ވޯލްޑް ކަޕް 2026 ގައި ލިއޮނަލް މެސީގެ ފަރާތުން ފެންނަމުންދާ ފުރިހަމަ ކުޅުމާ މެދު ހައިރާންވާ ކަމަށް ބުނެ، ޓީމުގެ ކުޅުންތެރިންގެ ކުޅުމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ތައުރީފުކޮށްފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ވަނީ ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޖޯޑަން ވެސް ބަލިކޮށްފައެވެ. "ގްރޫޕު ޖޭ" ގައި ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗަށް ނެގި ފުރަތަމަ 11 ގައި އާޖެންޓީނާ ކެޕްޓަން މެސީ ހިމެނިފައި ނުވި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ހިލޭ ޖެހުމަކުން ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ މި ވޯލްޑް ކަޕްގައި އޭނާ ޖެހި ހަ ވަނަ ގޯލެވެ. އަދި އޭނާ ވަނީ ވިދިވިދިގެން ވޯލްޑް ކަޕްގެ ހަތް މެޗެއްގައި ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް ގާއިމުކޮށްފައެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެސީގެ ކުޅުމާ ބެހޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ކުރި ސުވާލުތަކަށް ޖަވާބުދެމުން ސްކަލޯނީ ބުނީ، މެސީއާ ގުޅޭ ސުވާލުތައް ކުރުމުން ބުނާނެ އެއްޗެއް ނޭނގި ބައެއް ފަހަރު އުނދަގޫވާ ކަމަށެވެ.
ސްކަލޯނީ ފާހަގަކުރި ގޮތުގައި، މެސީގެ ވިސްނުމަކީ ހަމައެކަނި ތަފާސްހިސާބުތަކާއި އަމިއްލަ ގޯލުތަކެއް ނޫނެވެ. މެސީ ބޭނުން ވަނީ ޓީމުގެ އެހެން ކުޅުންތެރިންނަށް ވެސް މެޗުގެ ތެރެއިން ފުރުސަތު ލިބުން ކަމަށާއި މެސީގެ ފަރާތުން ކޮންމެ މެޗެއްގައި ފެންނަމުންދާ ކުޅުމަކީ އަބަދު ވެސް ހައިރާން ކުރުވާ ކަމެއް ކަމަށް ސްކަލޯނީ ބުންޏެވެ.
އެ މެޗުގައި އާޖެންޓީނާގެ ކޯޗު ވަނީ ފުރަތަމަ 11 އަށް ނުވަ ބަދަލެއް ގެނެސްފައެވެ. އެހެންނަމަވެސް، ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މުބާރާތުގައި މިހާތަނަށް ކުޅުމުގެ ފުރުސަތު ނުލިބޭ ކުޅުންތެރިންނަށް މެޗުގައި ފުރުސަތު ދެވުމަކީ ކުރިން ވެސް ކަނޑައެޅި އަމާޒެއް ކަމަށް އޭނާ ބުންޏެވެ.
މުބާރާތުގެ ގަދަ 32 ގައި އާޖެންޓީނާ ދެން ނުކުންނާނީ އެމެރިކާގެ މަޔާމީގައި ކޭޕް ވާޑްއާ ދެކޮޅަށެވެ. ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑް އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ދެވަނަ ބުރަށް ދަތުރުކުރި އެންމެ ކުޑަ ގައުމެވެ. ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާއި ވޯލްޑް ކަޕްގެ ފުރަތަމަ ޗެމްޕިއަން އުރުގުއާއީ އަދި ސައުދީ އަރަބިއްޔާއާ އެއް ގްރޫޕެއްގައި ހިމެނުނު ކޭޕް ވާޑުން ވަނީ ގްރޫޕުގެ ދެވަނަ ހޯދައި، މުޅި ފުޓުބޯޅަ ދުނިޔެއަށް ސިހުމެއް ގެނުވައިފައެވެ. ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ކޭޕް ވާޑް ވަނީ އެއްވަރުވެފައެވެ.
ކޭޕް ވާޑްއާ ދެކޮޅަށް ކުޅޭ އެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސްކަލޯނީ ބުނީ، ކޭޕް ވާޑް އަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫން ކަމަށެވެ. އެއީ ވަރަށް ހަލުވި އަދި ފެންވަރު ރަނގަޅު ކުޅުމެއް ކުޅޭ ޓީމެއް ކަމަށާއި އެ ޓީމުން އާޖެންޓީނާއަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސްކަލޯނީ ބުންޏެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ކޮމެންޓް