ފްރާންސްގެ ބަޖެޓު އެއާލައިނެއް ކަމަށްވާ "ފްރެންޗް ބީ" އިން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
އޭވިއޭޝަނާ ބެހޭ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕެރިހުން ކޮލަމްބޯ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްރެންޗް ބީ އިން ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ފްރެންޗް ބީގެ ސީއީއޯ މާލް-އެންޓޮއިން ބްލޮންޑިއޫ ވިދާޅުވި ގޮތުގައި، މިއީ އެ އެއާލައިންގެ ވިއުގަ ފުޅާކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ސީދާ ފްރާންސުން ރާއްޖެއަށް އަދި ސްރީލަންކާއަށް ދަތުރުތައް ނެތުމުން، މި ރޫޓަކީ ދެ ގައުމުގެ ފަތުރުވެރިކަމަށް ވެސް އޭގެ ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފްރެންޗް ބީގެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ވަކި ތާވަލުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، ޑިސެންބަރު 19 އިން ފެށިގެން ޖެނުއަރީ 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ހޯމަ ދުވަހާއި ހޮނިހިރު ދުވަހު ދަތުރުތައް ބާއްވާނެއެވެ.
އޭގެ ފަހުން، ޖަނުއަރީ 11 އިން ފެށިގެން މާރިޗު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ދަތުރުތައް ކުރާނެއެވެ. އަދި މާރިޗު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހޮނިހިރު ދުވަހަކު އެއް ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުތަކުގެ ފުރަތަމަ މަރުހަލާގައި އަގުތައް ކަނޑައަޅާފައި ވަނީ އިކޮނޮމީ ކްލާހަށް 649 ޔޫރޯއަށް އަދި ޕްރީމިއަމް ކްލާހަށް 1،399 ޔޫރޯއަށެވެ. ފްރާންސަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ހިމެނޭ މުހިންމު ގައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސުން 29،511 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ލިސްޓުގެ ހަތް ވަނައެވެ.
އަލީ ޔާމިން
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް
ކޮމެންޓް