މިފަހަރުގެ ވޯލްޑް ކަޕްގައިވެސް އިންގްލެންޑުން ޕެނަލްޓީގައި ބޭނުން ކުރާނީ ކުރިން ކޯޗަކަށް ހުރި ގެރެތު ސައުތުގޭޓްގެ ޕްލޭން ކަމަށް މިހާރުގެ ކޯޗު، ތޯމަސް ޓުޗެލް ބުނެފިއެވެ.

އިންގްލެންޑްގެ ކޯޗުކަމުގައި 2016 އިން 2024 ވަނަ އަހަރާ ހަމައަށް ހުރި ސައުތުގޭޓަށް އެގައުމާ އެކު ތާރީހީ ކާމިޔާބީއެއް ނުހޯދުނު ނަމަވެސް، އޭނާ ވަނީ ނަތީޖާތަކަށް ކުރިއެރުންތަކެއް ހޯދައިދީފައެވެ. 1966 ވަނަ އަހަރު ފަހުން ތަށްޓަކަށް ކުރަމުންދާ އިންތިޒާރަށް ނިމުން ގެންނަން އިންގްލެންޑުން ކުރަމުންދާ މަސައްކަތުގެ ދަށުން، ސައުތުގޭޓާއެކު ޖެހިޖެހިގެން ޔޫރޯ ދެ ފައިނަލުން ބަލިވި އިރު، ސައުތުގޭޓް އިންގްލެންޑާ އެކު ވޯލްޑް ކަޕް 2018 ގެ ސެމީއަށް ގޮސްފައިވެސްވެއެވެ. އޭގެފަހުން 2022 ގެ ވޯލްޑް ކަޕްގައި އެޓީމާއެކު ކުއާޓާ ފައިނަލަށްވެސް ޓީމު ގެންގޮސްދީފައިވާ އިރު، ޕެނަލްޓީގެ ނާކާމިޔާބީގައި ބަލިވި ބަލިވުމަށްވެސް ވަނީ ނިމުން ގެނެސްފައެވެ.

ސައުތުގޭޓް ހަވާލުވުމުގެ ކުރިން އިންގްލެންޑަށް ބޮޑު މުބާރާތެއްގައި ޕެނަލްޓީއަށް ގޮސް ހޯދިފައި އޮތީ އެންމެ ކާމިޔާބީއެކެވެ. އެއީ ޔޫރޯ 1996 އެއް ގައެވެ. އެ ބަދަނަސީބަށް ސައުތުގޭޓް ނިމުން ގެނައި ކަމަށް ގިނަ ބަޔަކު ސިފަކުރާ އިރު، ސައުތުގޭޓާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި ޕެނަލްޓީއަށް ގޮސް އިންގްލެންޑުން ކޮލަމްބިއާ ބަލިކުރިއެވެ. އަދި ނޭޝަންސް ލީގުގައި ސްވިޒަލޭންޑް ކައިރިންވެސް ޕެނަލްޓީގައި މޮޅުވި އިރު، އިންގްލެންޑް ބަލިވި ހަމައެކަނި ޝޫޓްއައުޓަކީ އިޓަލީ ކައިރިން ޔޫރޯ 2020 ގެ ފައިނަލުގައި ވީ ބައްޔެވެ.

އެހެންނަމަވެސް އޭގެފަހުން ވިސްނުން ބަދަލުކޮށް، ޔޫރޯ 2024 ގައި ކުރިމަތިވި ޕެނަލްޓީ ޝޫޓްއައުޓުން އަނެއްކާވެސް އިންގްލެންޑް މޮޅުވިއެވެ.

"އެފްއޭއިން ޕެނަލްޓީއަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެއް އެބައޮތް. އެ ޕްރޮގްރާމަށް މިހާރު އަހަރުތަކެއް ވެއްޖެ. އެއީ ސައުތުގޭޓް ޕްލޭން. އެއީ ޕްރޮސެސްއަށް ޕެނަލްޓީގައި ކަންކަން ކުރާނީ. އެއީ އަހަރެންވެސް ބޭނުންކުރާ ޕްރޮސަސް. އެކަމަކު ޕެނަލްޓީއަކީ ތަފާތު ހާލަތްތަކެއް އަންނާނެ ކަމެއް. އެ ހުރިހާ ހާލަތަކަށް ތައްޔާރެއްވެސް ނުވެވޭނެ،" ޓުޗެލް ބުންޏެވެ.

އިންގްލެންޑުން ތަފާތު ރޫހެއްގައި އޮތް ކޮންގޯއަކާ ދެކޮޅަށް މިރޭ ނުކުންނަ އިރު، ޓުޗެލް ބުނީ ރީތި ހިތްގައިމު ފަސޭހަ މެޗަކަށް މެޗު ވެގެންދާނެ ކަމަށް އުންމީދު ނުކުރުމަށެވެ. އަދި މިރޭގެ މެޗަކީވެސް ގާނާއާއި ޕެނަމާއާ ދެކޮޅަށް ކުޅުނު ކަހަލަ މެޗަކަށްވުން ގާތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ގާނާ ކައިރިން ޑިފެންސް ރޫޅާ ނުލެވި، 0-0 އިން އެއްވަރުވި އިރު، ޕެނަމާ ކައިރިން 2-0 އިން މޮޅުވި ނަމަވެސް އެއީވެސް އުނދަގޫ މޮޅެކެވެ.

ޓުޗެލް ބުނީ މެޗަށް އިންގްލެންޑަކީ ފެވަރިޓުން ކަމަށާއި، ކޮންގޯއަކީ އަންޑަޑޯގްސް ކަމަށެވެ. އަދި ކޮންގޯއަކީ އެގޮތަށް ކުޅެން ނުރައްކާ ޓީމެއްކަން އޭނާ ފާހަގަކުރިއެވެ.