ވޯލްޑް ކަޕް 2026 ގެ ވަރުގަދަ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމިއްޖެއެވެ. ޖުމުލަ 72 މެޗު ގްރޫޕް ސްޓޭޖުގައި ކުޅެފައިވާ އިރު، މިއީ ވޯލްޑް ކަޕްގެ ރެކޯޑެކެވެ. 48 ގައުމާއެކު މިފަހަރު ފެށި ވޯލްޑް ކަޕަކީ އެންމެ ބޮޑު ވޯލްޑް ކަޕަށްވީ އިރު، މިއީ ގްރޫޕް ސްޓޭޖެއްގައި އެ އަދަދަށް މެޗު ކުޅުނު ފުރަތަމަ ފަހަރެވެ. ތިން ގައުމެއްގައި މުބާރާތް ކުރިއަށްދާ އިރު، ތިން ގައުމެއްގައި ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވިއެވެ. އަދި މެޗުތައް ކުޅެވޭ ދުރުމިނަށް ބަލާއިރުވެސް މިއީ އާދައިގެ ވޯލްޑް ކަޕެއް ނޫނެވެ. 16 ސިޓީއެއްގައި މެޗުތައް ކުޅޭ އިރު، އެއް ސިޓީން އަނެއް ސިޓީއާ ދޭތެރޭ ހުރި ދުރުމިނަކީ މި ވޯލްޑް ކަޕް އެންމެ އަގުބޮޑު ވޯލްޑް ކަޕަށްވެސް ވީ އެއް ސަބަބެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ކުރިއަށްދިޔަ އިރު، ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދެކެވުނު ވާހަކައަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުރިހާ ދިމަލަކުން ފެންނަ ވާހަކައެވެ. ގިނަ މެޗުތަކެއްގެ ތެރެއިން އޭނާ ޓީވީންވެސް ފެނުނެވެ. އަދި އެތައް މެޗަކަށް ގޮސް އިންސްޓަގްރާމަށް ޕޯސްޓްކޮށް، ފީފާ ރައީސް އުޅުއްވަނީ ނިކަން ހަކަތަ ވަރުގަދަ ކޮށެވެ.
އޭނާ ދިޔަ ސީދާ މެޗުގެ އަދަދު ސާފުކޮށް ފީފާއިން ހާމަކޮށްފައި ނުވި ނަމަވެސް ފޮޓޯތަކާއި ޕޯސްޓްތައް އަދި ވީޑިއޯތައް ދިރާސާކޮށް، ބީބީސީ ސްޕޯޓްސްއިން ވަނީ އަދަދުތަކެއް ހާމަކޮށްފައެވެ. ފްލައިޓްގެ ތަފްސީލުތައް ފީފާއިން ހާމަ ނުކުރި ނަމަވެސް، ނޫސްތަކުން އެކަން ވަނީ ބަލައި ހޯދައިފައެވެ. އެންމެ ސައްހަ ނޫން ނަމަވެސް، ސީދާ އަދަދު ބީބީސީންވެސް ވަނީ ދީފައެވެ.
ޖުމުލަ 24 މެޗެއް ބަލަން، 27 ދަތުރެއް
މިފަހަރު ވޯލްޑް ކަޕް ފެށުމުގެ ކުރިން ފީފާއިން ބުނެފައި ވަނީ އިންފަންޓީނޯ މަސައްކަތް ކުރާނީ ދުވާލެއްގެ މައްޗަށް ދެ މެޗެއް ދެވޭތޯ ކަމަށެވެ. އެއީ ކިހާ ދުރުމިނެއްގެ ސިޓީތަކަށް ކަމެއް އޭރު ހާމަކޮށްފައެއް ނުވެއެވެ. ބީބީސީން ބުނެފައި ވަނީ އިންފަންޓީނޯ އެއަށްވުރެވެސް ގިނަ ދަތުރުކުރި ކަމަށާއި، ބައެއް ދުވަސް ދުވަހު ތިން ދަތުރުވެސް ކޮށްފައިވާ ކަމަށެވެ. އެ ދަތުރުތައް އިންފަންޓީނޯ ކޮށްފައި ވަނީ ގަތަރު އެއާވޭސްއުން އެގްޒެކެޓިކް ޕްރައިވެޓް ޖެޓެއްގައި ކަމަށް ފީފާއިން ކުރިން ބުނެފައިވެއެވެ. އެއީ ސްޕޮންސާޝިޕްގެ ދަށުން އިންފަންޓީނޯއަަށާއި ފީފާގެ ބޭނުންތަކަށް ދީފައިވާ ޖެޓެއް ކަމަށްވެސް ބުނެފައިވެއެވެ.
ވޯލްޑް ކަޕް ތެރޭގައި އެ ޖެޓުގެ ދަތުރުތައް ފީފާއިން ހާމަނުކުރި ނަމަވެސް ބީބީސީން ވަނީ އެ ޖެޓްގެ ނަމްބަރު ޖީ650އީއާރް ފްލައިޓް ރާޑާއިން ޓްރެކް ކޮށްފައެވެ. އެގޮތުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އޭނާ ޖުމުލަ 27 ދަތުރެއް ކުރި އިރު، އެންމެ ދުރު ދަތުރަކަށް ކުރީ ކެނެޑާގެ ވެންކޫވާއިން އެމެރިކާގެ މިޔާމީއަށް ކުރި 2800 މޭލުގެ ދަތުރެކެވެ. އޭގެ އިތުރުން އޭނާ ވަނީ ވަރަށް ކުރު ދަތުރުތައްވެސް ކޮށްފައެވެ. އެގޮތުން ކުރު ބައެއް ދަތުރުތަކަށް ބަލާއިރު ފިލަޑެލްފިއާއިން ނިއު ޖާޒީގެ ޓެޓާބޮރޯ އެއާޕޯޓަށް ގޮސްފައިވެސްވެއެވެ. އެއީ 92 މޭލުގެ ދަތުރެކެވެ.
އިންފަންޓީނޯ އެންމެ ގިނައިން ދަތުރުކުރި ކަމަށް ރެކޯޑުތަކުން ދައްކަނީ 15 ޖޫން ގައެވެ. އެއީ ރޭގަނޑުގެ ދަތުރުތައް ނުލައި، 2،700 މޭލަށެވެ. އެއީ އެމެރިކާ ތެރޭގައި ކުރި ދަތުރުތަކުން އެކަންޏެވެ. އެ ދުވަހު މިޔާމީގައި މިސްރާއި ބެލްޖިއަމް ވާދަކުރި މެޗު ބެލުމަށްފަހު އިންފަންޓީނޯ ވަނީ ލޮސް އެންޖަލަސްގައި ކުރިއަށްދިޔަ އިރާނާއި ނިއު ޒިލޭންޑް ވާދަކުރި މެޗަށްވެސް ގޮސްފައެވެ.
އޭގެ އިތުރުން 26 ވަނަ ދުވަހުވެސް އިންފަންޓީނީ ހަމަ އެ ވަރަށް ދަތުރުކޮށްފައިވެއެވެ. އެއީ ސިއޭޓަލްގައި ފަސް ގަޑިއިރު ހޭދަކުރުމަށްފަހު މިޔާމީއަށް ހެނދުނަށް ދިޔަ ދަތުރެކެވެ.
އިންފަންޓީނޯ ގްރޫޕް ސްޓޭޖުން އެންމެފަހުން ބެލި މެޗަކީ ޕޯޗުގަލްއާއި ކޮލަމްބިއާ ކުޅުނު މެޗެވެ. ބީބީސީން އަންދާޒާ ކޮށްފައިވާ ގޮތުގައި އިންފަންޓީނޯގެ ޖެޓު، ގްރޫޕް ސްޓޭޖުގައި ގާތްގަނޑަކަށް 31،144 މޭލަށް ދަތުރު ކޮށްފައިވެއެވެ. އޭނާ ވައިގެ ތެރޭގައި ގާތްގަނޑަކަށް 66 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށްވެސް އެ ނޫހުން ބުނެއެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުމުން ފާޑުކިޔުން
"ތިމާވެށީގެ ރައްކާތެރިކަމަށް ބެލިޔަސް، އިންސާނީ ހައްގުތަކަށް ބެލިޔަސް، ބަލިތަކާއި ނުކުޅެދުންތެރިކަމަށް ފޯރުކޮށްދޭ އެހީތެރިކަމަށް ބެލިޔަސް، އަހަރެމެން އަހަރެމެންގެ ޒިންމާ މުބާރާތުގެ ތެރެއިން އަދާކުރާނަން،" އިންފަންޓީނީ ވޯލްޑް ކަޕްގެ ކުރިން ބުނެފައިވެއެވެ.
މިހާރު އޭގެ ތެރެއިން އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމުގެ ބައިގައި ފީފާއަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، ފެއިލިވެސް ވެއްޖެއެވެ. އެއީ އިރާންގެ ކަންތައްތައްވެސް އެކުވެގެންނެވެ. ދެން އޮތީ ތިމާވެށީގެ ވާހަކައެވެ. ބީބީސީން ބުނެފައި ވަނީ އިންފަންޓީނޯގެ ޕްރައިވެޓް ޖެޓް ގަޑިއިރަކަށް 1817 ލީޓަރުގެ ތެޔޮ އަންދާ ކަމަށެވެ. މާނައަކީ ހަމައެކަނި ގްރޫޕް ސްޓޭޖުގެ އެކަނި ދަތުރުތަކަށްވެސް 516 ޓަނުގެ ކާބަންޑައިއޮކްސައިޑް އިކުއިވަލެންޓް (ސީއޯ2އީ) އެ ޖެޓުން ބޭރުވެފައިވުމެވެ. އެއީ އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑަށް ބަލައިގެންނެވެ.
އެއީ އަންދާޒާއެކެވެ. އަދި އެހެނިގެން ގޭސްތަކާއެކު އެ ދަތުރުތަކުން ތިމާވެއްޓަށް ލިބުނު ސީދާ ގެއްލުން ބުނެދޭން ނޭނގޭނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރަކު މީހެއްގެ ފަރާތުން 6.5 ޓަނުގެ ކާބަންޑައިއޮކްސައިޑް އެކުއިވަލެންޓް ވައިގެ ތެރެއަށް ބޭރުވާ އިރު، އިންފަންޓީނޯގެ ދަތުރުތަކަށް ކަންބޮޑުވާން ޖެހޭކަމަށް މާހިރުން ބުނެއެވެ.
ފީފާއިން ބޭނުންކުރާ ޖެޓަށް 19 މީހުނަށް އެރޭއިރު، އޭގައި ރަސްމީ ދަތުރުތައް ކުރާކަން މީގެ ކުރިންވެސް ފީފާއިން ހާމަކޮށްފައިވެއެވެެ. އަދި ބައެއް ފަހަރު އަގު ހެޔޮކުރަން ކޮމާޝަލީ ދަތުރުކުރާ ކަމަށްވެސް ފީފާއިން ބުނެފައިވެއެވެ. އެ ދަތުރުތަކުގައި ބައިވެރިވާ ފަރާތްތައް ހާމަކޮށްފައެއް ނުވެއެވެ.
ފީފާއިން 2030 ވަނަ އަހަރާ ހަމައަށް، މިހާރު ބޭރުކުރާ ކާބަން 50 ޕަސެންޓް ކުޑަކޮށް، 2040 ވަނަ އަހަރު ނެޓް ޒީރޯއަށް ޓާގެޓް ކޮށްފައިވާ އިރު، މިފަހަރު ވޯލްޑް ކަޕް ވެފައި ވަނީ އެކަމުގެ ބޮޑު ފެއިލިއާއަކަށް ކަމަށް ކަމާބެހޭ މާހިރުން ފާހަގަކޮށްފައިވެއެވެ. މިފަހަރު ތިމާވެއްޓާ ރައްޓެހި ވޯލްޑް ކަޕަކަށް މަސައްކަތް ކުރާނެ ކަމަށް ބުނެ ފީފާއިން ތިން ކަމަކަމަށް ވައުދުވި އިރު، އެއި ޓީމުތައް ރީޖަނަލީ ހޯސްޓް ކުރުމުގެ އިތުރުން އިލެކްޓްރިކް ކާރު މުބާރާތުގެ ތެރެއިން ބޭނުންކުރުމާއި، ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރުމުގެ އިތުރުން ފެން އަލުން ބޭނުންކުރުން އަދި ކުރިން ހުރި ސްޓޭޑިއަމްތަކުގައި މެޗުތައް ބޭއްވުމަށް ވައުދުވިއެވެ.
އެ ކަންކަމަށް ވައުދުވެ މުބާރާތް ފަށައިގެން މިހާތަނަށް އައިރު، ތަފާސްހިސާބުތަކުން ބުނަނީ މި ވޯލްޑް ކަޕްގެ ކާބަން ފުޓްޕްރިންޓް ނުވަ މިލިއަން ސީއޯ2އީއަށް އަރާނެ ކަމަށެވެ. އެއީ މިދިޔަ ހަތަރު ވޯލްޑް ކަޕަށްވުރެ އިތުރު އަދަދެކެވެ. ސްވިސް ރެގިއުލޭޓަރުން 2023 ވަނަ އަހަރު ބުނީ ގަތަރު ވޯލްޑް ކަޕް ކާބަން ނިއުޓްރަލް ކުރާނެ ކަމަށް ފީފާއިން ދޮގު ހެދި ކަމަށާއި، ވޯލްޑް ކަޕް ބޮޑުކުރުމުން އަންނަ ގެއްލުންތައް އަންދާޒާވެސް ނުކުރާ ކަމަށެވެ.
ކޮންމެއަކަސް އިންފަންޓީނޯ މުޅި އެމެރިކާއާއި ކެނެޑާ އަދި މެކްސިކޯގައި ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރަމުންދާ އިރު، އިންފަންޓީނޯ ކުރީގެ ކުޅުންތެރިންނާއެކު ސެލެބްރިޓީންގެ އިތުރުން މަގުބޫލު ސްޓާރުންނާއެކު އަބަދު ފެންނަ ގޮތަކީ މިއީއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް