މެޗު ކުޅެމުންދާ އިރު، މެޗު ތެރެއިން ވަގުތު ބޭކާރުކުރަން ހުއްޓުވަން މިފަހަރުގެ ވޯލްޑް ކަޕަށް ގެނައި ބަދަލު ކާމިޔާބު ކަމަށް ފީފާގެ ޗީފް ރެފްރީއިން އޮފިސަރު ޕިއާލުއީޖީ ކޮލީނާ ބުނެފިއެވެ.

މިފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށްވެސް ފީފާއިން ވަނީ ބައެއް އުސޫލުތަކަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރެއިން މެޗުގެ ފްލޯ ރަނގަޅު ކުރުމާއި ޝައުގުވެރިކުރުވުމަށް ގެނެސްފައިވާ ބަދަލުތައް ފާހަގަވެއެވެ. އެގޮތުން:

  • އިތުރުވަގުތު ދެއްކުމުގެ އުސޫލު ހަރުދަނާކޮށް ގެއްލޭ ވަގުތު ބޮޑަށް ބެލުން
  • ބަދަލުކުރަން ލިބޭނީ 10 ސިކުންތު، އެކަން ނުވެއްޖެނަމަ އެޓީމަކުން ޖެހޭނީ އެއް މިނެޓް ވާންދެން ކުޅުންތެރިޔަކު މަދުން ކުޅެން. މިއީ ވަގުތު ބޭކާރު ކޮށްފާނެ ހާލަތަކަށް ބަލައި ދޭ އަދަބެއް.
  • އެއްލުމަށާއި ގޯލްކިކަށް ފަސް ސިކުންތު: އެއްލުން ލަސްކުރާނަމަ އަނެއްކޮޅަށް ދޭނެ، ގޯލްކިކް ލަސްކޮށްފިނަމަ އިދިކޮޅު ޓީމަށް ކޯނަރު ދޭނެ.
  • އަނިޔާއަކަށް ފަރުވާ ދީފިނަމަ ފައިބާފައި އެރޭނީ އެއް މިނެޓް މަޑުކޮށްފައި

"މި ގެނެވުނު ބަދަލުތަކުގެ ނަތީޖާ ފެންނަނީ ވަރަށް ރަނގަޅަށް. އަދި ވަކި މީހަކު ނޭނގޭ ގޮތަށް ހޯދިފައިވާ ހިޔާލުތަކުންވެސް އެ ބަދަލުތަކާ ދޭތެރޭ ދެކެނީ ރަނގަޅަށް. މިހާތަނަށް ބަދަލުތަކަށް ބަލާއިރުވެސް 72 މެޗުގެ ތެރެއިން އެންމެ ކުޅުންތެރިޔަކު 10 ސިކުންތަށްވުރެ ލަސްކޮށް މި ފޭބީ. އެހެންވީމަ މެޗު އަވަސްވި ވަރު ފެނޭ،" ކޮލީނާ ބުންޏެވެ.

ކޮލީނާ ބުނީ އެއްލުމަށް ދިން ފަސް ސިކުންތާ މިހާތަނަށް ހިލާފުވެފައި ވަނީ އެންމެ 15 ފަހަރު ކަމަށާއި، އަދި ކީޕަރަށް ދޭ ވަގުތުގައި ގޯލް ކުރިމަތިން ޖެހުން ނުޖެހި ދިޔައީ އެންމެ ހަތަރު ފަހަރު ކަމަށެވެ. އަދި އެކަމުގެ އަދަބުތައް އެކަށީގެންވާ ގޮތެއްގައި މެޗު ތެރެއިން ދެވުނު ކަމަށާއި، އެއްލަން ދިން ވަގުތުން ބޭރުވެގެން 11 ފަހަރު ނިންމުން ބަދަލު ކުރި ކަމަށްވެސް ކޮލީނާ ބުންޏެވެ.

ކޮލީނާ ބުނީ އަނިޔާވާ ކުޅުންތެރިޔާއަށް އޮންނަ އުސޫލު ހަރުދަނާ ކުރުމުން ޓީމުގެ މެޑިކަލް ދަނޑަށް އަރަން ޖެހޭ މިންވަރު ބޮޑުތަނުން މަދުކަން ބެލުންތެރިންނަށްވެސް ފެންނާނެ ކަމަށެވެ.

އޭގެ އިތުރުން ޖަރުމަނާއި ޕަރަގުއާއީ މެޗުގައި ޖަރުމަނުން ދެވަނަ ބޯޅައެއް ގޯލަށް ވައްދާލުމުގައި ޕަރަގުއާއީ ކީޕަރަށް ފައުލް ކޮށްފައިވާ އިރު، އެ ހާލަތުގައި ރެފްރީ ނިންމީ ރަނގަޅު ނިންމުމެއް ކަމަށްވެސް ކޮލީނާ ފާހަގަކުރިއެވެ. އަދި އެ ހާލަތުގައި ފައުލްވާނެ ކަން މާކުރިމްވެސް ކޯޗުންނާއި ކުޅުންތެރިންނަށް އަންގާފައިވާނެ ކަމަށްވެސް ކޮލީނާ ފާހަގަކުރިއެވެ.