ޔޫކްރެއިނަށް 670 މިލިއަން އެމެރިކާ ޑޮލަރު (4.4 ބިލިއަން ޑެނިޝް ކްރޯނާ) ގެ އަސްކަރީ އެހީގެ އާ ޕެކޭޖެއް ދޭން ޑެންމާކުން ނިންމައިފިއެވެ. މިއީ ރަޝިއާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އެހީތެރިވުމުގެ ގޮތުން ޑެންމާކުން ދޭ 30 ވަނަ އަސްކަރީ އެހީގެ ޕެކޭޖެވެ.
ޑެންމާކުގެ ދިފާއީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ޕެކޭޖުގެ ދަށުން ޔުކްރެއިނަށް އިތުރު ހަތިޔާރާއި، ވަޒަނާއި، އަސްކަރީ އާލާތްތައް ފޯރުކޮށްދިނުމުގެ އިތުރުން ޔޫކްރެއިންގެ ސިފައިން ތަމްރީނުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 200 މިލިއަން ޑޮލަރު (1.3 ބިލިއަން ކްރޯނާ) ހާއްސަކޮށްފައިވަނީ "ޑެނިޝް މޮޑެލް" ގެ ދަށުން ޔޫކްރެއިންގެ އަމިއްލަ ދިފާއީ ސިނާއަތުން ހަތިޔާރު ގަތުމަށް ފައިސާ ފޯރުކޮށްދިނުމަށެވެ. މީގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ޑްރޯނާއި އާޓިލަރީ ނިޒާމުތައް އުފެއްދުމުގެ ގާބިލުކަން ޔުކްރެއިނަށް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. ދުރު ރާސްތާގެ އާޓިލަރީ ވަޒަން ހޯދުމަށްވެސް މި ޕެކޭޖުން ފައިސާ ހަމަޖައްސާފައިވެއެވެ.
ޑެންމާކުގެ ހާރިޖީ ވަޒީރު ލާސް ލޮކޭ ރަސްމުސެން ވިދާޅުވީ، ހަނގުރާމައިގެ މައިދާނުގައި މިހާރު އާ ބަދަލުތަކެއް ފެންނަމުންދިޔަ ނަމަވެސް، އެހީތެރިކަން ކުޑަކޮށްލެވޭކަށް ނެތެވެ. ޔޫކްރެއިންގެ މަޝްވަރާކުރުމުގެ ބާރު ގަދަކުރުމަށްޓަކައި ރަޝިއާއަށް ކުރާ ފިއްތުންތައް އިތުރުކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޑެންމާކުގެ ދިފާއީ ވަޒީރު ޔެޕޭ ބްރޫސް ވިދާޅުވީ ޔޫރަޕްގެ ދިފާއު ފެށެނީ ޔޫކްރެއިނުން ކަމަށާއި، ނޭޓޯގެ އެކުވެރި ގައުމުތަކާ ގުޅިގެން ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށެވެ. މި ހަފުތާގެ ކުރީކޮޅު ބްރޫސް ވަނީ ކީވްއަށް ވަޑައިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއާ ބައްދަލުކުރައްވައި، ޑްރޯން އުފެއްދުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. 2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދޭން ފެށި ފަހުން ޑެންމާކުން ވަނީ 11.7 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ.
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ކޮމެންޓް