މިއަހަރު ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި މިރޭ ބްރެޒިލާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗު ޕެނަލްޓީއަށް ގޮސްފިނަމަ، ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނިންމާނީ އަމިއްލައަށް ކަމަށް ކޯޗު، ހަޖިމޭ މޮރިޔަސޫ ބުނެފިއެވެ.

ޖަޕާނުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކެޓީ ޕެނަލްޓީގައި ކްރޮއޭޝިއާ ކައިރިން ބަލިވެގެންނެވެ. އެފަހަރު ގަދަ 16 ގައި ޖަޕާނުން ކްރޮއޭޝިއާ ކޮޅަށް ޖެހި ތިން ޕެނަލްޓީއެއް ވަނީ ނާކާމިޔާބުވެފައެވެ. ކޯޗު މޮރިޔަސޫ ބުނީ އެ މެޗުގައި ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނިންމީ ކުޅުންތެރިން އަމިއްލަ އިސްނެގުމަށް ބަލައިގެން ކަމަށެވެ.

"މިފަހަރުވެސް ޕެނަލްޓީއާ ހަމައަށް ދިޔުމުގެ ފުރުސަތެއް އެބައޮތް. އެހިސާބަށް ގޮސްފިނަމަ ގޮތް ނިންމާނީ އަހަރެން. ކުޅުންތެރިން އަމިއްލައަށް އިސް ނަގަން ބުނުމުގެ ބަދަލުގައި ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނިންމާނީ އަހަރެން އަމިއްލައަށް،" ޖަޕާނުގެ ކޯޗު މޮރިޔަސޫ ބުންޏެވެ.

ޖަޕާނުން ބްރެޒިލް ބަލިކުރަން މިރޭ ނުކުންނަ އިރު، މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭގައި އެޓީމުން ވަނީ ބޮޑެތި ބާރުތަކެއްގެ މައްޗަށް ކުރި ހޯދައިފައެވެ. އެގޮތުން ޖަރުމަނާއި ސްޕެއިންގެ އިތުރުން އިންގްލެންޑް ފަދަ ގައުމުތައްވެސް ޖަޕާނުން ބަލިކޮށްފައިވާ އިރު، މިދިޔަ އޮކްޓޯބަރު ކާލޯ އެންޗެލޮޓީގެ ބްރެޒިލްގެ މައްޗަށްވެސް އެކުވެރިކަމުގެ މެޗެއްގައި ޖަޕާނުން ކުރި ހޯދިއެވެ. އެއީ 3-2 ގެ ނަތީޖާއަކުންނެވެ.

މޮރިޔަސޫ އިތުރަށް ބުނީ މިފަހަރު ވޯލްޑް ކަޕަކީ ވަރުބަލިކަން އިތުރު ވޯލްޑް ކަޕެއް ކަމަށެވެ. އެއީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ދަތުރުތައް ގިނަވުމުން ކަމަށާއި، އެހާ އުނދަގޫ ހާލަތެއްގައި ބްރެޒިލް ވާނީ ބޮޑު ޗެލެންޖަކަށް ކަމަށްވެސް މޮރިޔަސޫ ބުންޏެވެ.

ޖަޕާނުން މިފަހަރު ވޯލްޑް ކަޕާ ކުރިމަތިލީ މުބާރާތުގެ ކުރިންވެސް އަނިޔާގެ މައްސަލަތަކެއްގައި އޮވެގެންނެވެ. އޭގެ އިތުރުން މުބާރާތުގެ ތެރެއިން އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ޓަކެފޫސާ ކޫބޯއަށް އަނިޔާވެފައިވާ އިރު، މިރޭ 10:00 ގައި އޮންނަ މެޗުގައިވެސް އޭނާ ނުކުޅޭނެއެވެ.