ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި ޕެނަލްޓީ ޖަހައިގެން ޕެރެގުއާއީ އަތުން ޖަރުމަނު ބަލިވެ މުބާރާތުން ކެޓި ނަމަވެސް، ޖަރުމަނުގެ ކޯޗު ޔޫލިއަން ނާގެލްސްމަން މަގާމުގައި ދެމިހުންނަން ބޭނުންވާ ކަމަށް އޭނާ ބުނެފިއެވެ.
ޖަރުމަން ޓީމާ އުމުރުން 38 އަހަރުގެ ނާގެލްސްމަން ހަވާލުވީ 2023 ވަނަ އަހަރުއެވެ. ގަދަ 32 ގެ މެޗާއެކު އޭނާ ވެގެންދިޔައީ 40 އަހަރު ތެރޭ ވޯލްޑް ކަޕް ނޮކްއައުޓް މެޗެއްގައި ކޯޗުކޮށްދިން އެންމެ ޒުވާން ކޯޗަށެވެ. ނަމަވެސް ޖެހިޖެހިގެން ތިންވަނަ ވޯލްޑް ކަޕެއްގައި ޖަރުމަނު ކުރީކޮޅުގައި ކެޓުމާއެކު އޭނާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވެއެވެ. ޖަރުމަނު ވަނީ 2018 އާއި 2022 ގައި ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.
ވޯލްޑް ކަޕްގެ ޕެނަލްޓީ ޝޫޓްއައުޓެއްގައި ޖަރުމަނު ބަލިވި މިއީ ފުރަތަމަ ފަހަރެވެ. ޕްރެޝަރުގައި ޕެނަލްޓީ ޖެހުމުގައި ކާމިޔާބު ޓީމެއްގެ ގޮތުގައި މަޝްހޫރުވެފައިވީ ނަމަވެސް ކައި ހެވާޓްޒް އާއި ނިކް ވޮލްޓެމޭޑް އާއި ޖޮނަތަން ޓާ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ނުކުރެވުނެވެ.
"މިކަން މިހާރު އޮތީ އަހަރެންގެ އަތް މަތީގައެއް ނޫން. އެކަމަކު އަހަރެން މަގާމުގައި ބަހައްޓަން ބޭނުންވާ ނަމަ އަހަރެން ތައްޔާރު،" ނާގެލްސްމަން ބުންޏެވެ.
ނާގެލްސްމަން ބުނީ ޖަރުމަން ޓީމާއެކު ކުރިއަށްދާން ބޭނުންވާ ކަމަށާއި އޭނާއަކީ ފިލައިގެން ދާނެ މީހެއް ނޫން ކަމަށެވެ. އަދި ޖަރުމަން ފުޓުބޯޅަ ފެޑެރޭޝަނުން ބޭނުންވާ ނަމަ، ޔޫރޯ އާއި ނޭޝަންސް ލީގަށް ތައްޔާރުވާނެ ކަމަށް އޭނާ ބުންޏެވެ.
"މި މުބާރާތުގައި މިއަށް ވުރެ ބޮޑު ކާމިޔާބީ ހޯދެން އޮތް. ގަދަ 16 ގެ ބުރުގައި ފްރާންސާ ދެކޮޅަށް ކުޅެން ބޭނުންވި. ނަމަވެސް މިވަރު އެކަށީގެންވާ ވަރަކަށް ނުފުދޭ،" އޭނާ ބުންޏެވެ.
މުބާރާތް ފެށުމުގެ ކުރިން ނާގެލްސްމަން ތަކުރާރުކޮށް ބުނެފައިވަނީ ފަސްވަނަ ވޯލްޑް ކަޕް ހޯދައި ދުނިޔޭގެ ފުޓުބޯޅައިގައި ޖަރުމަނުގެ ނަން އިއާދަކުރުމުގެ އަމާޒުގައި ހުރި ކަމަށެވެ. ޖަރުމަނުން 2014 ގައި ހަތަރުވަނަ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ފައިނަލަކަށް ދެވިފައެއް ނުވެއެވެ. ނާގެލްސްމަންގެ ކޯޗުކަމުގައި ޔޫރޯ 2024 ގައި އަމިއްލަ ގައުމުގައި ކުޅެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް