ވޯލްޑް ކަޕްގެ ގަދަ 32 ގެ ސްވިޑެންއާ ދެކޮޅަށް ނުކުންނަ އިރު، ފްރާންސްގެ އެޓޭކިން ސްޓައިލު ދޫކޮށްނުލާނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް ބުނެފިއެވެ.
ގްރޫޕް ސްޓޭޖުގައި ސެނެގާލާއި އިރާގު އަދި ނޯވޭ ބަލިކޮށް ދިހަ ގޯލު ޖަހައި ނުވަ ޕޮއިންޓާއެކު ފްރާންސް ގްރޫޕުގެ އެއްވަނައިގައި ނިންމާލި އިރު، މެޗުތަކުގައި ފްރާންސް ކޮޅަށް ގޯލު ޖެހުމަށް އިދިކޮޅު ޓީމުތަކަށް ފުރުސަތުތައް ތަނަވަސްވެފައިވެއެވެ.
"އަހަރެމެން ޖެހޭނެ އިތުރު ގޯލު ޖަހަން. އަހަރެމެންނަށް ކުރެވޭ ކަންކަން ދޫކޮށެއް ނުލެވޭނެ. ނުރައްކާ އުފައްދައި ވާދަވެރިންނަށް ނުރައްކާކުރުމުގެ ގާބިލުކަން އަހަރެމެންގެ އެބަހުރި. އެއީ އަހަރެމެންގެ ބާރު، އެ ބާރު ދަމަހައްޓަން ބޭނުންވޭ،" ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޝޯމް ބުންޏެވެ.
ފްރާންސްގެ މިޑްފީލްޑަރު އެޑްރިއެން ރަބިއޯ ބުނީ ގްރޫޕް ސްޓޭޖުގައި ޓީމުގެ ބެލެންސް ގެއްލިފައި އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށާއި ނަމަވެސް ނޮކްއައުޓް ބުރަކީ ގްރޫޕް ސްޓޭޖާ ތަފާތު މަރުހަލާއެއް ކަމުން ބައެއް ކަންކަން ބަދަލުކުރަން ޖެހިދާނެ ކަމަށެވެ. ޔޫރޯ 2020 ގައި ސްވިޒެލެންޑް އަތުން ގަދަ 16 ގައި ބަލިވި ހިތި ތަޖުރިބާ އިން ފިލާވަޅު ލިބިފައިވީ ނަމަވެސް، ސްވިޑެންއަށް އިހުތިރާމު ކުރާނެ ކަމަށް ރަބިއޯ ބުންޏެވެ.
"ސްވިޒެލެންޑާ ދެކޮޅަށް އަހަރެމެން ތަންކޮޅެއް ދަށްކޮށް ކުޅުނީމަ އޭގެ ގެއްލުން ދެއްކި. އެންމެ މެޗަކުން ކޮންމެ ކަމެއް ވެސް ވެދާނެ،" ރަބިއޯ ބުންޏެވެ.
ޑިޝޯމް ވެސް ވަނީ ސްވިޑެންގެ ނުރައްކާތެރިކަން ފާހަގަކޮށް އެ ޓީމުގެ ހަލުވިކަމާއި ކައުންޓާ އެޓޭކާއި ސެޓް ޕީސްތަކުގެ ނުރައްކާ ފާހަގަކޮށްފައެވެ. "އެ ޓީމުން ފަހަތަށް ޖެހިގެން ޑިފެންޑް ކުރޭ، އަދި ޖާގަ ލިބޭ ވަގުތު ނުރައްކާތެރި. ސެޓް ޕީސް އާއި ދުރު އެއްލުންތަކަށް ވެސް ވަރަށް މޮޅު،" ޑިޝޯމް ބުންޏެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ގައި ފްރާންސުން ސްވިޑެންއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ ދަންވަރު 2:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް