ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ނުކުންނަ ފްރާންސް ޓީމުގައި ބަލިކަށި ކަމެއް ފާހަގަކުރަން ދަތި ކަމަށް ސްވިޑެން ކޯޗު ގްރަހަމް ޕޮޓާ ބުނެފިއެވެ.

ކިލިއަން އެމްބާޕޭ އިސްވެ ހުރި ފްރާންސް ޓީމު، ގަދަ 32 ގެ ބުރަށް ދަތުރުކޮށްފައި ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވެގެން ގްރޫޕުގެ އެއްވަނައިގެ ގޮތުގައެވެ. ނަމަވެސް ސްވިޑެނަށް ފުރުސަތު ލިބިފައިވަނީ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ސްވިޑެނުން ޓިއުނީޝިއާ އަތުން މޮޅުވި ނަމަވެސް، ނެދަލެންޑްސް އަތުން ވަނީ ބަލިވެފައެވެ. އަދި ފަހު މެޗުގައި ޖަޕާން އަތުން ވަނީ އެއްވަރުވެފައެވެ.

ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްވިޑެންގެ ކޯޗު ޕޮޓާ ބުނީ ފްރާންސާ ދެކޮޅަށް ވީހާވެސް ފުރިހަމަ ކުޅުމެއް ދައްކަން ޖެހޭނެ ކަމަށާއި ފްރާންސްގެ ފެންވަރު އެނގުނު ނަމަވެސް، ނުކުންނާނީ އިހުތިރާމާއެކު ކަމަށެވެ.

ފްރާންސް ޑިފެންސްގައި ހުރި ބަލިކަށިކަން ފާހަގަކޮށްދިނުމަށް އެދުމުން ޕޮޓާ ވަނީ ފްރާންސް ޓީމާ ބެހޭގޮތުން ބަލިކަށިކަމަކީ ބޭނުންކުރާނެ ބަހެއް ނޫން ކަމަށް ބުނެފައެވެ. "ހުރިހާ ދިމާއެއްގައިވެސް ފެންވަރު އެބަހުރި. އަހަރެމެން ޖެހޭ އެންމެ މޮޅު މެޗު ކުޅެން،" ޕޮޓާ ބުންޏެވެ.

ސްވިޑެންގެ އުންމީދުތައް ބިނާވެފައިވަނީ ވޯލްޑް ކަޕްގެ ތަޖުރިބާ މަދު ޒުވާން ސްކޮޑެއްގެ މައްޗަށެވެ. ތަޖުރިބާކާރު ޑިފެންޑަރު ވިކްޓަ ލިންޑެލޮފް އެ ސްކޮޑުގެ ތަނބެއްގެ ގޮތުގައި ހިމެނޭ އިރު، ޖަޕާނާ ދެކޮޅަށް 1-1 އިން އެއްވަރުވި މެޗުގައި ޕޮޓާ ވަނީ ލިންޑެލޮފް މިޑްފީލްޑުގައި ފެށުމަށްފަހު ފަހުން ޑިފެންސަށް ބަދަލުކޮށްފައެވެ. ސްވިޑެން ޓީމުގެ އެންމެ މުހިންމު ޑިޕާޓްމަންޓަކީ އެލެކްސެންޑާ އިސާކް އަދި ވިކްޓާ ޔޮކަރެސް ހިމެނޭ ފޯވަޑްލައިނެވެ.

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ސްވިޑެނުން ފްރާންސާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 2:00 ގައެވެ.