ވޯލްޑް ކަޕް 2026 ގައި ކިލިއަން އެމްބާޕޭގެ ދެ ގޯލާއެކު ފަސޭހަކަމާއެކު ސްވިޑެން ބަލިކޮށް، ފްރާންސުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމު ކަމަށްވާ ފްރާންސަކީ ހުނަރުވެރި ގިނަ ތަރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެކެވެ. ފްރާންސުން ވަނީ ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. މީގެ އިތުރުން 2006 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ވާދަކުރިއެވެ. ސަރަހައްދީ މުބާރާތްތަކަށް ބަލާއިރު، ޔޫރޯ ވެސް ފްރާންސުން ވަނީ ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 1984 އަދި 2000 ވަނަ އަހަރުއެވެ. އަދި 2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ފްރާންސުންނެވެ. މިއާއެކު، ފްރާންސް ވެފައިވަނީ ފީފާ އަދި ޔޫރަޕްގެ ހުރިހާ ބޮޑެތި މުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމަށެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ، އަދި ވާދަވެރިންނަށް އެންމެ ޗެލެންޖިން އެއް ޓީމަކަށް ވެގެންދާނީ ފްރާންސެވެ. ހާއްސަކޮށް ފްރާންސްގެ އެޓޭކިން ލައިނަކީ ގިނަ ތަރިންތަކެއް އެކުލެވޭ ޑިޕާޓްމަންޓަކަށްވުމުން، މިފަހަރު ފްރާންސްގެ ބެންޗު ވެސް ވެގެންދާނީ ތަރިންގެ މައްޗަށް އެކުލެވޭ ބެންޗަކަށެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި އެޓޭކިން ލައިނާއެކު ފްރާންސުން މިފަހަރު މަސައްކަތްކުރާނީ ގެއްލިގެންދިޔަ ވޯލްޑް ކަޕްގެ ތަށި އަލުން ހޯދުމަށެވެ.
ސްވިޑެންއަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ވަރަށް ބޮޑު ތާރީހެއް އޮތް ގައުމެކެވެ. ވޯލްޑް ކަޕް 1958 ގެ ފައިނަލްގައި ކުޅުމުގެ އިތުރުން، އެކި ފަހަރު މަތިން މުބާރާތުގެ ފަހު މަރުހަލާތަކުގައި އެ ޓީމު ކުޅެފައިވެއެވެ. ސްވިޑެނުން މި ކުރިމަތިލަނީ 13 ވަނަ ވޯލްޑް ކަޕާއެވެ. އެންމެ ފަހުން ވާދަކުރި ވޯލްޑް ކަޕް 2018 ގައި ސްވިޑެނުން ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
ޒްލަޓަން އިބްރާހިމޮވިޗް ފަދަ މަޝްހޫރު ކުޅުންތެރިޔަކު މިހާރު ޓީމުގައި ނެތް ނަމަވެސް، މިހާރުގެ ޓީމު ބިނާކޮށްފައިވަނީ ޑިސިޕްލިން އަދި ޓެކްޓިކަލް ރޭވުންތެރިކަމުގެ މައްޗަށެވެ. ސްވިޑެންގެ ޓީމަކީ ދިފާއީ ގޮތުން ވަރުގަދަ، އަދި ފިޒިކަލީ ވެސް ވަރުގަދަ ޓީމެކެވެ. ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން ހިމެނޭ މި ޓީމުގެ އަމާޒަކީ ގަދަ 32 ގެ ބުރަށް ދަތުރުކުރުމެވެ. ސްވިޑެންގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އެލެކްސެންޑާ އީސާކް، ވިކްޓާ ޔޮކަރޭސް އަދި ކެޕްޓަން ވިކްޓާ ލިންޑެލޯފް ހިމެނެއެވެ. ހާއްސަކޮށް ލިވަޕޫލަށް ކުޅޭ އީސާކް އާއި އާސެނަލަށް ކުޅޭ ޔޮކަރޭސްގެ ފަރާތުން ޓީމަށް ބޭނުންވާ އުފެއްދުންތެރިކަމާއި ގޯލު ޖެހުމުގެ ހުނަރު ފެނިގެންދާނެއެވެ.
ފްރާންސާއި ސްވިޑެނުން ވަނީ ޖުމުލަ 23 މެޗެއްގައި ވާދަކޮށްފައެވެ. އޭގެ ތެރެއިން 12 މެޗަކުން ފްރާންސް މޮޅުވި އިރު، ހަ މެޗަކުން ސްވިޑެން ވަނީ މޮޅުވެފައެވެ. އަދި ފަސް މެޗެއް ނިމުނީ އެއްވަރުވެފައެވެ. އެންމެ ފަހުން 2021 ގެ ޔޫއެފާ ނޭޝަންސް ލީގުގައި ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއަކުން މޮޅުވީ ފްރާންސެވެ. ބޮޑު މުބާރާތްތަކަށް ބަލާ އިރު، ޔޫރޯ 1992 އަދި ޔޫރޯ 2012 ގެ ގްރޫޕު ސްޓޭޖުގައި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. ޔޫރޯ 1992 ގައި ކުޅުނު މެޗު އެއްވަރުވި އިރު، ޔޫރޯ 2012 ގެ މެޗުގައި 2-0 ގެ ނަތީޖާއަކުން މޮޅުވީ ސްވިޑެންއެވެ.
ފްރާންސުން ވަނީ އެންމެ ފަހުގެ ތިން ވޯލްޑް ކަޕްގެ ވެސް ނޮކްއައުޓް ބުރުގައި ވާދަކޮށްފައެވެ. އޭގެ ތެރެއިން މިދިޔަ ދެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވާ އިރު، 2018 ގައި ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. އަނެއްކޮޅުން ސްވިޑެނުން އެންމެ ފަހުން ނޮކްއައުޓް ބުރެއްގައި ވާދަކުރީ އެންމެ ފަހުން ވާދަކުރި ވޯލްޑް ކަޕް 2018 ގައެވެ. އެފަހަރު ކުއާޓާ ފައިނަލާ ހިސާބުން ނިންމާލަން ޖެހުނީ އިންގްލެންޑް އަތުން ބަލިވެގެންނެވެ.
މިރޭގެ މެޗުގައި ފްރާންސްގެ ފުރަތަމަ 11 އިން ފެނިފައިވަނީ މި ވޯލްޑް ކަޕްގެ މެޗުތަކުގައި ފްރާންސްގެ ފުރަތަމަ 11 އިން ފެނިފައިވާ ކުޅުންތެރިންނެވެ. ފްރާންސްގެ އެޓޭކުގައި ކެޕްޓަން ކިލިއަން އެމްބާޕޭއާއެކު އުސްމާން ޑެމްބެލޭ އާއި މައިކަލް އޮލީސޭ އަދި ބްރެޑްލީ ބާކޯލާ ހިމެނުނު އިރު، މެދުތެރޭގައި ހިމެނުނީ އޯރެލިއެން ޗުއަމެނީ އާއި އެޑްރިއެން ރަބިއޯ އެވެ. ޑިފެންސްގައި ހިމެނުނީ ޖޫލްސް ކޫންޑޭ، ޑަޔޮޓް އުޕަމެކާނޯ، ވިލިއަމް ސަލީބާ އަދި ލޫކަސް ޑީނިއާ އެވެ. މިރޭ ވެސް ފްރާންސްގެ ގޯލު ބަލަހައްޓާފައިވަނީ މައިކް މިނިއޯ އެވެ. އޭގެ އިތުރުން ޑިޒައިރޭ ޑުއޭ އާއި ރަޔަން ޗާކީ ފަދަ ތަރިންނާއެކު ފްރާންސްގެ ބަންޗު ވެސް ވަރުގަދައެވެ.
ސްވިޑެނުން ވެސް އެންމެ ފާހަގަކޮށްލެވޭ ޑިޕާޓްމަންޓަކީ އެޓީމުގެ ފޯވަޑް ލައިނެވެ. މިރޭ ވެސް ސްވިޑެންގެ ފުރަތަމަ 11 ގައި އެލެކްސެންޑާ އިސާކާއި ވިކްޓާ ޔޮކަރެސްގެ އިތުރުން އެންތަނީ އެލަންގާ ވަނީ ހިމަނައިފައެވެ. މެދުތެރެއިން ޔަސީން އަޔާރީ ފާހަގަކޮށްލެވޭ އިރު، ޑިފެންސް ލައިނުން އެންމެ ފާހަގަކޮށްލެވެނީ ކެޕްޓަން ވިކްޓާ ލިންޑެލޮފް އެވެ.
އެމެރިކާގެ ނިއުޔޯކް ނިއުޖާޒީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ މެޗުގައި ސްވިޑެންގެ މައްޗަށް ފްރާންސުން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ސްވިޑެނުންނެވެ. ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ވިކްޓާ ޔޮކަރެސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސެންޑާ އިސާކް ފޮނުވާލި ހަމަލާ އަމާޒުވީ ފްރާންސް ކީޕަރު މައިކް މިނިއޯއާ ދިމާއަށެވެ. އިސާކްގެ އެ ބޯޅައިގައި މާބޮޑު ބާރެއް ނެތެވެ.
މެޗުގެ ކުރީކޮޅުގައި ފްރާންސަށް އެންމެ ނުރައްކާތެރި ކުޅުން ދެއްކިފައެއް ނުވާ އިރު، އެޓީމުގެ ފުރަތަމަ ހަމަލާތައް ފެނިގެންދިޔައީ މެޗުގެ 15 ވަނަ މިނެޓުގައެވެ. ލޫކަސް ޑީނިއާ އަދި ކިލިއަން އެމްބާޕޭ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާތަކުގައި ސްވިޑެންގެ ކީޕަރު ޖެކޮބް ވިޑެލް ޒެޓާސްޓްރޮމްއަށް މާބޮޑު ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ.
މެޗުގެ 19 ވަނަ މިނެޓުގައި ފްރާންސްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ބްރެޑްލީ ބާކޯލާ ފޮނުވާލި ހަމަލާ، ސްވިޑެންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އޭގެ މިނެޓެއް ފަހުން މައިކަލް އޮލީސޭ ދިން ރީތި ބޯޅައެއް ހިފައިގެން ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސްވިޑެންގެ ގޯލުގެ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ބޯޅައެއް ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ސްވިޑެންގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ހިލޭ ޖެހުމެއްގައި ޔަސީން އަޔާރީ ބޯޅަ ޖައްސާލުމާއެކު ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިސާކް ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މިނިއޯ ވަނީ މަތަކޮށްފައެވެ. އިސާކަށް ރަނގަޅަށް އެ ބޯޅަ ފޮނުވާލެވިފައިނުވުމުން، މާބޮޑު ބާރެއް ނެތެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ފްރާންސަށް ހުސް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެމްބާޕޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެޑްރިއެން ރަބިއޯ ފޮނުވާލި ބާރު ހަމަލާ، ސްވިޑެން ކީޕަރު މަތަކުރި އިރު، އޭގެ ފަހުން ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އެމްބާޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ސްވިޑެން ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އޭގެ ދެ މިނެޓު ފަހުން ވެސް ފްރާންސްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރަބިއޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ސްވިޑެން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 35 ވަނަ މިނެޓުގައި މިނެޓުގައި ކައިރިކައިރީގައި އަނެއްކާވެސް ފްރާންސްގެ ދެ ނުރައްކަލެއް ފެނިގެންދިޔައެވެ. މަތިން ލިބުނު ބޯޅައަކުން ހިތްގައިމު ގޮތަކަށް ޕެނަލްޓީ އޭރިއާ ތެރެއިން އޮލީސޭ ފޮނުވާލި ވޮލީ ހަމަލާ ސްވިޑެން ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އުސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާ ސްވިޑެންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އޭގެ މިނެޓެއް ފަހުން ސްވިޑެނަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެންތަނީ އެލަންގާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، އިސާކް ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 40 ވަނަ މިނެޓުގައި އަނެއްކާވެސް ފްރާންސް ކެޕްޓަން އެމްބާޕޭގެ ހަމަލާއެއް ފެނިގެންދިޔައެވެ. ރަބިއޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސްވިޑެން ކީޕަރު ޒެޓާސްޓްރޮމްއާ ދިމާއަށެވެ.
އޭގެ ފަހުން ފްރާންސްގެ އޮލީސޭގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޮލީސޭ ފޮނުވާލި ހަމަލާ ސްވިޑެން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ދެވަނަ ހަމަލާ، ސްވިޑެން ކީޕަރު ޒެޓާސްޓްރޮމް ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފްރާންސުން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. އަވަސް ކޯނަރެއްގެ ތެރެއިން ޑެމްބެލޭ ދިން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއިން ސްވިޑެން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. މިއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި ފަސްވަނަ ގޯލެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ވެސް ވަރުގަދަ އެޓޭކަކާއެކު ފެށި ފްރާންސުން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އޮލީސޭ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ކޮންޓްރޯލުކޮށްލުމަށް ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބްރެޑްލީ ބާކޯލާ އެވެ. މިއީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ދެވަނަ ގޯލެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ފްރާންސްގެ އިތުރު ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޮލިސޭ ފޮނުވާލި ބޯޅަ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ސްވިޑެން ކީޕަރު ޒެޓާސްޓްރޮމް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
މެޗުގެ 74 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ފްރާންސަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ، ފްރާންސަށް ތިން ގޯލުގެ ލީޑެއް ހޯދައިދީފައެވެ. އޮލީސޭ ދިން ރީތި ބޯޅަ، އެމްބާޕޭ ވަނީ ސްވިޑެން ގޯލުގެ ކަނަކަށް ބޯޅަ އަމާޒުކޮށްލައިފައެވެ. މި ގޯލާއެކު އެމްބާޕޭ ވަނީ މި ވޯލްޑް ކަޕްގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ޖެހި ގޯލުގެ އަދަދާ އަރައި ހަމަކޮށްފައެވެ. ދެ ކުޅުންތެރިން ވެސް ވަނީ މިހާތަނަށް ހަ ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގެ 82 ވަނަ މިނެޓުގައި ވެސް ފްރާންސްގެ ނުރައްކާ ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ސްވިޑެންގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ބާކޯލާ ފޮނުވާލި ހަމަލާ، ކީޕަރު ޒެޓާސްޓްރޮމް ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް، ސްވިޑެނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ޔޮކަރެސް ފޮނުވާލި ހަމަލާ، ފްރާންސްގެ ކީޕަރު މިނިއޯ ވަނީ މަތަކޮށްފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް