މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔައި ދެކުނު ކޮރެއާ ޓީމަށާއި ކޯޗު ހޮންގް ޔުންގް-ބޯ އަށް އެގައުމުގެ ރައީސް ލީ ޖައި ޔުންގް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރެއްވުމުން، ކޯޗު އިސްތިއުފާ ދީފިއެވެ.

ދެކުނު ކޮރެއާއިން މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުގައި ޗެކް ރިޕަބްލިކް ކައިރިން 2-1 އިން މޮޅުވި ނަމަވެސް ދެން ކުޅުނު ދެ މެޗުންވެސް ވީ ބައްޔެވެ. އެއީ މެކްސިކޯ ކައިރިން 1-0 އިން އަދި ދެކުނު އެފްރިކާ ކައިރިންވެސް 1-0 އިންނެވެ. އެ ނަތީޖާއާ އެކު ދެކުނު ކޮރެއާއިން ތިންވަނައިގައި ނިންމާލި އިރު، އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ވެސް އެޓީމަށް ގަދަ 32އަށް ދެވޭ ގޮތެއް ނުވިއެވެ.

"އަހަރެން މިހުރީ ހައިރާންވެ ރުޅި ގަދަވެފައި. މިއީ އުންމީދުކުރި ނަތީޖާއެއް ނޫން. އަނެއްކާވެސް މި ފެނިގެން ދިޔައީ ގާތް މީހުންނަށް ފޭވާ ކުރުމުން ދިމާވާ މައްސަލަތައްް. މިއީ ނާގާބިލު މީހަކާ ޓީމު ހަވާލުކުރެވުމުން ވީ ކަންތައް. އޭނާ މި ޓީމުގެ މައްޗަށް އަމިއްލަ އެދުން އިސްކުރި،" ރައީސް ލީ ކުރެއްވި ޕޯސްޓެއްގައިވެއެވެ.

އެގައުމު 2002 ވަނަ އަހަރު ވޯލްޑް ކަޕް ސެމީ ފައިނަލަށް ގޮސް ތާރީހު ލިޔެލި އިރު، އެޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ބޯ، 2024 ވަނަ އަހަރު ޓީމުގެ ކޯޗުކަމާ ހަވާލުވުމުން އެކަމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން އެއީ އުސޫލުން ބޭރުން ވަކި މީހަކަށް މޮޅު ގޮތެއް ހޯދައިދޭން ނިންމި ނިންމުމެއް ކަމަށް މީޑިއާތަކުން ފާޑު ކިޔާފައިވެއެވެ.

ރައީސް ލީ ވިދާޅުވީ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހުނު ގޮތް ހޯދައި ބެލުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީއަށް ހާއްސަ ރިޕޯޓެއް އެކުލަވާލަން އަންގަވާފައިވާ ކަމަށެވެ.

ރައީސްގެ އެ ބަސްފުޅުތަކާ އެކު ކޯޗު ބޯ ވަނީ މަގާމު ދޫކޮށްލައިފައެވެ. އޭނާ ބުނީ ކޯޗުކަން ދޫކޮށްލީ ސަޕޯޓަރުން ބޭނުންވާ ނަތީޖާ ނުލިބުމުން ކަމަށާއި އެއްވެސް ހާލަތެއްގައި އެހެން ބަޔަކު ދެއްކި ވާހަކަތަކަކުން ނޫން ކަމަށެވެ. އަދި މިފަހަރުގެ ފެއިލިއާއަކީ އޭނާގެ ފެއިލިއާއެއްކަން ގަބޫލުކުރާ ކަމަށްވެސް ކޯޗު ބޯ ވަނީ ބުނެފައެވެ.