ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖޭގައި އޮސްޓްރިއާއާއި އަލްޖީރިއާ ވާދަކުރި މެޗު 3-3 އިން އެއްވަރުވުމާ އެކު އެ ދެ ޓީމު ވެސް ގަދަ 32 ގެ ބުރަށް ދަތުރު ކޮށްފައިވާ އިރު، އެމެޗުން އެންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވީ އިރާނަށެވެ.
ކެންސަސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ނަތީޖާއާ އެކު ގްރޫޕް ސްޓޭޖު ނިމި، ގަދަ 32 ޔަގީންވެފައިވާ އިރު، މެޗުގެ ފަހު ކަށިގަނޑާ ހަމައަށް ގަދަ 32 ގެ އުންމީދު ކުރި އިރާނަށް ވަނީ ހަނި ގޮތަކަށް އެ ފުރުސަތު ގެއްލިފައެވެ. އިރާނުން މިފަހަރު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ތިން ޕޮއިންޓާ އެކު، އެންމެ ނަތީޖާ ރަނގަޅު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 32 އަށް ދާން މަސައްކަތް ކުރި އިރު، އިރާނަށް އެކަން ނުވާން އޮތީ އެންމެ ނަތީޖާއެކެވެ. އެއީ އޮސްޓްރިއާއި އަލްޖީރިއާ އެއްވަރުވުމެވެ.
ރޭގެ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލްޖީރިއާއިން ފަހަތުން އަރައި ލީޑު ނެގިތަނުން އިރާނަށް ފުރުސަތު ލިބުނުހެން ހީވި ނަމަވެސް، އެކަން ނުވެ ދިޔައީ އޮސްޓްރިއާ އަނެއްކާވެސް ގޯލެއް ޖަހައި އެއްވަރުވުމުންނެވެ. އެ ނަތީޖާއާ އެކު ބައެއް ނޫސްވެރިން ވަނީ ދެޓީމު ގަސްދުގައި އެއްވަރު ކުރީތޯ ކޯޗާ ސުވާލު ކޮށްފައެވެ.
"މިކަހަލަ މެޗެއްގައި، 3-3 އިން އެއްވަރުވުމުން އެހިސާބުން ދެން އެނގެން ވާނެ މިއީ އެއްބަސްވުމެއްގެ ދަށުން އެކަން ކުރީކީ ނޫންކަން. އަދި ހާއްސަކޮށް އެންމެ ފަހު 90 ވަރަކަށް ސިކުންތުގައި ފެނުނު މަންޒަރުން އެކަން ސާފުވާނެ،" އޮސްޓްރިއާގެ ތަޖުރިބާކާރު ކޯޗު ރަލްގް ރަންގްނިކް ބުންޏެވެ.
"މެޗުގެ ބާކީ ތިން މިނެޓު އޮއްވައި އެ ހިނގައި ދިޔަ ކަންތައް އެހެން ކޮންމެ މީހަކަށް ކިޔައިދިނަސް ބުނާނެ އެއީ އާދަޔާ ހިލާފު ކަންތައްތަކެކޭ. އަހަރެން ކޯޗުކަން ކުރާތާ 40 އަކަށް އަހަރު. އަހަންނެއް ހަނދާނެއް ނެތް އެހާ ޑްރާމާ ބޮޑުކޮށް ނިމިގެން ދިޔަ މެޗެއް،" ރަންގްނިކް ބުންޏެވެ.
ރަންގްނިކް އިތުރަށް ބުނީ ކުޅުންތެރިންގެ ކުޅުމުގެ ފަރާތުންވެސް މެޗު އެއްވަރުކުރަން އުޅުނު މަންޒަރު ނުފެންނަ ކަމަށާއި، ހާއްސަކޮށް މެޗުގެ ފަހުވަގުތު އެ ކުރިމަތިވި ކަންތައްތަކުން މެޗު އެއްވަރުކުރަން އެއްވެސް ޓީމަކުން އުޅުނުތަނެއް ނުފެންނަ ކަމަށެވެ.
މީގެ ކުރިން ވޯލްޑް ކަޕްގެ ފޯމެޓަށް ތަފާތު ބަދަލުތައް ގެނައެވެ. ދެވަނަ ގްރޫޕް ސްޓޭޖެއް ކުޅުމާއި މެދުތެރެއިން ގްރޫޕް ސްޓޭޖެއް ކުޅެން ޖެހުމުގެ އުސޫލު ވެސް ބައެއް ފަހަރު ފެނުނެވެ. މީގެ ކުރީން ގަދަ ތިންވަނަ ޓީމުތަކަށް ނޮކްއައުޓަށް ދެވޭ ގޮތަށް ފެނުނީ މެކްސިކޯ 1986، އިޓަލީ 1990 އަދި އެމެރިކާ 1994 ވަނަ އަހަރު ވޯލްޑް ކަޕްތަކުގައެވެ. މިފަހަރު މިއީ އެ ބަދަލުގެ އެނބުރި އައުމެކެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް