ކޭޕް ވާޑަށް ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ބަލިކޮށް، ކަޓުވާލެވިދާނެ ކަމަށް އެގައުމުގެ ރައީސް ޖޯސޭ މަރިއާ ނެވޭސް ވިދާޅުވެއްޖެއެވެ.

ކޭޕް ވާޑްގެ ވާހަކައަކީ މިފަހަރު ވޯލްޑް ކަޕްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ވާހަކައެވެ. ކޭޕް ވާޑުން މި ވަނީ ވޯލްޑް ކަޕްގެ ތާރީހު ލިޔެލައިފައެވެ. 530،000 އެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑަކީ މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ތިންވަނައަކަށް އެންމެ ކުޑަ ގައުމަށްވީ އިރު، އެޓީމުން ހޯދި ކާމިޔާބީއާ އެކު އެއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމެވެ. އަދި ފުރަތަމަ ވޯލްޑް ކަޕްގައި އެކަން ކުރުން އެއީ އިތުރު ޝަރަފެކެވެ. މިއީ 2006 ވަނަ އަހަރު ޔުކްރެއިނަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ފަހަރު ޓީމަކުން ނޮކްއައުޓަށް ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

ކޭޕް ވާޑުގެ ތާރީހީ ދަތުރުގައި ދެން ކުރިމަތިލާން އޮތީ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ އަދި ލިއޮނަލް މެސީއާ ދެކޮޅަށެވެ. އެ މެޗަކީ އެގައުމުގެ ފުޓުބޯޅައިގައި ކުޅެވޭނެ އެންމެ ތާރީހީ މެޗަށްވެސް ވާނެއެވެ.

"އަހަންނަށް ހީވަނީ ކޭޕް ވާޑަށް އާޖެންޓީނާ ބަލިކުރެވޭނެހެން. އެއީ 1-0 ގެ ނަތީޖާއަކުންނެވެ. އަހަރެމެން ވޯލްޑް ކަޕަށް ނުކުތީ ގައުމުގެ ތާރީހު ލިޔެލަން. އަހަރެމެން މެޗުތައް މި ކުޅެނީ މޮޅުވާން. މި ޓީމަށް މީހުން ކުރާ އުންމީދު ދަށް ނަމަވެސް، އަހަރެމެންގެ މި އޮތް ރޫހު ތަފާތު. މޮޅުވާން، މީހުންނަށް ސަޕްރައިޒެއް ދޭން އެ އޮތް ޖަޒުބާތީ އެކުވެރިކަން ތަފާތު،" ރައީސް ނެވޭސް ވިދާޅުވިއެވެ.

ޖުމުލަ 10 ރަށުގެ މައްޗަށް އެކުލެވޭ ކޭޕް ވާޑްގެ ރައީސް ނެވޭސް ވިދާޅުވީ މެސީއާއި ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅެން ޖެހުމަކީ އެގައުމަށް ލިބުނު ނަސީބެއް ކަމަށެވެ.

"އަހަރެމެން ތާރީހު ލިޔެލަން ލިބުނު ދަތުރުގައި މެސީއާއި ދުނިޔޭގެ ޗެމްޕިއަނުންނާ ޖެހުމަކީ ރަނގަޅު އިއްތިފާގެއް. އަހަރެމެންގެ ޓީމު ނުކުންނާނީ އާޖެންޓީނާއާއި މެސީ މާޔޫސްކޮށްލަން ފުރިހަމައަށް ވިސްނައިގެން. މި ޓީމުގައި 100 ޕަސެންޓް ފެއިތު އެބަހުރި. 100 ޕަސެންޓް އުންމީދު އެބައޮތް. ޓީމުން ކޭޕް ވާޑަށްޓަކައި ދާ އޮހޮރުވާނެ،" ރައީސް ވިދާޅުވިއެވެ.