންގޯގެ ކީޕަރު އެމްޕާސީގެ މޮޅު ދެ ސޭވްއެއް ފެނިގެންދިޔައެވެ. ނޮނޯ މަޑުއެކޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބެލިންހަމް ބޮލުން ފޮނުވާލި ހަމަލާ، ކީޕަރު އެމްޕާސީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އޭގެ ފަހުން ކޯނަރަކުން ރައިސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ކޭން ފޮނުވާލި ހަމަލާ ވެސް ހުޝިޔާރުކަމާއެކު ކީޕަރު އެމްޕާސީ މަތަކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.

ވަރުގަދަ އެޓޭކަކާއެކު ފެށި އިންގްލެންޑަށް މެޗުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ރަޝްފާޑް ފޮނުވާލި ހަމަލާ ކޮންގޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 52 ވަނަ މިނެޓުގައި އިންގްލެންޑްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބެލިންހަމް ފޮނުވާލި ހަމަލާ، ކޮންގޯގެ ކީޕަރު އެމްޕާސީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ގިނަ ބަދަލުތަކަކާއެކު ކުޅެމުންދިޔަ އިންގްލެންޑުން ވަނީ މެޗުގެ 75 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެންތޮނީ ގޯޑަން ނަގައިދިން ބޯޅަ، ކޭން ވަނީ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

މެޗުގެ 86 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. އެ ގޯލަކީ ވެސް ކެޕްޓަން ހެރީ ކޭން ޖެހި ގޯލެކެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ގޯޑަން ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބާރު ހަމަލާއަކުންނެވެ.