ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ ކޯޗުކަމުގައި ހުރެ، ވަކި މީހަކަށް ވަކި ކަމެއް ސާބިތުކޮށްދިނުމުގެ މަގުސަތުގައި މަސައްކަތްތަކެއް ކުރަން ބޭނުން ނުވާ ކަމަށް ކޯޗު ޔޫލިއަން ނާގެލްސްމަން ބުނެފިއެވެ.
ނާގެލްސްމަން ޖަރުމަނާ ހަވާލުވީ 2023 ވަނަ އަހަރު ސެޕްޓެމްބަރު މަހުއެވެ. މިއީ އޭނާއާއެކު ޖަރުމަނުން ނުކުތް ފުރަތަމަ ވޯލްޑް ކަޕެކެވެ. ނާގެލްސްމަންގެ ޖަރުމަނުން ވަނީ މިދިޔަ ދެ ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔުމުގެ ހިތްދަތިކަން ހަނދާން ނައްތާލައިފައެވެ. 2018 އަދި 2022 ވަނަ އަހަރު ވޯލްޑް ކަޕްގައި ޖަރުމަނު ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުން ކަމަށްވީ ނަމަވެސް، މިފަހަރު ގަދަ 32 އަށް އެޓީމު ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޔަގީންކޮށްގެންނެވެ.
ފުރަތަމަ މެޗުގައި ކިއުރަސާއޯ ކައިރިން 7-1 އިން މޮޅުވި އިރު، ދެވަނަ މެޗުގައި އައިވޮރީ ކޯސްޓް ބަލިކުރީ 2-1 އިންނެވެ. އެހިސާބުން ގްރޫޕްގެ އެއްވަނައާއި ގަދަ 32 ގެ ބުރު ޔަގީންވެފައި އޮވެގެން ޖަރުމަނު ނުކުތީ އެކުއެޑޯއާ ދެކޮޅަށެވެ. އެމެޗުން ޖަރުމަނު ބަލިވީ 2-1 އިންނެވެ.
މިފަހަރު ވޯލްޑް ކަޕްގައި ޖަރުމަނަށް އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔަކީ ބަދަލަކަށް އަރައި ތަފާތު ގެންނަ ޑެނިޒް އުންޑާވް ކަމަށްވީ އިރު، އޭނާ ފުރަތަމަ 11އަށް ނުލާ ސަބަބު ނޭނގޭ ކަމަށް ބުނެ ގިނަ ސަޕޯޓަރުން ވަނީ ފާޑު ކިޔައިފައެވެ. އަދި ޖަމާލް މުސިއާލާ އާއި ފްލޯރިއަން ވާޓްސްއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކާ ހާލަތުގައިވެސް ފުރަތަމަ 11 އަށް ނެރޭތީ އެކަމަށްވެސް ވަނީ ފާޑު ކިޔުންތައް އަމާޒުވެފައެވެ.
"އަހަންނަކަށް ހީޔެއް ނުވޭ، އެއްވެސް މީހަކަށް އެއްވެސް ކަމެއް ސާބިތުކޮށްދިނުމަކީ އަހަރެންގެ ޒިންމާއެއް ހެނެއް. މެޗުން މޮޅުވުމަކީ ޓީމުގެ މޮޅުވުމެއް. އަހަރެމެން ދަނޑު މައްޗަށް ގެންނަން ޖެހެނީ ރަނގަޅު މާހައުލެއް. އެއީ މި ގްރޫޕް އެކުގައި އޮތުމުން ލިބޭ އެއްޗެއް. ވަކި ބަދަލެއް ގެނެސްގެން، ބަޔަކަށް އެއްޗެއް ސާބިތުކޮށްދޭކަށް ނުޖެހޭ. މި ޓީމު މޮޅުވާނީ،" ވޯލްޑް ކަޕްގައި ފެނިގެންދާ އެންމެ ޒުވާން ކޯޗު، ނާގެލްސްމަން ބުންޏެވެ.
ނާގެލްސްމަން ބުނީ ޕަރަގުއާއީގެ ނުރައްކަލަށް ސަމާލުވާނެ ކަމަށާއި ޖަރުމަނަށް މޮޅުވާން "އެކްސްޕެކްޓޭޝަން"ތަކެއް ހުއްޓަސް، މެޗު ވެގެންދާނީ ވާދަވެރި، ދެ ޓީމަށް ވެސް ފުރުސަތު އޮންނަ މެޗަކަށް ކަމަށްވެސް ނާގެލްސްމަން ބުންޏެވެ.
ނާގެލްސްމަން ބުނީ ގައުމީ ޓީމާއެކު ނުކުންނަ އެއްވެސް މެޗެއްގައި ބަލިވާން، ނޫނީ އެއްވަރުވާން ނުވިސްނާނެ ކަމަށާއި މީހުން ކުރާ އުންމީދުތަކާ އެއްވަރަށް ނުދިޔަ ނަމަވެސް ބޭނުމަކީ މޮޅުވުން ކަމަށެވެ.
ޖަރުމަނާއި ޕަރަގުއާއީ ވާދަކުރާ ގަދަ 32 ގެ މެޗު އޮންނާނީ މިރޭ މެންދަމު 1:30 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް