ވޯލްޑް ކަޕް 2026 ގައި ޕެނަލްޓީ ޝޫޓްއައުޓްގައި ވަރުގަދަ ޖަރުމަން ބަލިކޮށް، ޕެރަގުއާއީ އިން ގަދަ 16 އަށް ދަތުރުކޮށްފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ ޖަރުމަންގެ 21 ވަނަ ވޯލްޑް ކަޕެވެ. ޖަރުމަނުން ފުރަތަމަ ކުޅުނު ދެ ވޯލްޑް ކަޕަކީ 1934 އަދި 1938 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ ވޯލްޑް ކަޕަށް ޖަރުމަނު ނުކުތީ "އޯލް ޖާމަން" ޓީމަކާއެކުގައެވެ. 1934 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ޖަރުމަނުގެ ފުޓުބޯޅަ ބަދަލުވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުއެވެ. ފުޓުބޯޅަ ތިން ގައުމަކަށް ބައިވެ، ގައުމީ ތިން ޓީމެއް އުފެދުނެވެ. އެ ސަބަބާހުރެ އެގައުމު 1950 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިވެސް ނުކުރިއެވެ.
ޖަރުމަނުގެ ފުރަތަމަ ދެ ވޯލްޑް ކަޕް ހޯދީ ވެސްޓް ޖާމަނީގެ ނަމުގައެވެ. އެއީ 1954 ވަނަ އަހަރާއި 1974 ވަނަ އަހަރުއެވެ. ޖަރުމަނުން ތިންވަނަ ވޯލްޑް ކަޕް ހޯދީ 1990 ވަނަ އަހަރުއެވެ. ވެސްޓް ޖަރުމަނަކީ އޭރު ފުޓުބޯޅައިގެ އެންމެ ވަރުގަދަ ނަމެވެ.
އޭގެފަހުން ކޯޗު ޔޮކިމް ލޯއާއެކު ނުކުތް ޒުވާން އިންގިލާބީ ޓީމުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރީ ތާރީހީ ނަތީޖާތަކެއް މުބާރާތުގައި ނެރެފައެވެ. އެފަހަރު އޮތް ރަން ޓީމަށް އޮއްސުން އައީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައެވެ. އެ ވޯލްޑް ކަޕާއި ގަތަރު ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ޖަރުމަނު ކަޓައިގެން ދިޔައީ ހިތްދަތިކޮށެވެ. އެއީ 80 އަހަރު ތެރޭގައި ޖަރުމަނަށް ވޯލްޑް ކަޕެއްގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސް ކަމެވެ.
ދެކުނު އެމެރިކާއަށް ނިސްބަތްވާ ޕެރަގުއާއީން މިހާތަނަށް އަށް ފަހަރު ވޯލްޑް ކަޕްގައި ކުޅެފައިވެއެވެ. އެޓީމަކީ ފުރަތަމަ ބޭއްވި 1930 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުމުގެ ޝަރަފު ވެސް ހޯދި ޓީމެކެވެ. ދެކުނު އެމެރިކާގެ ޗެމްޕިއަންކަން 1979 އަދި 1953 ވަނަ އަހަރު ހޯދި ޕެރަގުއާއީ 1950 ވަނަ އަހަރާއި 1958 ވަނަ ވޯލްޑް ކަޕްގައިވެސް ކުޅުނެވެ.
އޭގެފަހުން މެދުކެނޑުމަކަށްފަހު 1986 ވަނަ އަހަރު ވޯލްޑް ކަޕް ގަދަ 16 އަށް ދަތުރުކުރި އިރު، 1998 ވަނަ އަހަރުން 2010 ވަނަ އަހަރާ ދެމެދުވެސް ޕެރަގުއާއީ ވޯލްޑް ކަޕްގައި ކުޅުނެވެ. އެންމެފަހުން ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެ، ޕެރަގުއާއީ ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ. އެއީ އެޓީމުގެ އެންމެ ބޮޑު ކާމިޔާބީއެވެ.
ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުން ޖަރުމަން ޖާގަ ހޯދާފައިވަނީ ހަ ޕޮއިންޓާއެކު "ގްރޫޕު އީ" ގެ އެއްވަނަ ހޯދައިގެންނެވެ. ޖަރުމަންގެ ފުރަތަމަ މެޗުގައި ކިއުރަސާއޯ އަތުން ބޮޑު ތަފާތަކުން މޮޅުވި އިރު، އައިވަރީ ކޯސްޓް އަތުން ފަހުވަގުތު ވަނީ މޮޅެއް ހޯދައިފައެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި އެކުއެޑޯ އަތުން ޖަރުމަން ވަނީ ބަލިވެފައެވެ. މިއީ ވޯލްޑް ކަޕް 2014 ގެ ކާމިޔާބީއަށްފަހު ނޮކްއައުޓް ބުރެއްގައި ޖަރުމަން ފެންނަ ފުރަތަމަ ފަހަރެވެ.
ގަދަ 32 ގެ ބުރުން ޕެރަގުއާއީ އިން ޖާގަ ހޯދާފައިވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ޕެރަގުއާއީ އިން "ގްރޫޕު ޑީ" ގެ ތިންވަނައިގައި ނިންމާލީ ހަތަރު ޕޮއިންޓާއެކުއެވެ. ފުރަތަމަ މެޗުގައި އެމެރިކާ އަތުންް ޕެރަގުއާއީ ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ތުރުކީ ބަލިކުރިއެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި އޮސްޓްރޭލިއާ އަތުން ޕޮއިންޓެއް ހޯދިއެވެ. މިއީ 16 އަހަރުގެ ތެރޭގައި ޕެރަގުއާއީ އިން ނޮކްއައުޓް ބުރެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ޖަރުމަނުން ފާހަގަކޮށްލެވެނީ ދެ ބަދަލެކެވެ. އެއީ ޖަމާލް މުސިއާލާގެ ބަދަލުގައި ޑެނިޒް އުންޑާވްއަށް ފުރުސަތު ދިނުމާއި އަލުން ނެތެނިއެލް ބްރައުންއަށް ފުރުސަތު ދިނުމެވެ. އުންޑާވް އަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ގްރޫޕު ސްޓޭޖުގައި ޖަރުމަނަށް ތިން ގޯލު ކާމިޔާބުކޮށްދީފައިވާ ފޯވަޑެވެ. ކިއުރަސާއޯ ކޮޅަށް އެއް ގޯލު ކާމިޔާބުކޮށްދިން އިރު، އައިވަރީ ކޯސްޓު ކޮޅަށް ދެ ގޯލު ޖަހައިދީ ޖަރުމަނަށް މޮޅު ޔަގީންކޮށްދިނީ ވެސް އޭނާއެވެ.
ޖަރުމަންގެ ފުރަތަމަ 11 ގައި އެޓޭކުގައި އުންޑާވް އާއި ކައި ހަވާޓްޒް އާއި ފްލޯރިއަން ވާޓްޒް އަދި ލެރޯއީ ސާނޭ ހިމެނުނު އިރު، މިޑްފީލްޑްގައި ފެލިކްސް މެޗާ އަދި އެލެކްސެންޑާ ޕަވްލޮވިޗް ފާހަގަކޮށްލެވުނެވެ. ޑިފެންސްގައި ހިމެނުނީ ބްރައިންގެ އިތުރުން ޖޮނަތަން ޓާ، އެންޓޯނިއޯ ރުޑިގާ އަދި ކެޕްޓަން ޖޯޝުއާ ކިމިޗް އެވެ. މިރޭގެ މެޗުގައި ވެސް ޖަރުމަންގެ ގޯލު ބެލެހެއްޓީ ތަޖުރިބާކާރު މެނުއެލް ނޯޔާ އެވެ.
ޕެރަގުއާއީ އިން ސަސްޕެންޝަނަށްފަހު، އެޓީމުގެ ތަރި މިގެލް އަލްމިރޮން ވަނީ ފުރަތަމަ 11 ގައި ހިމަނައިފައެވެ. އޭގެ އިތުރުން މެޓިއަސް ގަލާޒާ، ހޫލިއޯ އެންސީސޯ، ގެބްރިއެލް އަވަލޯސް އަދި ހުއާން ހޯސޭ ކަސެރޭސް ފަދަ ޓީމުގެ މުހިންމު ކުޅުންތެރިން ވަނީ ފުރަތަމަ 11 ގައި ހިމަނައިފައެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ޖަރުމަނާއި ޕެރަގުއާއީ މިރޭ ކުޅުނު ގަދަ 32 ގެ މެޗުގެ ފުރިހަމަ ވަގުތު އަދި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނު އިރުވެސް 1-1 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަންގެ މައްޗަށް ޕެރަގުއާއީ އިން ކުރި ހޯދީ 3-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ޖަރުމަނުގެ ގޯލަށް ޕެރަގުއާއީ އިން ނުރައްކާކުރިއެވެ. ހޫލިއޯ އެންސީސޯ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޖޫނިއޯ އަލޮންސޯ ފޮނުވާލި ހަމަލާ، ޖަރުމަން ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފައެވެ. އެ ބޯޅަ އަލޮންސޯއަށް ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ.
ހައިޑްރޭޝަން ބްރޭކާ ހަމައަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރި ނަމަވެސް، ޕެރަގުއާއީގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. ހާއްސަކޮށް ޕެރަގުއާއީގެ ވަރުގަދަ ފިޒިކަލް ކުޅުމާ ގުޅިގެން އެކަމުގެ އުނދަގޫތަކެއް ޖަރުމަނަށް ވަނީ ކުރިމަތިވެފަައެވެ.
ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ޕެރަގުއާއީ އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މެޓިއަސް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޕެރަގުއާއީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހޫލިއޯ އެންސީސޯ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޖަރުމަނަށް ނަތީޖާ ހަމަހަމަކުރުމަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މެޗާ ފޮނުވާލި ހަމަލާ ޕެރަގުއާއީ ޑިފެންޑަރު ހޯސޭ ކެނޭލް ބްލޮކްކުރި އިރު، އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ކިމިޗް ފޮނުވާލި ހަމަލާ، ޕެރަގުއާއީ ކީޕަރު އޯލެންޑޯ ހިލް ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕެރަގުއާއީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ޖަރުމަން ވަރަށް ކުރިއަށް ޖެހި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް، ފުރަތަމަ ފުރުސަތު ތަނަވަސްކޮށްފައިވަނީ ޕެރަގުއާއީ އިންނެވެ. ދެވަނަ ހާފުގެ ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ކިމިޗްއަށް ހެދުނު ގޯހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެންސީސޯ ފޮނުވާލި ހަމަލާ، ޖަރުމަން ކީޕަރު ނޯޔާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ފްލޯރިއަން ވާޓްޒް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ބޮލުން ޖައްސާލައި ޕެރަގުއާއީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަރުމަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. މިއީ މި ވޯލްޑް ކަޕްގައި ހަވާޓްޒް ޖެހި ތިންވަނަ ގޯލެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ޖަރުމަން ފޯވަޑް ހަވާޓްޒްއަށް އިތުރު ގޯލެއް ޖަހައި ޖަރުމަނަށް ލީޑު ހޯދައިދިނުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ވާޓްޒް ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ހަވާޓްޒް ބޮލުން ފޮނުވާލި ހަމަލާ، ޕެރަގުއާއީގެ ކީޕަރު ހިލް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
މަސައްކަތްތަކަކަށްފަހު އިތުރު ވަގުތުގެ ތެރޭގައި ޖަރުމަނަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ 119 ވަނަ މިނެޓުގައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވޯލްޑެމާ އެންޓޮން ބޮލުން ފޮނުވާލި ހަމަލާ، ޕެރަގުއާއީ ކީޕަރު ހިލް ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ނަދީމް އަމީރީ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ޕެރަގުއާއީގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން، ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްއަށް ދާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަންގެ ކައި ހަވާޓްޒް އާއި ނިކް ވޯލްޓްމާޑްގެ ޕެނަލްޓީ، ޕެރަގުއާއީގެ ކީޕަރު ހިލް ވަނީ މަތަކޮށްފައެވެ. އަދި ޖޮނަތަން ޓާގެ ޕެނަލްޓީ، ގޯލާ އަމާޒުވެފައެއް ނުވެއެވެ. ޖަރުމަންގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޯޝުއާ ކިމިޗް އާއި ޖަމާލް މުސިއާލާ އަދި ނަދީމް އަމީރީ އެވެ.
ޕެރަގުއާއީގެ އެންޓޯނިއޯ ސަނަބްރިއާގެ ޕެނަލްޓީ ބާރަށް ދިޔަ އިރު، ފަބިއަން ބަލްބުއޭނާގެ ޕަނަލްޓީ ޖަރުމަން ކީޕަރު ނޯޔާ ވަނީ މަތަކޮށްފައެވެ. ޕެރަގުއާއީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މައުރީސިއޯ އާއި ގުސްޓާވޯ ގޮމޭޒާއި މަޓިއަސް ގަލާޒާ އަދި ޖޯސޭ ކަނާލޭއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް